ޑެންގީން ރައްކާތެރިވުމަށް ރަށެއްގެ ތެރެ ސާފުކުރަނީ: ހުން އަދިވެސް ކޮންޓްރޯލެއް ނުކުރެވޭ
05 ސެޕްޓެމްބަރ 2016 - 17:58
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ ހުން ފެތުރިދާނެތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެ އެވެ.
މި ހަފުތާގައި ކޮންމެވެސް ވަރަކަށް ވިއްސާރަ އަލިކުރި ނަމަވެސް މިދިޔަ ދެ ހަފުތާ ތެރޭގައި މުޅި ރާއްޖެއަށް ވެސް ގަދަޔަށް ވިއްސާރަ ކުރި އެވެ. މަދިރި ގިނައިން އާލާވަނީ ވިއްސާރަ އަލިކޮށްލައި، އެކަމަކު ފިނިކޮށް އޮންނަ މި ފަދަ ދުވަސްވަރެއްގަ އެވެ.
އެޗްޕީއޭއިން ބުނީ ވާރޭ ވެހި، އެކި ތަންތަނުގައި ހަރުލާފައި ހުންނަ ފެނުގައި ގިނައިން މަދިރި އާލާވާނެ ކަމަށާއި އެހެންވެ، މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ކުރިއަށް އޮތް ބޮޑު އީދު ބަންދަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރާނެތީ، ޑެންގީއަށް އިތުރު ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ޗުއްޓީގައި ރަށްރަށަށް ގޮސް އުޅޭއިރު ހުސް ފުޅި އާއި ޕެކެޓާއި ދަޅު ފަދަ ފަސޭހައިން ފެން އުފެދޭ ތަކެތި ގިނައިން އުކާލަ އެވެ. މި ފަދަ ތަކެތީގައި ފަސޭހައިން ފެން އުފެދޭނެތީ އެތަކެތި ނައްތާލުމަށް އިސްކަން ދިނުމަށް ވެސް ސަރުކާރުގެ ކަމާއި ގުޅޭ އިދާރާއިން އިލްތިމާސް ކުރެ އެވެ. އަދި ޑެންްގީ ޖައްސާ އީޑީސް މަދިރި އާއްމުކޮށް ގިނަވާ އިރުއޮއްސޭ ވަގުތު، ކުޑަކުދިން ބޭރަށް ނެރުމުގެ ކުރިން މަދިރިން ރައްކާތެރިވާ ލޯޝަން ނުވަތަ ދޫކޮށް ގަޔަށް ހެދުން ލެއްވުމަށް ވެސް އެތަނުން އެދެ އެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ވަރަށް ބޮޑަށް ފެތުރި، އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އަދި 2015 އަހަރު ވެސް ޑެންގީ ބަލީގައި ހަ މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
05 September 2016
އަހަރުމެންނަށް ކަންކަމަށް ''ސަމާލުވުމަށް'' އެދި ނަސޭހަތްދޭނެ ކަމެއްނެތް. އަހަރުމެން ސަރުކާރު އިސްކޮށްފަ ސަރުކާރުގެ ކިބައިން އެދުނީ ''ޤާނޫނީ ހަމަތަކުގެ ތެރެއިން؛؛ އަހަރުމެންގެ މައްޗަށް ވެރިކަން ކޮށްދިނުމަށް. . . . . އަދި އަހަރުމެން ޤާނޫނު އަސާސީގެ ދަށުން ''މިނިވަން މުއައްސަސާތައް'' އުފެއްދީ ދައުލަތުގެ ކަންކަން ހިގަނީ ހަމަމަގުންތޯ ބެއްލެވުމަށާއި އެކަންކަމަށް ''ސަމާލުވުމަށް'' އެހެން ނަމަވެސް އެއިން އެއްވެސް ކަމަކަށް ސަމާލުވިބައެއްނެތް. / މިނިވަންކަން ، އައްޑޫ ސިޓީ