ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ކެނެޑާގެ ސަފީރު ގޯޑަން ކެމްބްލެއާ އެކު: ބޭރުގައި ތިއްބަވައިގެން މި ބޭފުޅުންގެ މަސައްކަތް ކުރައްވަނީ "ބަޣާވާތަކަށް" ކަމަށް ސަރުކާރުން ތުހުމަތުކުރޭ. --ފޮޓޯ: އެމްޑީޕީ
28 އޯގަސްޓް 2016 - 12:43
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލަން އިދިކޮޅު އިއްތިހާދުން މަސައްކަތް ނުކުރާ ކަމަށާއި އެއަށް ވުރެ ސަރުކާރު އޮތީ މާ ބަލިކަށިކޮށް ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް، ބީބީސީން މިދިޔަ ހަފުތާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ އިދިކޮޅު ފަރާތްތަކުން ރާވާފައިވާ "ބަޣާވަތެއް" ކަމަށާއި އެކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ޖާގަ ނުދޭނެ ކަމަށް ސަރުކާރުގެ އެކި ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހާމިދު "މިހާރު" އަށް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފުވެ ރައްޔިތުންނަށް ގެއްލުންދީ ހިންގާ ވިޔާނުދާ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތްތަކަކީ ބަޣާވާތެއް ކަމަށް ފްރޭމްކުރަނީ ސަރުކާރުން ކަމަށެވެ. ރައްޔިތުންނަށް ފެންނަމުން މިދަނީ ސަރުކާރުގެ ވިޔާނުދާ އަމަލުތަކާ ހެދި އަމިއްލަ އަށް ވެއްޓޭ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ޖޫން މަހު އުފެއްދި އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރަނީ 2018 ގެ ރިޔާސީ އިންތިހާބުގެ ކުރިން އިންތިގާލީ ސަރުކާރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގައި އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތްތަކަށް ކާމިޔާބު ލިބެމުން އަންނަ ވެސް ކަމަށް ހާމިދު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު އިންޑިއާގެ ސިޔާސީ ފަރާތްތަކާ ހިއްސާކުރަން މިދިޔަ ޖުލައި މަހު ބޭރަށް ވަޑައިގެންނެވި ހިޔަނި ކެބިނެޓުގެ ވަޒީރުން
"އަޅުގަނޑުމެން މި ދައްކަނީ ސަރުކާރު ކަމުނުދާ ވާހަކަ. އިންތިގާލީ މަރުހަލާއެއް ބޭނުންވެޔޭ. ސަރުކާރުން އަމިއްލަ އަށް މި ބުނަނީ ބަޣާވާތޭ. މި ފެންނަނީ ސަރުކާރުގެ ވިޔާނުދާ ކަމުން އަމިއްލަ ޒާތުގައި ވެއްޓޭތަން،" ހާމިދު ވިދާޅުވި އެވެ.
ރައްޔިތުންނަށް އެ މަންޒަރު މުޅިން ސާފުވާ އެއް ކަމަކީ، ހާމިދު ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ޕާޓީ ތެރޭގައި އުފެދިފައިވާ ކޯޅުންތަކެވެ. ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަންކަމާ މެދު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނެވިއިރު، އެ ޕާޓީގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ތެރޭގައި ވެސް ކަންހިނގާ ގޮތް ރައްޔިތުންނަށް ވަރަށް ސާފު ކަމަށް ހާމިދު ވިދާޅުވި އެވެ.
"ބޭރުގެ ނުފޫޒާ އެކު ވެރިކަން ބަދަލުކުރަން އުޅޭ ކަމަށް ކުރާ ތުހުމަތުތަކުގައި ވެސް ހަގީގަތެއް ނެތް. މިއީ އަމިއްލަ އަށް ކޮޅަށް ހުރެވޭ ވަރަށް ވުރެ ބަލި ސަރުކާރެއް."
ރާއްޖޭގެ ވެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން ސްރީ ލަންކާގައި ކުރިއަށް ދިޔަ ބައްދަލުވުންތަކާ މެދު ހާމިދު ވިދާޅުވީ، އިންގިތާލީ ސަރުކާރާ ގުޅޭ މަޝްވަރާތައް ލަންކާގައި ވެސް ކުރިއަށްދާ ކަމަށެވެ. އެކި ދުވަސްވަރު އެކި ބޭފުޅުން ވަޑައިގެން މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާމިދު ވިދާޅުވި ގޮތުގައި، އެއިން ކޮންމެ ދަތުރަަކީ ބަޣާވާތުގެ ދަތުރެއް ކަމަށް ވިސްނަނީ ވެސް ސަރުކާރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
31 August 2016
ހިޔަންޏަށް މުޑިނަގާ ޓީމުން ނުބުންޏަސް ތިކަން އެނގޭނެތާ އެންމެނަށްވެސް. ވެރިމީހާ އިސްތިއުފާ ދިނުމުން ދެން އޮންނަ ހަމައަކުން ވެރިކަމުގެ ހުވާ ކުރަންޖެހޭ ފަރާތަކުން ހުވާ ކުރީމަ އެއެއްނު ބަޣާވާތަކީ. ހެހެހެހެ ކަލޭމެން ފަކީރުން ދޯ ދެން
ޓްވިކްސް
30 August 2016
ހަމަހޭގަތޯ. ތިޔަ ބުނެވުނީ ވެރިކަން ވައްޓާލާށޭ މި އުޅެނީ.
ދޮންބެ
29 August 2016
ގެންދަވާނީ ދައްކަވާން ހުރި ކަމެއް ދައްކަވާފައެވެ.
ގާހިރު
29 August 2016
ކަލޯމެންނޭ... އެހާ ބަލިކަށިއްޔާ ކީއްވެތަ ވައްޓާ ނުލާ ތިޔަ ތިބެނީ. މަށަށް ހީވަނީ ކަމެއް ކޮށްލައިގެން ނުވަތަ މަސައްކަތެއް ކޮށްލައިގެންވެސް ވެރިކަން ވައްޓާލަން ބޭނުން ނުވަނީކަން. މިއުޅޭ މަގުމަތި ކުދިންކޮޅު ވައްޓާލަ ދީފިއްޔާ ވިއްސާރަ ކޯޓުކޯޓުގައްޔާއި އެހެން ކޯޓްކޯޓްލައިގެން ޓީވީތަކަށް އަރައިގެން މިހާރުމީ މަމެންގެ ވެރިކަމޭ މުޅި ދުނިޔެ އޮތީ މަމެންނާ އެކުގައޭ ކިޔާލަ ކިޔާލަތިބެން. ކެއްކޮށްލާ މިއީ، މިއީ، މާނަކުތު ވިއްސާރައާއި ފުރަ އުތަރަ ވިއްސާރަ މޫސުން. ސަރުކާރު ބަލިކަށިކަމުން ރޭގަނޑު އަންނަ ކޮޅުގަޑެއްގެ ވައިން އިރުއަރާ އިރު ސަރުކާރު ވެއްޓިދާނެ!!!!!!!!!!!!!!!!!!!
އަލީ
29 August 2016
ދޮންމީހަކާނުލާ ފޮޓޯ ގަނޑެއްވެސް ނުނެގޭއުތަ؟ ތީ ފެއިލްވެފަ ތިބި ބައެއް!
އިބިރިހިން ތައްކާނު
29 August 2016
ފޮޓޯތަކަށް ބަލާލުމުން މަންޒަރު ވަރަށްސާފު. މުޅިންވެސް ދަންނަ މޫނުތަކަކާއި ދޮން ސަޕޯޓަރުން. ދިވެހިން ރަގަޅަށް ވިސްނަން އެބަޖެހޭ.
ޢަން
28 August 2016
ކޮބާ މިތާ އުޅޭ އަންބާރާ ގްރޫޕް. ލަންކާއިން އިންޑިޔާ އިން ސަލާމާ ހިނގާތި ދެރަދޯ...
ތިލަފަޅު
28 August 2016
ފާރިޝްގެ ޓީމަކީ ކުރިމަގު އުޖާލާ ކޮށްދީ އަގުތައް ތިރިކޮށްދީ ދިރިއުޅުން ލުއިކޮށްދޭނެ ޓީމެއް
ފަޤީރުކަލޯ!
28 August 2016
ބަލިކަށި އެއްޗެއް ވައްޓައި ނުލެވިގެން ތިއުޅެނީ އެއަށްވުރެ ކަލޭމެން ބަލިކަށި ވީމަ އުތަ؟ ކަލޯ ބުނަންތަ ވާހަކައެއް، ދުރުންދާ އޮޑިއަކަށް ނިވަލެއް ނޯންނާނެ!
ހަތާ / މެދު ޕްރޮވިންސް
29 August 2016
ފަގީރުކަލޯ ހަރުބަސް ބުނެފައޮޔްލެއް ނުބައި ހަމަ ހަގީގަތުގައިވެސް ފަގީރުކަލޯގެ ބަސްމަގު ހަމަ ވަރަށް ފަގީރު ރަންގަޅު ކޮށްލާ ރަނގަޅުވާނެ
ޒުލް
28 August 2016
މަނިކުފާނޫ ...ތިބާއަށް ރައްޔިތުންވަނީ ވަރަށް ސާފުކޮށް ވޯޓު ކަރުދާހުން ނޫނެކޭ ބުނެފާ....