ފޭސްބުކުން މިފަހުން އަޅައިގަތީ އަމިއްލަ މީހަކު ނުކުމެ ކުރާ ވަރަށް މުހިއްމު މަސައްކަތަކަށެވެ. ގދ. ތިނަދުއަށް އުފަން ސައުދު އަލީގެ ކަމަކީ ރަށުގެ އެކި ސަރަހައްދުގައި ކޮންމެ ދުވަހަކު ހެން ރުކެއް ނުވަތަ ގަހެއް އިންދުމެވެ. މިދިޔަ އޮކްޓޯބަރު މަހު ފެށި މި މަސައްކަތުގައި މިހާތަނަށް 500 އެއްހާ ރުކާއި ގަސް އިންދާފައިވެ އެވެ.
ރަށުތެރެ ހޫނުވެގެން އެންމެން ވެސް އެ ވާހަކަ ދައްކަ އެވެ. އެހެންވެ ތަފާތު ގޮތްގޮތަށް ވިސްނުމަށް ފަހު ސައުދު ވަނީ "ޑެއިލީ ވަން" ނަމުގައި ޕްރޮގްރާމެއް ފަށައިފަ އެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނާއި ތިނަދޫގެ ކުދިބޮޑު ގިނަ ބަޔަކު މިހާރު ވަނީ ރުކެއް ނޫނީ ގަހެއް އިންދައިފަ އެވެ. ޑެއިލީ ވަން ޕްރޮގްރާމަށް އިތުރު ފުރިހަމަކަމެއް ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ މަހު ތިނަދުއަށް ވަޑައިގެން ރުކެއް އިންދެވުމުންނެވެ.
ކުރިން ތިނަދޫގެ ކައުންސިލަރެއްގެ މަގާމު ވެސް އަދާކުރި ސައުދު ބުނިގޮތުގައި ރަށުގެ ހުޅަނގު ފަރާތުގައި ގަސް މަދުވުމުގެ ސަބަބުން ވަރަށް ހޫނު ގަދަ އެވެ. ފުއްޓަރު ފަރާތާ ވެސް ކައިރިވުމުން އެ ސަރަހައްދުގައި އުޅޭ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ.
"ލޮނުގެ އަސަރު ހުރޭ އެ ސަރަހައްދުގެ އިތުރުން ރަށުގެ މެދާ ހަމައަށް. އެންމެ ކައިރީގައި އުޅޭ މީހުންނަށް ލޮނާ ހެދި ގަސް ފަދަ އެއްޗެހި ނުހެއްދޭ. ގޭގެ ފުރާޅު ބާވާތީ މީހުން ޝަކުވާ ކުރޭ. އެހެންވެ ބެލީ އެކަން ކުރާނީ ކިހިނެއްތޯ،" ރަށުގައި އަމިއްލަ ވިޔަފާރިކުރަމުން އަންނަ ސައުދު ބުންޏެވެ.
އޭނާ ކުރާ މަސައްކަތުގައި ކުޑަކުދިން ބައިވެރިވަނީ ޝައުގުވެރިކަމާ އެކުގަ އެވެ. ގަސްތައް ރަނގަޅަށް ބެލެހެއްޓުމުގައި އުމުރުން 11 ވަރަކަށް އަހަރުގެ ކުދިން އިސްނަގަ އެވެ. އެގޮތުން ރުއްތައް އިންދާފައިވާ އަތިރިމައްޗަށް، ކޮންމެ ދުވަހަކު ހެން، ހަވީރު 5:00-5:30 އާ ދެމެދު އެ ކުދިން އެއްވެ އެވެ.
ޑެއިލީ ވަން ޕްރޮގްރާމާ އެކު މުޅި ތިނަދޫ ފެހިކުރުމުގެ މަސައްކަތުގައި މިހާރު ވަނީ ނުވަ މިނިސްޓަރަކު ރުއް އިންދަވައިފަ އެވެ. ގަސް އިންދުމަށް ކޮންމެ މީހަކަށް ވެސް ލިބޭނީ އެންމެ ފުރުސަތެކެވެ.
ސައުދު މިކަން ކުރަން ފެށީ، ގޭގައި 100 ކުދި ރުއް އިންދުމަށް ފަހު އެވެ. ރުއްތައް ބޮޑުވާން ފެށުމުން ރަށުގެ އެކި ސަރަހައްދާއި އަތިރިމަތީގައި ވަނީ އެ އެއްޗެހި އަލުން އިންދައިފަ އެވެ. އެއަށް ފަހު އެކި ގޭގައި ވެސް ރުއް އިންދާފައިވެ އެެވެ.
މި ހާއްސަ ޕްރޮގްރާމަށް ރަށުގެ އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭކަން އޭނާ ފާހަގަކުރި އެވެ.
"ކުރިން އިންދާފައި ހުރި ގަސްތަކުން ހިޔާވަހިކަން ލިބެން ވަނީ ފަށާފައި. ބިމުގައި އެއްޗެއް އިންދައިގެން ގެއްލުމެއްނުވާނެ. އެކަމުން ދިރި ތިބީންނަށް ފައިދާ ލިބޭނީ. އެ ގަސްތަކާއި ރުއްތައް ވާނީ ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއްޗިއްސަށް،" ސައުދު ބުންޏެވެ.
ސައުދު ކަހަލަ މީހުން ރާއްޖޭގައި ގިނަ ނަމަ، ގުދުރަތީ ފެހިކަމުން ރަށްރަށް ނަލަވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.