ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ:ނިޝާން އަލީ/މިހާރު
24 ޖޫން 2019 - 12:42
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ބ. އިންނަފުށީގެ މަސައްކަތްތައް މަޑުޖައްސާލަން ސަރުކާރުން އަންގައިފި އެވެ.
މި ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ސީމާކް ޕްރައިވެޓް ލިމިޓެޑަށެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، އިންނަފުށީގެ މަސައްކަތް މަޑުޖައްސާލަން އެންގީ އެއީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ރަށަކަށް ވަތީ ކަމަށެވެ. އެގޮތުން މިފަދަ ރަށްތައް ހިއްކާ ކަމުގައިވާ ނަމަ ހިމާޔަތް ކޮށްފައިވާ ބައެއް ސަރަހައްދުތަކަށް ގެއްލުން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވިދާޅުވީ، ބ. އަތޮޅު ހިމެނެނީ ދުރަތީ ގޮތުން ރީތި އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ގައި ކަމުން އެ އަތޮޅުގައި އޮންނަ ބަޔޮސްފިއާ ރިޒާވާ އެކު، މުޅި ސަރަހައްދު ނެޗުރަލް ރިޒާވަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގައި ހިމެނޭ އެންމެ ރީތި ޖަޒީރާވަންތަ އެއް އަތޮޅަކީ ބ. އަތޮޅު. އެހެންކަމުން މިހެން ހުންނަ ސޭންޑް ބޭންކުތައް ފަދަ ރަށްތައް ހިއްކައިފި ނަމަ، ސީދާ އެ ރަށް ހިމާޔަތް ކޮށްފައި ނެތަސް އެ ސަރަހައްދުގައި ހިމާޔަތް ކޮށްފައި ހުރި ތަންތަނަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ބަޔޮސްފިއާ ހިމެނޭ މުޅި ސަރަހައްދު ނެޗުރަލް ރިޒާވަކަށް ހަދަން،" މިިިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސީމާކު ކުންފުނިން ވަނީ އިންނަފުށީގެ އިކުއިޒިޝަން ފީ ވެސް ދައްކައިފަ އެވެ. އަދި އެއީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި ރަށެއް ނޫން ކަމަށާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަންއެ ރަށް ދޫކޮށްފައި ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ގަވާއިދުގެ ތެރެއިން ކަމަށެވެ.
މިހާތަނަށް ދޫކޮށްފައިވާ ރަށްތަކާއި މި އަހަރު ދޫކުރާ ރަށްތަށް ތަރައްގީ ކުރުމުގައި ތިމާވެއްޓަށް ނުވަތަ ރާއްޖޭގެ ތާރީޚަށް ގެއްލުން ވާ ނަމަ އެ ޕްރޮޖެކްޓެއް މަޑުޖައްސާލާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަކަށް ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގއ. އޮޑެގައްލާގައި ރިސޯޓު ހެދުމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އާ އެކު ހަދާފައިވާ ލީސް އެއްބަސްވުން އުވާލަން ވެސް ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ ވެސް އެއީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅުން ހުރި ރަށަކަށް ވާތީ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު18
24 June 2019
އަތޮޅުގެ ރައްޔިތުން ޕިކްނިކް ގޮސް މަޖާކޮށްލަން ދާން އޮންނަ ހަމަ އެކަނި ރަށް އިންނަފުއްޓަކީ. ރާއްޖޭގަ ދިރިއުޅޭ ރައްޔިތުންނަށް ރާއްޖޭގަ އުޅުމުގެ ހިތްހަމަ ޖެހުމާ އުފާ ނުލިބި އެހެންބަޔަކަށް ލިއްބައިދިނުމަކީ ރައްޔިތިންގެ ހައްގަަށް އަރައިގަތުން..... އޭގައި އިންސާފް ކޮބާތޯ ؟
ބަތޫ
24 June 2019
ސީމާކް ކުންފުނިން ފުޅަދޫގައި ގަވައިދާ ހިލާފަށް ފައިބަރުގެ މަސައްކަތް އަވަށުތެރޭ ކުރަމުންދާއިރުވެސް ކައުންސިލަށްވެސް އެކަމެއް ނުހުއްޓުވޭ. ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާ ކަންކަމާމެދު ކަންބޮޑުވާނެ މީހެއް ނެތް.
ކަދުރޭ22
24 June 2019
ރިސޯޓުހަދަން ތިރަށް ދޫކުރި ބަޔަކުވެސް ޒިންމާވާޖެހޭ. މިސަރުކާރުން މިއޮތީ މުޅިންވެސް ޕާރޓީއަށް ބޮޑުބައި އަޅާގޮތައް ބަދަލުހޯދާދިނުން.
ޢެޑްމުންޑޯ
24 June 2019
ނޫން ވަރަށް ރަގަޅުކަމެއް ، ރިސޯޓް ހަދާށޭކިޔާފައި މިފަދަ ތަންތަން ހަލާކު ކޮއްގެން ނުވާނެ ،
ދެރަ ކަންތަށް
24 June 2019
އަނެއްކާ އަނެއް ކަންތަށް މިފެށީ..ސަރުކާރު ބަދަލު ވުމަކީ ވެސް ހާދަ ދެރައެެއް ގެެއްލުމެއް ގިނަ ރައްޔިތުން އުފުލަން ޖެހޭ ކަމެކެވެ
ބަތޫ
24 June 2019
ރައްޔިތުން ބޭނުމެއް ނުވެ އިނގެތޯ އެރަށުގައި ރިސޯޓް ހަދާކަށް.
ދެރަ ކަމެއް
24 June 2019
އެއީ ރައްޔިތެއް ނޫންތަ؟ ދިވެހި ރައްޔިތެއް ވިއްޔާ އައިނުގެ ދުނިގަޑު ނުވަތަ ފައިވާނުގެ ވަދު، ނުވަތަ ފޯނުގެ ކަވަރު ނުވަތަ ޓީ ޝާޓްގެ ގިރުވާން، ރީދޫ ވާން ޖެހޭތަ؟ ނުވަތަ ޕިންކް ވާން ޖެހޭތަ؟
ހމމމމ
24 June 2019
އަޅުގަނޑު އެ ރަށުގެ ކައިރީގަ ހުރި ފުޅަދޫ ކިޔާ ރަށެއްގެ ބަޔަކާ ވާހަކަދެއްކިން މި ރޯދަމަހު. އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެތާނގަ ރިސޯރޓެއް އަޅަން ބޭނުންވެފަ ހުރިކަމަށް އަޅުގަނޑަށް ފާހަގަވީ. ނަމަވެސް، ތިމާވެއްޓަށް ގެއްލުމެއްވާ ނަމަ، ރިސޯރޓެއް ނޭޅުމަކީ ރަނގަޅު ގޮތް ކަމަށް ދެކެން