ލިވަޕޫލްގެ މެޗެއްގެ ތެރެއިން ކުޓީނިއޯ (ކ) އާއި ކްލޮޕް
12 ޖުލައި 2019 - 11:37
ބާސެލޯނާ (ޖުލައި 12) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އޭނާ ވިއްކާލާނަމަ ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ބޭނުންވަނީ އެނބުރި ލިވަޕޫލަށް ބަދަލުވާން ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުޓީނިއޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނުވިއްކާނެ ކަމަށް އޭނާގެ އޭޖެންޓް ކިއާ ޖޫރަބްޗިއަން ދާދި ފަހުން ބުނީ ބާސެލޯނާގެ އިސް ބައެއް ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެވެ. އެކަމަކު ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން އާއި ޕީއެސްޖީގެ ނޭމާ ގެންނަން ކުރާ މަސައްކަތަށް ފަންޑް ހޯދުމުގެ ގޮތުން ބައެއް ކުޅުންތެރިން ދޫކޮށްލާނެ އެވެ. އޭގެ ތެރޭގައި ކުޓީނިއޯ އާއި އޮސްމާން ޑެމްބެލޭ ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާ އިން ކުޓީނިއޯ ވިއްކާލާނަމަ އޭނާ ހުރީ ކުރީގެ ކްލަބް ލިވަޕޫލަށް ބަދަލުވުމުގެ އުއްމީދުގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް ދޫކޮށް ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ 142 މިިލިއަން ޔޫރޯ (160 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.
އުމުރުން 27 އަހަރުގެ ކުޓީނިއޯ ހޯދަން ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން ވެސް މަސައްކަތްކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯ ލިވަޕޫލަށް ބަދަލުވާން ބޭނުންވަނީ ކުރިން އޭނާ ދެއްކި މޮޅު ކުޅުން އެ ކްލަބްގައި އަލުން ތަކުރާރުކުރެވޭނެ ކަމުގެ އުއްމީދު އޮތުމުންނެވެ.
ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮޑު އަގުގައި ކުޅުންތެރިއަކު ގަންނާނީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ރުހޭނަމަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯ ހޯދުމުގެ ރޭހަށް ލިވަޕޫލުން އަލުން ވަންނާނީ އޭނާގެ އަގު 100 މިލިއަން ޔޫރޯ (112 މިލިއަން ޑޮލަރު) ގައި އުޅޭނަމަ އެވެ. އެ އަށް ވުރެ އަގުބޮޑުކޮށް ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެއްވެސް ކުޅުންތެރިއަކަށް ބިޑް ނުކުރާނެ އެވެ.
އިންޓަ މިލާނަށް 9.7 މިލިއަން ޔޫރޯ (10.6 މިލިއަން ޑޮލަރު)ގެ ފީ އެއް ދެއްކުމަށްފަހު ލިވަޕޫލުން 2013 ވަނަ އަހަރު ކުޓީނިއޯ ގަތް ފަހުން އޭނާ ވަނީ އެ ޓީމުގައި ބޮޑު ކުރިއެރުމެއް ހޯދައި ބްރެޒިލް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ހޯދައިފަ އެވެ. ކުޓީނިއޯ އަކީ މި ފަހަރުގެ ކޮޕަ އެމެރިކާ ތަށި ބްރެޒިލަށް ހޯދައިދޭން މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.
ސްޕެއިނާއި ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ވަނީ ގްރީޒްމަން ހޯދަން އެތުލެޓިކޯ އަސް ދޭން ޖެހޭ 120 މިލިއަން ޔޫރޯ (135 މިލިއަން ޑޮލަރު) ދައްކަން އެއްބަސްވެފަ އެވެ. އެހެންކަމުން ވަރަށް އަަވަހަށް ގްރީޒްމަން އެ ޓީމަށް ބަދަލުވުމުގެ ކަންތައްތައް ނިމިގެންދާނެ ކަމަށް ބެލެވެ އެވެ. އެ ޑީލް ނިމުމާ އެކު ބާސެލޯނާ އިން ދެން މަސައްކަތްކުރާނީ ނޭމާ ހޯދުމުގެ މަސައްކަތް ނިންމާލުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޑީފް
13 July 2019
ލިވަރޕޫލް އާ ބްރެޒިލް ގަ ކުޓީނިއޯ ކުލޭނީ ފްރީ ރޯލް އެއް. ބާސާ އަށް ކުޓީނިއޯ ގެ ބޭނުން ކުރަން ނޭންގުނީ..
މަސާ
12 July 2019
ބައިގަރުނު ފަހުންނޯ ތައްޓެއް އެލިބުނީ ލިވަޕޫލައް، ބާސާއައްވުރެ ޗެެންޕިއަންސް ލީގު ތައްޓެއް އިތުރުވެގެން އެއުޅެނީ މާ މައްޗައް އަރައިގެން މާކެޓްގެ ގޮތުންނާ އެހެން ހުރިހާ ގޮތަކުން ބެލިޔަސް އަދި ބާސާއާ ހަމައެއް ނުކުރެވޭނެ ލިވަޕޫލަކައް، ކްރައިފްމެން އެކުޅުނީކީ ފުޓްބޯޅައެއްނޫން އެހެންވިއްޔަކާ...
ރަޑީފް
13 July 2019
ބާސާ އަކީ މިހާރު ޕާސްޓް. ޕެނެލްސީ ފަހަތުން ދުވާ ކްލަބެއް.
ހަގީގަތް
13 July 2019
ޕާސްޓޭ. ކަލޭ ފުޓްބޯޅަ ނުބަލާކަން މިހާރު އެނގިއްޖެ. ބަލަ މިދިޔަ 10 އަހަރު އެންމެ ކާމިޔާބު ކްލަބަކީ ބާސާ.
ރަޑީފް
14 July 2019
ކިތައް އަހަރު ވީ ޗެމްޕިއަންސް ލީގް ތަށީގަ އަތް ނުލެވޭތާ..ކާމިޔާބް ލޮލް..
ހަގީގަތް
14 July 2019
ރަޑީފަށް. އަހަރެން މިބުނަނީކީ ހަމައެކަނި ޗެމްޕިއަންސް ލީގްގެ ވާހަކައެއްނޫން. ހުރިހާ ތަށްޓެއް އެއްކޮށްލުމުން ބާސާ މިދިޔަ 10 އަހަރު ކުރީގައި އުޅޭނެ ވާހަކަ. ކޮމެންޓ ރަނގަޅަށް ކިޔާފަ ރަށްދު ދީބަލަ. މިދުނިޔޭގަ ކުޅޭ ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެއްނޫން. ކަލޭތިޔަ ބުނާގޮތުން ލިވަޕޫލް، ރިއަލް ނަގާފަ ދެންހުރި ޓީމްތަކަކީ ޕާސްޓް.
ރަޑީފް
14 July 2019
މިދިޔަ 3 އަހަރު ބާސާ އިން ހިސާބް ބުނެބަލަ އެހެން ވިއްޔާ..10 އަހަރު ކީމަ ތި ވަނީ ޕާސްޓް އަށޭ.
އަންްނި
14 July 2019
އެއަށްވުރެެ ނިއުރޭޑިއަންޓްވެސް ކާމިޔާބުވާނެ. 2 ހޯސް ރޭހެއްގަ އަބަދު އެއްވަނަ ހޯދުމަކީ އަދި ކާމިޔާބުވުމެއް ނޫން ދޯ؟