އާންމު އިންތިޚާބަށް ވާދަ ކުރާ މެމްބަރުންތަކެއްގެ ޕޯސްޓަރުތަކެއް ހަރުކޮށްފައި: އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ 20 މައްސަލައެއް އޭސީސީއަށް ވަނީ ހުށަޅާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
10 އެޕްރީލް 2019 - 11:33
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބާ ގުޅުވައިގެން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ 20 މައްސަލައެއް ހުށަހަޅާފައިވާއިރު، މިހާތަނަށް ނިންމި ފަސް މައްސަލައިގައި ވެސް ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު "މިހާރު" އަށް ވިދާޅުވީ އިންތިޚާބުގެ ތެރޭގައި ރިޝްވަތު ދިން ކަމަށް ބުނާ 11 މައްސަލައެއް މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކެއްގެ ތަހުގީގު ވަނީ ނިމިފައި ކަމަށާއިި ވަރަށް އަވަހަށް ތަފްސީލް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލައިގެ ގޮތުގައި ގިނައިން ހުށަހަޅާފައި ހުރީ ތާއީދު ހޯދުމަށް އެއްޗެހި ދިނުމާއި މުބާރާތް ބާއްވައި ދިނުމާއި ޖަމިއްޔާތަކަށް އެއްޗެތި ދިނުން ފަދަ ކަންކަން،" މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރީގެ އިންތިޚާބުތަކުގައި އެންމެ ގިނައިން ހުށަހަޅަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރުން ކަމަށް ވިޔަސް މި ފަހަރު އެފަދަ އެއްވެސް މައްސަލައެއް އަދި ހުށަހަޅާފައި ނެތް ކަމަށެވެ.
ރިޝްވަތު ދޭ ކަމުގެ ތުހުމަތުގައި އިންތިޚާބުގެ ކުރިން ވެސް އޭސީސީއަށް ވަނީ ބައެއް ކެންޑިޑޭޓުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
މަޖިލިސް އިންތިޚާބު، ސާފު އަޣުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން 65 ގޮނޑި ކާމިޔާބު ކުރި އެވެ. ދެން އެންމެ ގިނަ ގޮނޑި ނެގި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ވަނީ ކޮންމެ ޕާޓީ އަކަށް ފަސް ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ކޮންގްރެސް ޕާޓީން ތިން ދާއިރާ ކާމިޔާބު ކުރިއިރު އެމްޑީއޭން ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބުވީ ހަތް ބޭފުޅަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯބު
11 April 2019
ޑިއުޓީކުރާ ފުލުހަކަށް ގަވާއިދާ ހިލާފުކަމެއް ބަޔަކު ކުރާތަން ފެނުމުން އިތުރު މީހަކު އެމައްސަލަ ހުށަނޭޅިޔަސް އެކަން ބެލެންވާނެ. ހަމަ އެބީދައިން ތިޔަ ކަމިޝަނަށްވެސް މީހަކު މައްސަލަ ހުށަނޭޅިޔަސް ޕަބްލިކުގައި ފާޅުކަން ބޮޑުގޮތެއްގައި ހިންގާ އަމަލުތައް ބެލެންވާނެ. ކޮރަޕްޝަނަކީ ހަމައެކަނި މިލިޔަނުން ރުފިޔާއެއްނޫން. މިވެނި މީހަކު ނުހޮވާފިއްޔާ ރަށުގައި ނަރުދަމާއެއްނޭޅޭނޭ ބަނދަރެއް ނުހެދޭނޭ ފަދަ ބަސްތަކުން ރައްޔިތުންނަށް އެންގުމަކީ ކޮރަޕްޝަނެއް ނޫންތޯ.
ކީމިޔާ އަލީ
11 April 2019
ޜައްޔިތުން މަޖިލިސް އިންތިހާބު 2019 ގައި އެކިދާއިރާތަކުން ހޮވުނު މީހުން ހޮވުނީ ގާނޫނުގައިވާ ގޮތައްތޯ ސުވާލު އުފެދޭ މި އިންތިހާބު ސްޕްރީމްކޯރޓް އިން އެބަޖެހޭ ބާތިލް ކުރަން ޖެހޭ
އިބާދު
11 April 2019
އެންޓިކަރަޕްޝަން ތިބި މީހުންތިބީ ދެލޯ އަނދިރިވެފަ ކަންފަތް ބީރުވެފައި. ކިތައްޝަކުވާ ކިތައްގޮތައް ވޯޓް ލަމުން ދިޔަގަޑީގައި ހުށައެޅިތަ؟ އެއްވެސް ކަމަކައް ޖަވާބުދާރީ ނުވާ ބައެއް މިހާރު ތިޔައީ
ބެޔަ
11 April 2019
ހަޖަމް ޕުލީޒު
ޢަލީ 777777
10 April 2019
ކޮބައިތޯ އިންތިޚާބާ ދިމާކޮށް ސަރުކާރުން ރަށްރަށުގައި ހިންގުމަށް އިއުލާންކުރި ޕްރޮޖެކްޓްތަކާއި ސޮއިކުރި އެގްރީމެންޓްތައްކޮބައިތޯ؟ ހުރިހާ މީޑިއާތަކެއްގައި ފޮޓޮއާއި ވީޑިއޯ ހެއްކަކަށް އެހެރީ ހައްތާވެސް ޔާމީން.
ކަންއޮތްގޮތް
10 April 2019
ނުފެންނާނެ، ނުވެސް ފެންނާނެ. ފެނުނަސް ހަދާނެ، ނުވަތަ ހެދޭނެގޮތެއްވެސް ނޯންނާނެ. ރާއްޖޭގައި ޢާންމުވެ، އަށަގަނުވާފައިވާކަމެއް ހުއްޓުވަން ދުވަސްނަގާނެ. އެއްވެސް ވެރިކަމަކަށް ވަކިމޫނަށް، ކަނދުރާއަށް ނުބަލައި ކަންކަން ނުބެލި، ފިޔަވަޅު ނޭޅޭހައިހިނދަކު ތިފަދަކަންތައް އިސްލާހެއްނުވާނެ. ނުކުރެވޭނެ.
ޢަފްލާ
10 April 2019
މީހަކު ވޯޓް ދިނީ މިހެންނޭ އެހެންނޭ ބުނެވޭނީ ކިހިނެތް ރިޔާސީ އިންތިޚާބުގަ ވައްކަން ކޮއްގެން ވަގު ވޯޓުން ހޮވިގެން ވަގެ ރިޝްވަތެ ދީގެ ރ ޔާމީނައްލިބުނު 140000 ވ0ޓުން 44000 ވޯޓް ވަގައްނަގައިގެން 7 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގަ ކާލިގެނ އީސީ ޝަރީފް ދިޔައީ ކޮންތާކައް
ނާޒިމާ
10 April 2019
ފޯރިޔެއް އެބަހުރިދޯ!
އަލި
10 April 2019
މާމިނގިލި ދާއިރާގެ ވޯޓް ގުނާފަހުރި ގޮތުން މިއިންތިހާބާއި އަދި ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި މެދު ޝައްކު އުފެދިއްޖެ. މިފޮށި ދެވަނަ ފަހަރަށް ގުނުމުން 100 އެއްހާ ސައްހަ ވޯޓް ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާކަން ފާހަގަވި. އެހެންކަމުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓްގުނުމުގައި އޮޅުވާލުން ހުރެދާނެކަމަށް މިހާރު ގަބޫލުކުރެވިއްޖެ. ރިޔާސީ އިންތިހާބުގެ ވޯޓްތައް އަވަސް އަރުވާލައިގެން އަންދާ ނައްތާލުމަކީވެސް އޮޅުވާލުމްކަށް ވެދާނެ..
އިބުރާހީމު
10 April 2019
ސުބްޙާނަﷲ
ޢަހުމަދު ހާޖީ
10 April 2019
ކެންދޫ ދާއިރާގެ ޖޭޕީ ކެންޑިޑޭޓުގެ ކޮރަޕްޝަން މައްސަލަތައް ބަލާދީ. ޥޯޓު ގަތުމައް ނަޒަާހަތްތެރި އަލީ ވަނީ ހަގީގީދޮރާ 100 ފޫޓު ދުރުގަ. ޢެ ދޮރުން އެތެރެވެވެން އަންނީނީ ރައްޔިތުންގެ ހައްގުގައި ގޮނޑި ދޫކޮއްލައިގެން. ނުވަތަ މައާފު ކޮއްގެން. ޢަލީ އަކީ މަޖުލީހުގެ އެންމެ ނަޒާހަތްތެރި ބޭފުޅާކަމައް އަބަދުވެސް ދެކެމުން އައިން.ނަމަވެސް އާހިރުގަ ކަންވެގެންދިޔައީ ދިމާ އިދިކޮޅައް. ކޮރަޕްޝަނުގެ ހުތުރު އަމަލުން މީހާ ވަނީ ނުހިކޭ ވަރައް ތެމި ފޯވެފަ