24 މާޗް 2019 - 12:20
ލަންޑަން (މާޗް 24) - މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބެލެވޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ހޯދުމުގެ ރޭހަށް ޗެލްސީން ވަންނާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. އެކަމަކު އެކަން ވާން އޮންނާނީ ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ދީފައިވާ އަދަބުން ސަލާމަތްވެއްޖެ ނަމަ އެވެ. ޗެލްސީން އަންނަނީ އެ މައްސަލަ ދެ ވަނަ ފަހަރަށް އިސްތިއުނާފްކުރުމަށް ތައްޔާރުވަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލް މެޑްރިޑުގެ ކޯޗުކަމާ ޒިނެދީން ޒިދާން އަލުން ހަވާލުވުމަށް ފަހު އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ގެންދަން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަޒާޑް މިހާރު ވަނީ ރެއާލަށް ބަދަލުވާން އެ ކްލަބާ އެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފަ އެވެ.
ޗެލްސީން ކުޓީނިއޯ ހޯދުމުގެ ރޭހަށް ވަންނަން ނިންމީ ހަޒާޑްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާތީ އެވެ. ހަޒާޑް ޗެލްސީ ދޫކޮށްލައިފިނަމަ އެ ޓީމުން އެ މަގާމު ފޫބައްދަން އެންމެ ބޭނުންވަނީ ކުޓީނިއޯ އެވެ.
ލިވަޕޫލް ދޫކޮށް ކުޓީނިއޯ މިދިޔަ އަހަރު ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވީ 160 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ފަހަކަށް އައިސް އެ ޓީމުގައި އެހާ ފުރުސަތެއް ނުލިބޭއިރު، އޭނާ އަށް ކުރިން ދައްކަމުން އަންނަ މޮޅު ކުޅުން ދައްކަން ވެސް ވަނީ އުނދަގޫވެފަ އެވެ. އެހެންވެ، ބާސެލޯނާ އިން ކުޓީނިއޯ ވިއްކާލަން ނިންމާފައިވާ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
އަދި ބާސެލޯނާ އިން އަޔަކްސް އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ އުއްމީދީ މިޑްފީލްޑަރު ފްރެންކީ ޑިޔޯން ގެނެސްފައިވާއިރު، އަންނަ ސީޒަނުގައި ކުޓީނިއޯ ބާސެލޯނާ އިން ފެނުމުގެ ފުރުސަތު ވަަރަށް ކުޑަ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރު ހުއިލެމް ބަލަގޫ ވަނީ ބުނެފަ އެވެ.
އުމުރުން 26 އަހަރުގެ ކުޓީނިއޯ ހޯދަން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީންނެވެ. ޗެލްސީން ކުޓީނިއޯގެ ރޭހަށް ވަނުމާ އެކު އޭނާގެ ޑިމާންޑް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ކުޓީނިއޯ ވިއްކާލަން ކިޔާ އަގަކީ 110 މިލިއަން ޔޫރޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy