އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ކުއްލި ހާލަތުގައި ޖެއްސި އެމިރޭޓްސްގެ ފްލައިޓް.
30 އޯގަސްޓް 2016 - 18:29
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރައިގެން ދުބާއީ އަށް ދާން ނައްޓާލުމަށް ފަހު އިމަޖެންސީގައި އެނބުރި އައިސް ރޭ ޖެއްސި އެމިރޭޓްސްގެ ފްލައިޓުން ނުފުރުނު މީހުން ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން އެހެން ފްލައިޓެއްގައި މިއަދު ފުރައިފި އެވެ.
ޖުމްލަ 362 މީހުންނާ އެކު ހުޅުލެއިން ރޭ 11 ޖެހިއިރު ފުރި އެމިރޭޓްސްގެ މަތިންދާބޯޓު ކުއްލި ހާލަތުގައި އެއާޕޯޓުގައި ޖެއްސީ 21 މިނެޓު އުދުހުމަށް ފަހު ބޯޓުގެ ކާގޯ ބައިގައި "އަލިފާނުގެ ކަމެއް" އުޅޭ ކަމަށް ޝައްކު ކުރެވިގެންނެވެ. ނަމަވެސް އެކަހަލަ ކަމެއް ހިނގާފަ އެއް ނުވެ އެވެ.
މި ބޯޓުން ދަތުރު ކުރި މީހުން މިއަދު ހަވީރު 5:50 ހާއިރު ފުރީ ދެ ފަހަރެއްގެ މަތިން އެ މީހުން ފުރުން ލަސް ކުރުމަށް ފަހު އެވެ. އެ މީހުން ފުރީ އެމިރޭޓްސް އިން ގެނައި އެހެން ބޯޓެއްގަ އެވެ.
ފުރުމުގެ ކުރިން ފަސިންޖަރުންނާ ވާހަކަ ދައްކަމުން ޕައިލެޓު ބުނީ، ފަސިންޖަރަކު ކިޔައިދިން ގޮތުގައި، ކުއްލި ހާލަތުގައި ބޯޓު ޖައްސަން ޖެހުނީ ބޯޓުގެ އަލިފާން ނިއްވާ ނިޒާމަށް މައްސަލައެއް ޖެހުމާ އެކު އެލާމް އަޅަން ފެށުމުން ކަމަށެވެ. އެއީ ސައްހަ އެލާމަކަށް ނުވިޔަސް، އެ ހާލަތުގައި އިތުރަށް އުދުހެވޭނެ ގޮތެއް ނޯންނާނެ ކަމަށް ޕައިލެޓު ބުނި ކަމަށް ވެ އެވެ.
ފުރުން ލަސްވީ، ޕައިލެޓު ބުނި ގޮތުގައި، މައްސަލަ ދިމާވި އަލިފާން ނިއްވާ ނިޒާމު މަރާމާތުކުރަން ބޭނުންވާ ސާމާނު ރާއްޖޭގައި ނެތުމުން އެ ތަކެތި ގެނެވޭތޯ ބަލަން މަޑުކުރުމުންނެވެ. އެކަމަކު، އެ އެއްޗެހި ބޭރުން ގެނެސްގެން ބޯޓު މަރާމާތުކުރަން އަދި ވަގުތު ނަގާނެތީ އެހެން ބޯޓެއްގައި ފުރުވާލީ ކަމަށް ޕައިލެޓު ބުންޏެވެ.
ހުޅުލޭ އެއާޕޯޓުގައި ކުއްލި ހާލަތުގައި ޖެއްސި އެމިރޭޓްސްފެ ފްލައިޓަކީ ކޮލަމްބޯގައި ޓްރާންސިޓް ކުރުމަށް ފަހު އައި ބޯޓެކެވެ. ހުޅުލޭ އެއާޕޯޓުން ފުރައިގެން މަތިންދާބޯޓު ދާން އޮތީ ސީދާ ދުބާއީ އަށެވެ.
ފަހަކަށް އައިސް އީކޭގެ ފްލައިޓްތައް ކުއްލި ހާލަތުގައި ޖެއްސުން އާންމުވެފައި ވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ދުބާއީން މާލެ އައި ބޯޓެއް ވަނީ އިންޑިއާގެ މުމްބާއީގައި ކުއްލި ހާލަތުގައި ޖައްސާފަ އެވެ. އެ ފަހަރު ބޯޓު މުމްބާއީ އަށް ޖައްސަން ޕައިލެޓް އެދުނީ ކޮކްޕިޓާއި ކެބިން އިން ދުން އަރާތީ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ. އެއީ އެ ހާލަތުގައި އިންޑިއާ ކަނޑު ހުރަސް ކުރުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެތީ އެވެ.
މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން މި މަހުގެ ތިންވަނަ ދުވަހު ދިޔަ އެމިރޭޓްސްގެ ބޯޓެއް ވަނީ ދުބާއީގައި ކްރޭޝް-ލޭންޑިންއެއްގައި ޖައްސާފަ އެވެ. ދުބާއީގައި ބޯޓު ޖެއްސުމާ އެކު އެ ފަހަރު އަލިފާން ރޯވި ނަމަވެސް ފަސިންޖަރުން ވަނީ ސަލާމަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy