ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ހައްޖަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ މައްސަލަތަކެއް!

ދިވެހި ހައްޖުވެރިންތަކެއް އަޅުކަމުގައި: ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ އުސޫލް ހަރުދަނާކުރަން އޭސީސީން ވަނީ ލަފާ ދީފައި.

ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ހައްޖުގެ އަޅުކަން އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްފައިވާ ގޮތާއި އުސޫލްތައް ބަލައި އޭސީސީން އާއްމު ކުރި ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް، އިސްލާހު ކުރަން އިސްލާމިކް މިނިސްޓްރީ އަށް ވަނީ ލަފާ ދީފަ އެވެ. އެ ދިރާސާގައި ބަލާފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތެވެ.

ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ހޮވަނީ ކުރިމަތިލާން ހުޅުވާލުމާ އެކު ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިންނެވެ. އޭސީސީން ބުނިގޮތުގައި ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގައި ޕްރީ-ބިޑް މީޓިންގައި މައުލޫމާތު ދީފައިވާ މިންގަނޑާ ޚިލާފަށް އަމަލުކުރާ ކަމަށެެވެ. އެއާއެކު، ވަކިވަކި ބައިތަކަށް މާކްސްދޭނެ ގޮތް ނިންމުމަށް ކޮމިޓީ އަށް އިޚްތިޔާރު ދީފައި އޮތުމުން ބިޑްކުރުމުގެ ވާދަވެރިކަން ގެއްލި ބިޑް އެވޯޑްކޮށް ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި ވަކި ފަރާތްތަކަކަށް މަންފާ ލިބޭ ގޮތަށް ނިންމުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އޭސީސީން ބުނިގޮތުގައި ރާއްޖެ އިން ހައްޖަށް މީހުން ގެންދާ އުސޫލު ކޮންމެ އަހަރަކު ބަދަލުކުރެ އެވެ. ބަދަލު ގެންނަ އުސޫލް އާއްމުކުރުން ލަސްވުމުން ވެސް ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުގައިވެ އެވެ.

މިނިސްޓްރީގެ އިސް މުވައްޒަފުންނަށް ތުހުމަތުތަކެއް!

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާ ބައެއް ކުންފުނިތަކުގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އިސްލާމިކް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ބައިވެރިވާ ކަމަށް ދިރާސާގެ ތެރޭގައި ވަނީ ތުހުމަތުކޮށްފަ އެވެ. މިއީ، ކުރިން ވެސް އޭސީސީ އަށް ކޮންމެ އަހަރަކު ޝަކުވާ ހުށަހަޅާ މައްސަަލައެއް ކަމަށް އެތަނުން ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި ހައްޖަށް މީހުން ގެންދަން ދެ ކުންފުނި ނުވަތަ އެއަށް ވުރެ ގިނަ ކުންފުނިތައް ގުޅިގެން ވެސް ޕްރޮޕޯސަލް ހުށަހަޅާފައިވެ އެވެ. ބައެއް ޕްރޮޕޯސަލް ތައްޔާރުކުރަން މިނިސްޓްރީގެ ފަރާތުން ކުންފުނިތަކަށް މައުލޫމާތު ފޯރުކޮށްދީ އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައި ދޭން ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ މިންގަނޑުތަކަށް ބަދަލު ގެނައުމަކީ ވެސް މައްސަލައެއްގެ ގޮތުގައި އޭސީސީން ނަގާފައިވާ ކަމެކެވެ. މީގެއިތުރުން ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މާކްސް ދިން ގޮތް ކުންފުނިތަކަށް ހާމަނުކުރާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

މި މައްސަލަ ހައްލުކުރުމަށް، އޭސީސީން ލަފާ ދީފައި ވަނީ ހައްޖުގެ ކަންކަން އިންތިޒާމްކުރާ ކުންފުނިތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭ ގޮތަށް ގަވާއިދުތަކާއި އުސޫލްތައް ހަރުދަނާ ކުރުމަށެވެ.

ޚާއްސަ ކޯޓާއާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ނެތް

ސައުދީ އަރަބިއްޔާ އިން ކޮންމެ އަހަރަކު ރާއްޖެ އަށް ކަނޑައަޅާފައި އޮންނަނީ 1،000 ކޯޓާ އެވެ. އެކަމަކު ވޭތުވެދިޔަ ހަތަރު އަހަރު ވެސް ރާއްޖެ އަށް 1،000 ކޯޓާ އިތުރުކޮށްދީ، ހައްޖަށް ދިއުމުގެ ފުރުސަތު 2،000 މީހުންނަށް ދިނެވެ.

ޚާއްސަ ކޯޓާގެ ގޮތުގައި ސައުދީ ރަސްގެފާނު ދެއްވާ 1،000 ޖާގައާ މެދު އަމަލުކުރާނެ އުސޫލެއް ނެތުން މައްސަލައެއްގެ ގޮތުގައި އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ ރާއްޖެ އަށް ލިބޭ ކޯޓާގެ މަދުވެގެން 50 ޕަސެންޓް ކޮންމެ އަހަރަކު ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން (އެމްއެޗްސީއެލް) އަށް ދޭންވާނެ ކަމަށް 2015 ވަނަ އަހަރުގެ ހައްޖު އުސޫލްގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު 2017 ގައި އަމަލުކުރަން ފެށި އުސޫލްގައި އޮންނަނީ، ހައްޖު ކޯޓާގެ ތެރެއިން ކޯޕަރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ މިނިސްޓަރު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަށް ދޫކުރާ ޖާގައިގެ ތެރެއިން މިނިސްޓްރީން ބޭނުންވާ މިންވަރަކަށް ޖާގަ ރިޒާވްކޮށްދޭން ޖެހޭނެ ކަަމަށް ވެސް އުސޫލްގައި ކަނޑައަޅާފައިވެ އެވެ.

އޭސީސީން ބުނިގޮތުގައި ރިޒާވްކުރާ އަދަދުގައި ހިމަނައިގެން މިނިސްޓްރީން ހައްޖަށް ފޮނުވަނީ ކޮން ބައެއް ކަމާއި އެ ޖާގަދޭނެ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލައިފައެއް ނުވެ އެވެ.

"މިގޮތަށް އުސޫލެއް ނެތި މިނިސްޓްރީން ބޭނުންވާ ފަރާތްތަކަކަށް ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދެވުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމަކަށް ވާތީ، މިފަދަ ކަންކަމުން ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމްކުރުމަށް ހުރަސްއެޅުމުގެ ފުރުސަތު އޮވެ އެވެ،" ރިޕޯޓުގައިވެ އެވެ.

އެއީ، ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ހައްޖަށް ދިއުމުގެ އިންތިޒާރުގައި ތިބޭ ފަރާތްތަކަށް ލިބޭ ފުރުސަތު މަދުވެ ހައްޖަށް ނުދެވި ދިގުމުއްދަތަކަށް މަޑުކުރަން ޖެހިދާނެ ކަމެއް ކަން އޭސީސީ އިން ފާހަގަކޮށްފައިވެ އެވެ.

އިތުރަށް ފައިސާ ނެގިއަސް ފިޔަވަޅެއް ނާޅާ!

އޭސީސީން ބުނެފައިވާ ގޮތުގައި ހައްޖަށް މީހުން ގެންދަން ހުއްދަ ދޭ ކުންފުނިތަކާއި އިސްލާމިކް މިނިސްޓްރިއާ ދެމެދު ސޮއިކުރާ އެއްބަސްވުމުގައި ހުއްދަ ދީފައިވާ އަގަށް ވުރެން އިތުރަށް ބައެއް ކުންފުނިތަކުން ފައިސާ ނަގަ އެވެ. އެގޮތަށް މެދުވެރިވާ ސަބަބަކީ، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ކަނޑައަޅާފައިވާ އަގަކީ އެ މަސައްކަތަށް އެންމެ އެކަށީގެންވާ އަގު ކަމުގައި ނުވުމުވެ.

ހުއްދަ ދޭ އަގަށް ވުރެން އިތުރަށް ފައިސާ ނަގާ ކުންފުނިތަކާ މެދު އުސޫލްގައިވާ ގޮތުން ނަމަ، އިސްލާމިކް މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހެ އެވެ.

އެކަމަކު އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ، އިތުރަށް ފައިސާ ނަގާ މައްސަލަތައް ގިނަ ފަހަރަށް ރިޕޯޓެއް ނުކުރެ އެވެ. އަދި ރިޕޯޓްކުރާ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅެއް ނާޅާކަން ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަތަކުގައި ފިޔަވަޅު ނޭޅެނީ، އިސްލާމިކް މިނިސްޓްރީން އޭސީސީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ލިޔެކިޔުމާއި ހެކި ނެތުމުގެ ސަބަބުން ސާބިތުކުރަން އުނދަގޫވުމެވެ. ހައްޖުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އަދަދަށް ވުރެން އިތުރަށް އެތައް ހާސް ރުފިޔާއެއް ރަސީދަކާ ނުލައި ހަވާލުކުރަނީ ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު އޮންނާތީ ކަމަށް އޭސީސީއާ ވާހަކަ ދެއްކި ގިނަ މީހުން ބުނެފައިވެ އެވެ.

މި މައްސަލަ މިހާރަށް ވުރެން އިސްކަމެއް ދީގެން ބަލައި އިތުރަށް ފައިސާ ނަގާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަން އޭސީސީން ވަނީ ލަފާ ދީފަ އެވެ.

27 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 12%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދު

15 May 2019

ޙައްޖާއި ޢުމްރާއަށް މީހުން ގެންދަން ހުއްދަ ނަގާ ބައެއްމީހުން އެހިންގަނީ ބޮޑްޖަރީމާތަކެއް. ވަރަށް ނިކަމެތޮކޮށް އެބަހަދާ. އެމާތް އަޅުކަން ކުރަން ދާމީހުންގެ އަތުންވެސް ކުރަނީ ވައްކަން. އެއީވެސް އެބިމުގައި ތިބެގެން!. ކުޑަމިސާލެއް ކޮންމެމީހަކަށް 25 ކިލޯ ގެންދެވޭއިރު އޭގެއިން 5 ކިލޯ ނަގަނީ ޖަމާޢަތިގެ ބޮޑުމީހާ. އެއީ އެނާގެ ވިޔަފާރި މުދާގެންނަންވެގެން!

The name is already taken The name is available. Register?

ގަޅި މީހާ

15 May 2019

ހައްޖަށް މީހުން ގެންދާނެ ގޮތެއް ހަދާކަށް ނޭގުނު. ކަދުރު ކޮޅު ބަހާނެ ގޮތެއް ނޭގުނު. މީ ދިވެހިންގެ ހާލު. ކަދުރު ކޮޅުވެސް ރަސްގެފާނު ބަހާފައި މިކޮޅަށް ފޮނުވަންވީ...ޙައްޖަށްގެންދާނެ މީހުން ވެސް ރަސްގެފާނާ ޙަވާލު ކުރަންވީ.

The name is already taken The name is available. Register?

މުޙުއްމާ

15 May 2019

މިދިޔަ 5 އަހަރު ނިދާފަ ތިބި މީހުން ކިހިނެއް މި ހޭލެވުނީ؟ މިރާއްޖޭގެ ޚަޒާނާ ހުސްކުރި އިރު ނިދާފަ ތިބެފަ ދެން މަޤާމު ގެއްލިދާނެތީ ތެޅޭނެ ކަމެއް ނެތް. ހުރިހާއެއްމެން ކަޑާލާނެ މިފަހަރު.

The name is already taken The name is available. Register?

ޢަފްލާ

15 May 2019

މީހަކު ދަރިއަކު ވިއްސަންޖެހޭގޮތް ނޫން އެހެން ގޮތަކައް ދަރިފުޅު ވިއްސިޔަސް އެވާނީ ހަމަ ކޮރަޕްޝަން

The name is already taken The name is available. Register?

ޚަބަރުލިބުނު

14 May 2019

މިއަހަރު ކިހާވަރަކުން ދާނެބާ! ފައިބެ އަހަރުވެސް ބައެއް ގްރޫޕްތަކުން ހައްޖަށްދާން ބޭނުންނަމަ، އިއުލާނުކޮށްފައިވާ އަގުގެ އިތުރުން ނަގުދުފައިސާއިން ވަރަށް ބޮޑު އަދަދެއް ދައްކަން އެންގިކަމަށާއި އެދައްކާ ފައިސާއަށް ރަސީދެއްވެސް ނުދޭނަން ކަމަށް ބުނިކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން ޚަބަރުދީފައިވޭ. މިކަމުގައި، އިސްލާމިކް މިނިސްޓްރީގެ ވަރަށް އިސްމަގާމެއްގައި އޭރު ހުންނެވި ބޭފުޅަކު ގްރޫޕުގެ ފަރާތުން އޭނާއަށް މައުލޫމާތު ދެއްވިކަމަށްވަނީ.

The name is already taken The name is available. Register?

ިއިބްރާ

15 May 2019

ހައްޖަށް ގެންގޮސްދޭއަގު. 59000.00ރ + ރެޖިސްޓްރޭޝަންފީ (މަކަރާއި ، ހީލަތާއި އޮޅުވާލުމުގެބައި) 41000.00ރ . މަގޭ އެސްޓިމޭޓް.

The name is already taken The name is available. Register?

ކަނޑުބޭރި

15 May 2019

ތިޔައީ މި ގަވައިދު ހެދި ފަހުން ވެސް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެއް. އެންމެން އެކައްޗެއް ނުކިޔާނެ ދޮގުކަމުގާ ވާނަމަ. ފައިސާ ދައްކަން ދާއިރު ގައިގަ ކެމެރާއެއް ހަރުކޮށްގެން ދާންވީ. ނޫސްވެރިންނަށްވެސް ނޭނގެ މިކަހަލަ ކަމެއްގަ ސްޓިންގު އޮޕަރޭޝަނެއް ޖައްސާލަން. މަސާޖު ޕާލަރު ހިންގި ދުވަސްވަރު އެތަނަނަށް ގޮސް "ސްޓިންގު އޮޕަރޭޝަން" ޖެއްސި މިވެރިންވެސް.

The name is already taken The name is available. Register?

ށަންފާ

14 May 2019

ޙައްޖައް ގެންދަންވީ ހައްޖު ކޯޕަރޭޝަން އިން އެކަނި ދެން ހައްޖައް ފިނުވާނީ ދުވަހަކު ހައްޖައް ނުދާ މީހުން ހަމައެކަނި ރިޕީޓް ކުރާނީ 25 މީހަކައް އެކަކު އޭރައް ގިނަބަޔަކައް ހައްޖައް ދެވޭނެ އިންޝާ ﷲ

The name is already taken The name is available. Register?

ކަނޑުބޭރި

15 May 2019

ބަލަ ކޯޕަރޭޝަން ތެރޭގަވެސް އެވަރަށް ކޮރަޕްސަން އެބައޮތް. އެތައް މައްސަލައެއް އެބަހުރި. ކޯޕަރޭޝަނާ އިސްލާމިކު މިނިސްޓަރީއާ ހައްޖު ޖަމާއަަތް ތަކުގެވެރިންނާ ގުޅުން އޮންނަވަރަކުން މިކަންކަން ގޯހުން ގޯހަށް މިދަނީ.

The name is already taken The name is available. Register?

ާއަލް ހާއްޖަ

14 May 2019

ހައްޖަށްދާން ބޭނުންވާ މީހުންނަށް ރެޖިސްޓަރ ކުރާގޮތަށް ހައްދަވާ، ދެން ޓްއަރިޒަމް މިނިސްޓްރީއިން ހުއްދަ ދީފައިވާ ޓްއަރ އޮޕަރޭޓަރުންގެ ތެރެއިން ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ހައްޖަށް މީހުން ގެންދިޔުމުގެ އިތުރު ޝަރުތު ތަކަކާއިއެކު އިސްލާމިކު މިނިސްޓްރީއިން ހުއްދައެއް ދެއްވާ. ހައްޖަށް ދާން ބޭނުންވާ މީހުން ބޭނުންވާ އޮޕަރޭޓަރަކާއެކު ދެވޭނެ. ޢަދި އެކުންފުންޏަކުން ހަދާ ޕެކޭޖު އާއި އެކަށޭނަ އަގެއް ނެގުމަށް ދޫކޮށްލާ.

The name is already taken The name is available. Register?

ނެޑް

14 May 2019

ތިޔަ މިނިސްޓްރީގެ ނަން ބަދަލުކުރަމާ؟

The name is already taken The name is available. Register?

ހސަމާސާ

14 May 2019

ވަރަށް ހިތާމަހުރި ކަމެއް. ހައްޖަށް މީހުން ގެންދިއުމުގެ ހުރިހާ އިންތިޒާމު ތަކެއްގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ ރާއްޖޭގެ ދީނީ އިލްމުވެރިން. ﷲ ސުބުހާނަހޫ ވަތައާލާ މަކަރާއި ހީލަތާއި ޚިޔާނާތް މަނާކުރައްވަފައިވާ މިންވަރުވެސް އެންމެ ރަނަގަޅަށް އެނގޭނީވެސް އެބައިމީހުންނަށް. އަދި އިސްލާމިކް މިނިސްޓްރީގެ އިސް މުއައްޒަފުންނަކީވެސް ދީނީ އިލްމުގެ އަހުލުވެރިން ކަމުގައި ބެލެވޭ މީހުން. އެކަމަކުވެސް މިބައިމީހުންގެ ކިބައިގައި ﷲ އަށް ބިރުވެތިނުވޭ.

The name is already taken The name is available. Register?

ތިމަންނަ

14 May 2019

މިއީ ދިވެހިރާއްޖެ އެވެ. މިތަނުގައި ކޮރަޕްޝަން ނެތް ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. ދުނިޔެއަށް މީހާ ނޭވާލާއިރު ފުރަތަމަ ނިކުންނަނީ ކޮރަޕްޝަނެވެ. އޭގެ ފަހުގައި މީހާ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454