އިންޑިއާގެ ޓޮސް އެކެޑެމީ އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން އަދި ބައެއް އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 މާޗް 2019 - 09:34
އިންޑިއާގެ ޓްރިވެންޑްރަމްގައި ފުޅާ ދާއިރާއެއްގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮސް އެކެޑަމީއާ ގުޅުން ބަދަހިކޮށް އެ އެކެޑަމީގެ އެހީގައި ރާއްޖޭގެ ބެޑްމިންޓަނަށް ވެސް ގިނަ ފުރުސަތުތަކެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއާ އަކީ ދުނިޔޭގެ ބެޑްމިންޓަނުގައި އެންމެ ފުންނާބު އުސް އެއް ގައުމެވެ. އެ ގައުމުގެ ބެޑްމިންޓަން ހުރިހާ ސްޓޭޓެއްގައި އޮތީ ވަރަށް ބޮޑަށް ކުރިއަރައިފި އެވެ. އެ ގޮތުން 2016 ވަނަ އަހަރު މަތީ ފެންވަރުގެ ޓްރެއިނިން ސެންޓަރަކާ އެކު ޓްރިވެންޑްރަމްގައި ބެޑްމިންޓަން މަސައްކަތް ކުރަމުން ގޮސް ހަލުވި ދުވެއްޔެއްގައި މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ އެކެޑަމީން ތަމްރީން ހޯދާ ކުޅުންތެރިން އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި އިންޑިއާ ތަމްސީލްކުރަމުންނެވެ.
ކުޅިވަރު އެކުވެނީ ބެޑްމިންޓަން ކޯޓުގައި އިއްޔެ ވަނީ ޓޮސް އެކެޑަމީގެ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާ މެޗުތަކެއް ކުޅެފަ އެވެ. މި މެޗުތައް ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މާލޭގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް އެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެކްސްކޯ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޓޮސް އެކެޑަމީގެ ފަރާތުން އެޑްމިން މެނޭޖަރު ނައުޝާދު (ވ) ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ނައިބު ރައީސް ޝާކިރުއާ ރަމްޒީ އެވޯޑެއް ހަވާލުކުރަނީ. -- ފޮޓޯ: ނިޝާން އަލީ
ޓޮސް އެކެޑަމީގެ އެޑްމިން މެނޭޖަރު ނައުޝާދު ބަޝީރު ބުނީ ބެޑްމިންޓަން ކުރިއެރުވުމުގެ މަގުސަދުގައި ޓޮސް އެކެޑަމީ އާއި ރާއްޖެއާ މީގެ ދެ އަހަރު ކުރިން ވެސް ވާހަކަތަކެއް ދެކެވުނު ކަމަށާއި އެކަމަކު އަމަލީ ސިފަ ނުޖެހި އޮތީ ކަމަށެވެ. އެކަމަކު ފަހަކަށް އައިސް އެކަން ކުރުމުގެ ވިސްނުމުގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި ގިނަ ކަންތައްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ރާއްޖެ އަކީ ކުޑަ ރަށްތަކެއްގެ ގޮތަށް އޮތް ގައުމެއް. ހުރިހާ ތަނަކުން ކުޅުންތެރިން އެއްތަނަކަށް ގެނެސްގެން ރަނގަޅު އިންފްރާސްޓްރަކްޗާއެއް އޮތްތަނުގައި ކުޅުންތެރިން ޓްރެއިން ކުރަންވީ. އަހަރެމެން މި ތިބީ މި ފަދަ ޕްރޮގްރާމްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް އެހީތެރިވެދޭން. އަދި މީގެއިން އަހަރެމެންގެ ކުޅުންތެރިންނަށް ވެސް ރަނގަޅު މެޗުތަކެއް ލިބޭނެ،" ނައުޝާދު ބުންޏެވެ.
އޭނާ ބުނީ ރަސްމީ ސިފައެއްގައި ވަރަށް އަވަހަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅުން ބަދަހިކުރާނެ ކަމަށާއި އޭގެ ތެރެއިން ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުޅުންތެރިން އެކޮޅަށް ގޮސް ކުރު މުއްދަތުގެ ޓްރެއިނިންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދޭނެ ކަމަށެވެ. އެގޮތުން ޓޮސް އެކެޑަމީ އަކީ ދުނިޔޭގެ ފެންވަރުގެ ރަނގަޅު ކޯޗުން ގެނެސްގެން ކުރު މުއްދަތުގެ ރަނގަޅު ކޯސްތައް ކުރިއަށްގެންދާ އެކެޑަމީއެއް ކަމަށް ބުންޏެވެ.
ބީއޭއެމްގެ އެކްސްކޯ މެމްބަރު އަހުމަދު އާތިފް (އާތީ) "މިހާރަ"ށް ބުނީ މި ފުރުސަތަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވުނު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ކްލަބުން މީގެ ދެ އަހަރެއް ކުރިން ޓްރިވެންޑްރަމްގައި ކުޅެން އުޅުމުގެ ތެރޭގައި ވާހަކަ ދެކެވުނީ ކިހިނެއްތޯ ދެ ގައުމުގެ މެދުގައި ރަނގަޅު އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ހިންގޭނީ. ޓޮސް އެކެޑަމީ އަކީ ވަރަށް ރަނގަޅު އިންފްރާސްޓްރަކްޗާއެއް އޮތް ތަނެއް. އެހެންވީމަ އެ މީހުންނާ ގުޅުން ބަދަހިކޮށް ޕްރޮގްރާމްތަކެއް ހިންގިއްޖެނަމަ އޭގެ ފައިދާ ރާއްޖޭގެ ބެޑްމިންޓަނަށް ކުރާނެ،" އޭނާ ބުންޏެވެ.
އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން ޒުވާން ކުޅުންތެރިއާ ނިބާލް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓޮސް އެކެޑަމީއާ އެކު މި ފަހަރުގެ މެޗުތަކަށް އައި ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ ގައުމީ ލެވެލްގެ މުބާރާތްތަކުގައި އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅެފައި ތިބި ކުޅުންތެރިން ހިމެނޭ ކަމަށް އެ އެކެޑަމީން ބުނެ އެވެ.
އިއްޔެ ޓޮސް އެކެޑަމީއާ އެކު ސިންގަލްސް މެޗެއް ނިންމާލުމަށް ފަހު ރާއްޖޭގެ ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދު ބުނީ ލެވެލްގެ ގޮތުން މާ ބޮޑު ތަފާތެއް ފާހަގަނުކުރެވުނު ނަމަވެސް ވާދަވެރި ރަނގަޅު މެޗެއް ކުޅެވުނު ކަމަށެވެ. އަދި މި ފަދަ މެޗުތަކުގެ ފައިދާކުރާނެ ކަމަށް ނިބާލް ގަބޫލުކުރެ އެވެ.
މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލެއް ގެނައުމުގެ އަމާޒުގައި ބެޑްމިންޓަނުން އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެގޮތުން މާލޭގައި ގަވައިދުން ޕްރެކްޓިސް ކުރި ނަމަވެސް ފުރުސަތު ލިބޭ ވަރަކުން ބައިނަލްއަގްވާމީ މުބާރާތަކަށް ޓީމުގައި އެ އިރެއްގައި ތިބި އެންމެ ރަނގަޅު ކުޅުންތެރިން ފޮނުވަ އެވެ.
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ސްކޮޑުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއާ އިބްރާހިމް ޝާމިއު ބުނީ ބެޑްމިންޓަންގައި އިންޑިއާ އަކީ ޓޮޕް ގައުމެއް ކަމަށާއި ސްޓޭޓް ލެވެލްގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ވެސް އާންމުކޮށް އުނދަގޫވާނެ ކަމަށެވެ. އެންމެ ބޮޑަށް ފައިދާ ކުރާނެ ކަމަކީ ރާއްޖޭގައި ޓްރެއިންކުރާއިރު ކުޅެން ޖެހެނީ އަބަދުވެސް ދެކެފަރިތަ ކުޅުންތެރިންނާ ދެކޮޅަށް ކަމަށާއި އޭގެ ބަދަލުގައި ބޭރުން އަންނަ ކުޅުންތެރިންނާ މި ގޮތަށް ކުޅެލަން ލިބުމުގެ ފައިދާކުރާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
24 March 2019
އަނެއްކާ ތިކަމުގަ މިއުޅޭ އުމަރު ގެ ލަފާ ހޯދިބާ؟ އެހެންނޫނީ ތިމީހުން ބާލަން ވެސް ބާލީސްދޮށަށް ކްލައުޑް9 ޗޮކްލެޓް އަޅައިގެން ހައިހޫނު ކަމުގެ ހަޅުތާލެއް ފަށާފާނެ.