ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

އޭއެފްސީ ކޮލިފިކޭޝަން: ޒުވާން ޓީމަށް މުހިއްމު ފުރުސަތެއް!

ފިލިޕީންސް ޓީމާކާ ދެކޮޅަށް ނުކުތް ގައުމީ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އެފްއޭއެމް

މިިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރިނުވުމަކީ ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ. އެފްއޭއެމުން އޭރު އެ ގޮތަށް ނިންމީ ސާފް ސުޒުކީ ކަޕާއި އޭޝިއަން ގޭމްސްގައި އެއް ކުޅުންތެރިންތަކަކަށް އެހާ ގާތްގާތުގައި ނުކުޅެވޭނެތީ ކަމަށް ބުނެ އެވެ. އެ ނިންމުމާ އެކު ކުރިއަށް ގޮސް ސާފްގެ ތަށި ކާމިޔާބުކޮށް ރާއްޖޭން ޒުވާން ޓީމެއް ބިނާކުރި އެވެ. މިއަދު ފަށާ އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިން އަކީ އެ ކުޅުންތެރިން އެހެން ހަރުފަތަކަށް އެރުމަށް ލިބިފައިވާ ފުރުސަތެކެވެ.

ރާއްޖޭން އެންމެ ފަހުން 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނީ މީގެ ހަތަރު އަހަރު ކުރިން 2015 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެ ފަހަރު ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކަކީ މިހާރު ސީނިއާ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ. އޭރު ލިބުނު ތަޖުރިބާއިން ޒުވާން ޓީމުގެ ކުޅުންތެރިން ބޮޑު ކުރިއެރުމެއް ހޯދި އެވެ. ޕްރެޝަރު މެޗުތަކަށް ހޭނުނެވެ.

އެ ފަހަރުގެ ކޮލިފިކޭޝަނަށް ރާއްޖެ ތައްޔާރުވީ ސީނިއާ ގައުމީ ޓީމަކަށް އޭރު ހުރި ބަލްގޭރިއާގެ ވެލިޒާ ޕޮފޯފްގެ ބެލުމުގެ ދަށުންނެވެ. ކޮލިފިކޭޝަނަށް ގޮސް ކުޅުންތެރިންނަށް އިރުޝާދުދިނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

މާލޭގައި ރަނގަޅު ތަމްރީންތަކެއް ފުރިހަމަކޮށް އެ ފަހަރު އޮމާނުގައި ކުރިއަށްދިޔަ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނީ އޮމާނުގެ އިތުރުން އިރާގާއި ލެބަނަން އަދި ބަހްރޭނާ ދެކޮޅަށެވެ. ރާއްޖެ ކޮލިފިކޭޝަން ނިންމާލީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ވެސް ނުލިބި އެވެ. ކޮލިފިކޭޝަނުގައި ބައިކޮޅަށް 17 ގޯލު ވަންއިރު، ޖެހުނީ ދެ ގޯލެވެ. އެއީ ލެބަނަން ކޮޅަށް މުހައްމަދު އިރުފާން (އިރޭ) ޖެހި ގޯލާއި އިރާގު ކޮޅަށް ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލެވެ.

2015 ވަނަ އަހަރުގެ ކޮލިފިކޭޝަނުގައި ކުޅުނު ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު. -- ފޮޓޯ: އެފްއޭއެމް

ތާވަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ފަހުން ކޮލިފައިންގައި ރާއްޖެ އަށް ލިބުނު އެއްޗެއް ނެތެވެ. އެކަމަކު ލިބުނު ތަޖުރިބާ އާއި ކުރިއަށްދާން ލިބުނު ހިތްވަރަށް ބަލާއިރު ކުޅުންތެރިންނަށް ހާސިލްވި މިންވަރު އެތައް ގުނައެއް އިތުރެވެ. ކުޅުންތެރިންގެ ކެރިއަރުގައި ކުރިއަށްދާން މަގުކޮށުނެވެ. މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އަކީ މިސާލެކެވެ.

އެ ފަހަރު ކޮލިފިކޭޝަނަށް ދިޔައިރު ރިޒޭގެ އުމުރަކީ 19 އަހަރެވެ. އަދި ސަމުއްޓެގެ އުމުރަކީ 18 އަހަރެވެ. އެ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި މި ދެ ކުޅުންތެރިން ކުޅުނެވެ. ސަމުއްޓެ އާއި ރިޒޭ ބުނި ގޮތުގައި އެފަހަރު ދަސްވި ކަމަކީ ކެރިގެން ކުޅެފިނަމަ މަތީ ލެވެލްތަކުގައި ވެސް ކުޅެވޭނެކަން ކަމެވެ.

"އަސްލު އެ ފަހަރު ވަރަށް ރަނގަޅު ކަންތަކެއް ދަސްވި. ޕްރެޝަރުގައި ކުޅެން އެނގުނު. މުޅިން ތަފާތު ލެވެލެއްގައި އިދިކޮޅު ޓީމުތައް ފަރިތަކުރަނީ. އެކަމަކު ވެސް އެ މީހުންނާ ދެކޮޅަށް ވެސް ކުޅެވޭނެކަން އެނގުނު. އޭގެ ފައިދާ މިހާރު ވެސް ކުރޭ،" ޒުވާން އުމުރުގައި ގައުމީ ސީނިއާ ޓީމުން ފުރުސަތު ހޯދައި މިދިޔަ އަހަރު ގައުމީ ޓީމާ އެކު ސާފް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ސަމުއްޓެ "މިހާރަ"ށް ބުންޏެވެ.

ރިޒޭ ބުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުމަށް ފަހު ދެން 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ކުޅުމުން ވަރަށް ބޮޑު ބަދަލެއް އިހުސާސް ކުރެވުނު ކަމަށެވެ. އަދި ފެންވަރުގެ ގޮތުން ރަނގަޅު ޓީމުތަކާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ކެރިއަރުގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.

މި ފަހަރުގެ ޓީމުގައި ވެސް ހުނަރު، ބޭނުން ހިފަން ރަނުގެ ފުރުސަތެއް!

ކޮލިފައިންގެ ފުރަތަމަ މެޗަށް މިއަދު ނުކުންނައިރު އަންނަ އަހަރު ތައިލެންޑުގައި އޮތް މުބާރާތަށް ރާއްޖެ ކޮލިފައިވުމުގެ ފުރުސަތު ގިނަ ބަޔެއްގެ ނަޒަރުގައި ކުޑަވާނެ އެވެ. އެއީ ވާދަކުރަން އޮތް ޓީމުތަކާ އަޅާކިއުމަށް ފަހު އެވެ. އެކަމަކު މިހާރުގެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކުޅުންތެރިން އެބަތިއްބެވެ. މީގެ ކުރިން ގައުމީ ލެވެލްގައި އުމުރުފުރާ ޓީމުތަކުގައި ކުޅެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިން ވެސް ހިމެނެ އެވެ. އަދި އެންމެ ފަހުން ނިމިދިޔަ ޔޫތު ޗެމްޕިއަންޝިޕްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަށް ވަނީ ޓީމުން ފުރުސަތު ދީފަ އެވެ.

މުބާތާތަށް މާލޭގައި ޓީމު ފަރިތަކުރަމުންދިޔައިރު، "މިހާރަ"ށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނީ މި ވަގުތު އޮތް ޓީމުގައި ތިބީ ނިސްބަތުން ބަލާއިރު ވަރަށް ޒުވާން ކުޅުންތެރިން ކަމަށާއި މަގުސަދަކީ މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާކުރުން ކަމަށެވެ.

"ފަހަރެއްގައި އަހަރެމެން އެންމެ ރަނގަޅަށް ތައްޔާރުވީ ފަަހަރު ނޫން ކަމަށް ވެދާނެ. އަދި މި ޓީމުގައި މި ތިބީ އެންމެ ރަނގަޅު ކުޅުންތެރިން ކަމަށް ނުވެދާނެ. މި ބުނީ މި ލެވެލްގެ ފުޓްބޯޅަ އަށް. އެއީ 16 އާއި 17 އަހަރުގެ ކުޅުންތެރިން ވެސް ތިބީމަ. އެ ހުރިހާ ކަމެއް ބަދަލުކޮށްލެވޭނީ މި ކުޅުންތެރިން ލާ ހިތްވަރުން. މި ކުޅުންތެރިން މަސައްކަތްކޮށްފިނަމަ މިއީ ކުރިއަށް އޮތް އަހަރުތަކުގައި ގައުމީ ޓީމު ޑޮމިނޭޓްކުރާނެ ކުޅުންތެރިން،" ސެގާޓް ބުންޏެވެ.

މިއަދު ފަށާ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅެން ޖެހެނީ ސައުދީ އަރަބިއާ، ލެބަނަން އަދި ޔޫއޭއީއާ ދެކޮޅަށެވެ. މުބާރާތަށް ފަރިތަކުރުމުގެ ގޮތުން ޒުވާން ގައުމީ ޓީމު ވަނީ ފިލިޕީންސްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ފެންވަރުގެ ގޮތުން ބަލާއިރު ރަނގަޅު ޓީމުތަކާ ދެކޮޅަށް ތިން މެޗެއް ކުޅުނުއިރު، ދެ މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެ ތިން މެޗުގެ ތެރެއިން ދެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މީގެ ކުރިން 19 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅުނު ޓީސީގެ އައްޒާމް އަބްދުﷲ (އެޑޫ) އެވެ.

އެޑޫ "މިހާރަ"ށް ބުނީ މިހާރު ތިބި ޓީމުގައި ވެސް މި ލެވެލްގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން އެބަތިބި ކަމަށެވެ.

ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އެޑޫ. -- ފޮޓޯ: އެފްއޭއެމް/އިބްރާހިމް ފާއިދު

"ސީނިއާ ޓީމުގައި ވެސް ކުޅުނު ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިންނާ އެކު އަލަށް އައި ކުޅުންތެރިން ވެސް ވަރަށް ހިތްވަރު ކުރޭ. މިއީ ހަގީގަތުގައި ވަރަށް ރަނގަޅު މެޗުތަކެއް. ވަރަށް މުހިއްމު ތަޖުރިބާތަކެއް ވެސް ލިބޭނެ މެޗެއް،" މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ވެސް ކެޕްޓަންކަން ކުރި އެޑޫ ބުންޏެވެ.

ކޮލިފިކޭޝަނުގައި ވާދަކުރާ ޒުވާން ގައުމީ ޓީމުގައި ހިމެނޭ ސީނިއާ ގައުމީ ޓީމަށް އެރި ކުޅުންތެރިންނަކީ އެޑޫގެ އިތުރުން ހަސަން ރާއިފް އަހުމަދު (ހަންނަ)، ރިހާމް އަބްދުލް ގަނީ (ބޮބީ)، އަބްދުﷲ ޔާމީން (ޔާން) އަދި ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ. ގައުމީ ކޯޗު ސެގާޓްގެ ނަޒަރުގައި މިއީ މި ކުޅުންތެރިން ވެސް ލީޑަރުންގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ފަހަރެކެވެ.

ގައުމީ ކޯޗު ސެގާޓް ވަނީ ކޮލިފިކޭޝަނުގައި އެހެން ތަޖުރިބާއެއް ކުރުމުގެ ގޮތުން ވެސް މުހިއްމު ނިންމުމެއް ނިންމައިފަ އެވެ. އެއީ ޓީމު ލީޑުކުރުމުގެ ޒިންމާ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)އާ ހަވާލުކުރުމަށެވެ. ސެގާޓްގެ ނަޒަރުގައި މި ފަދަ މެޗުތަކުގައި ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ފުރުސަތު ދިވެއްސަކަށް ވެސް ލިބެން ޖެހެ އެވެ. ޝާކިއްޓެ އަށް ފުރިހަމަ އިތުބާރު އޮތުމުން ސެގާޓް މި ފަހަރު ޝާކިއްޓެ އަށް އެ ފުރުސަތު ދޭން ނިންމީ ވެސް މި ވޭތުވީ އެއް އަހަރު ޝާކިއްޓޭއާ އެކު ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭތީ އެވެ.

ރާއްޖޭން ކޮލިފިކޭޝަން ފަށާނީ ސައުދީއާ ދެކޮޅަށް މިރޭ ރާއްޖޭ ގަޑިން 10:25 ގައި ކުޅޭ މެޗުންނެވެ. ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:25 ގައި ނިކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި މި މަހު އަންގާރަ ދުވަހު ނުކުންނާނީ ލުބުނާންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އެރޭ ރާއްޖެ ގަޑިން 7:25 ގަ އެވެ.

މި ލެވެލްގެ މެޗުތަކަށް ރާއްޖޭގެ ޒުވާން ޓީމު ނުކުންނައިރު، ދެ ދުވަހުން މެޗެއް ޖެހުމަކީ އުނދަގޫވާނެ ކަމެކެވެ. އެހެން ނަމަވެސް މި މެޗުތަކަކީ މުސްތަގުބަލެއް ބިނާކުރުމަށް މި ކުޅުންތެރިންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. މަތީ ލެވެލްގައި ފަރިތަކުރަމުން އަންނަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިއްޖެނަމަ އެއީ ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ. އެގޮތަށް ވިސްނާއިރު މި ތިން މެޗަކީ ހަމައެކަނި މެޗުތަކެއްގެ ގޮތުގައި ނެގުމަށް ވުރެން ކެރިއަރުގައި ކުރިއަށްދިއުމަށް ކުރިއަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ނަގަން ޖެހެ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

إبراهيم

22 March 2019

މޮޅުވާނެ إنشاءالله

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454