ރަސްފަންނަށް ވިއްސާރަ ކުރަނީ: ދެކުނުގެ ބޮޑު ހިސާބަކަށް ވަނީ ވައިޓް އެލާޓް ނެރެފަ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 މެއި 2019 - 12:27
ކުރިއަށް އޮތް ތިން ދުވަހު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއީ ހުޅަނގު މޫސުން ފެށުމުގެ ކުރިން ކުރާ ވިއްސާރަ ކަމަށެވެ. އަދި މި ދުވަސްވަރު ލ. އަތޮޅާއި އައްޑުއާ ދެމެދުގެ ގިނަ ރަށްތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު އަންނަނީ ވިއްސާރަ ކުރަމުންނެވެ. އުތުރުގެ ބައެއް އަތޮޅުތަކަށް މެޓް އޮފީހުން ރޭ ޔެލޯ އެލާޓް ނެރުނު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ކަމަށް އެ އޮފިޝަލު މިއަދު ވިދާޅުވި އެވެ.
"ހުޅަނގު މޫސުން ފަށަން އުޅޭތީ މޫސުން ގޯސްވަމުން އަންނާނީ. ކުރިއަށް އޮތް ދުވަސްވަރުގައި ރާއްޖޭގެ ފިނިހޫނުމިން ދަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
"ހުޅަނގު މޫސުން ފެށުނު ކަމަށް އަޅުގަނޑުމެން ބުނަނީ ވައިގެ މިސްރާބު ހުޅަނގު ދެކުނަށް ބަދަލުވުމުން."
White alert in effect until 1530 20th May 2019 pic.twitter.com/OL7vlmlw7K
— Maldives Meteorology (@MetMaldives) May 20, 2019
މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް
ދެކުނުގެ ގިނަ އަތޮޅުތަކަށް މެޓް އޮފީހުން މިއަދު ވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި ފ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް މިއަދު މެންދުރު 3:30 އާ ހަމައަށް ބޯކޮށްވާރޭވެހި ގުގުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
20 May 2019
ވާރޭ ވެހުނީމާ ގަސްތައް ރޯވެ ދިރޭނޭ! ވާރޭގެ އަޑުން ނަލަ ރާގެއް އަންނާނޭ!.............. އަޅުގަނޑައް އެންމެ ހިތްގައިމު އެއް އަޑަކީ ވާރޭވެހޭއިރު އެއިވޭ ނަލަ އަޑު. ދެން އެންމެ ހިތަގައިމީ ކަނޑުގެ ލޮނުގަނޑު ގޮނޑުދޮށަށް ބީއަސާއިރު އެއިވޭ ނަލަ އަޑު.