ފައިނޭންސް ފެއާގެ ހަރަކާތްތައް ސްކޫލުުތަކުގައި ކުރިއަށްދަނީ--ފޮޓޯ:އެމްއެމްއޭ
30 މާޗް 2019 - 14:41
ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ހަތަރު ސަރަހައްދަކުން ހަތަރު ސްކޫލުގައި ފައިނޭންސް ފެއާއެއް އިއްޔެ ބާއްވައިފި އެވެ.
މި ފެއާ ބޭއްވީ ހުޅުމާލެ ރެހެންދި ސްކޫލާއި ހދ. ކުޅުދުއްފުއްޓާއި ލ. ފޮނަދު އާއި ގދ. ތިނަދޫ ސްކޫލްގަ އެވެ. ފައިނޭންސް ފެއާގެ އިތުރުން ސްކޫލުތަކުގައި ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފަ އެވެ.
ގދ. ތިނަދޫގައި ބޭއްވި ފައިނޭންސް ފެއާ އާއި ކުޑަކުދިންގެ ހަވީރުގައި 1000 ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. ހދ. ކުޅުދުއްފުއްޓާއި ގދ ގައްދޫގައި ބޭއްވި ހަރަކާތްތަކަށް ކޮންމެ ރަށަކުން 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި ބޭއްވި ފެއާއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މިފަދަ ފެއާ ބޭއްވުމުގެ ބޭނުމަކީ ސްކޫލު ކުދިންގެ މެދުގައި ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުމެވެ. މި ފެއާގައި ދަރިވަރުން ވަނީ އެކި ބާވަތްތައް އަމިއްލަ އަށް އުފެއްދުމަށް ފަހު އެތަކެތި ވިއްކައިފަ އެވެ.
ފައިނޭންސް ފެއާގައި ގިނަ އަދަދެއްގެ ސްކޫލު ކުދިން--ފޮޓޯ:އެމްއެމްއޭ
މާލެ އާއި އަތޮޅު ތެރޭގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލްތަކާއި މާލީ އިދާރާތަކުގެ އެހީއާ އެކު އެވެ.
ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ. މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާތަކުގެ އެކި ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރިވަރު
31 March 2019
އަދި ދުރާލާ ރާވާލިނަމަ މާ ފުރިހަމަ ވީސް. އެކަމަކު މި ފަހަރުވެސް ގޯހެއް ނޫން. ވަރަށް ހަބޭސް ހަމަ
ރެހެންދި ޕޭރެންޓް
31 March 2019
ރެހެންދި ސްކޫލުގަ ބޭއްވި ފެއަރ ވަރަށް ކަމުދޭ. ސްކޫލެއްގަ އަލަށް އަދި މި ގޮތަށް ފެއަރ އެއް ކުދިންނަށް ބޭއްވުނީ. ކުދިންނަށް ވ. ގިނަ ކަންކަން ދަސްވާނެ.