14 އޯގަސްޓް 2019 - 13:17
ގެސްޓް ހައުސް އެޅިޔަސް އާއްމުންނަށް ތުނޑި ސަރަހައްދު ބޭނުންކުރެވޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު "މިހާރު" އަށް ވިދާޅުވީ ސިޓީ ހޮޓާ އަޅަން ތުނޑީ ކޮޅުގެ ސަރަހައްދަކުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި 2007 ވަނަ އަހަރު 200،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރި ކަމަށެވެ. އެ މަސައްކަތް ކުރަން މިނިސްޓްރީން އޭރު ބަޔަކާ ހަވާލު ވެސް ކުރި އެވެ. ފެންސް ޖަހައި އާއްމުންނަށް ނުވަދެވޭނެހެން ބަންދުކުރުން ފިޔަވައި އިތުރު ކަމެއް އޭރަކު ނުވި އެވެ.
ފަލާހު ވިދާޅުވިގޮތުގައި، މިހާތަނަށް އެ ބިން އޮންނަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފުވައްމުލަކުގައި 1،000 އެނދު ތަރައްގީކޮށްދެއްވާނެ ކަމަށް ވައުދުުވެވަޑައިގެންފަ އެވެ. އެހެންވެ ސިޓީ ކައުންސިލުން ވަނީ، ސިޓީ ހޮޓާ އަޅަން ހަމަޖައްސާފައި އޮތް ބިމުގައި ގެސްޓް ހައުސް އެޅުމުގެ މަސައްކަތް ކުރަން ހުޅުވާލަން އެދިފަ އެވެ. އޭގެ އިތުރުން އެއާޕޯޓު ސަރަހައްދުން ވެސް، ހަތަރު ހެކްޓަރެއްހާ ބިން ވަނީ ގެސްޓް ހައުސް އަޅަން ދޫކުރަން ނިންމައިފަ އެވެ.
"ގެސްޓް ހައުސް ވިޔަފާރި ވެސް އިތުރަށް ފުޅާކުރަންޖެހޭ... އެހެންވެ ކައުންސިލުން އެދުނީ މިނިސްޓްރީއާ ހަވާލުކޮށްފައި އޮތް ބިން، އިއުލާނުކޮށްގެން އެތަނުގައި ގެސްޓްހައުސް ތަރައްގީކޮށްދޭށޭ،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުވައްމުލަކު ތުނޑި އަކީ ގާނޫނުން ހިމާޔަތްކޮށްފައިވާ ތަނަކަށް ވާތީ، ގެސްޓްހައުސްތައް އެޅިކަމުގައި ވިއަސް އެ ތަނުގެ ބޭނުމަށް ތުނޑި އަތިރިމަތިން ވަތްކެއް ނުކުރެވޭނެ ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ.-- ފޮޓޯ: މިހާރު
"އެތަނުގައި ގެސްޓްހައުސް ވިޔަފާރިތައް ހުޅުވާލިއަސް ތުނޑިި ސަރަހައްދުގެ ތެރެއިން، ބީޗުގެ އެއްވެސް މިންވަރެއް އެކްސްކްލޫސިވްކޮށް އެއްވެސް ބަޔަކަށް ނުދެވޭނެ. ފުވައްމުލަކުގެ ތަފާތަކީ، ތުނޑީކޮޅު ބީޗަކީ ތިމާވެށީގެ ގާނޫނުން ހިމާޔަތްކޮށްފައި ހުރި ތަންތަން. އެހެންވެ އެއީ ކައުންސިލުން ބޭނުންވިކަމުގައި ވިޔަސް، ޓޫރިޒަމް މިނިސްޓްރީން ބޭނުންވި ކަމުގައި ވިއަސް އެއީ ކުރެވޭނެ ކަމެއް ނޫން... ގާނޫނު ބަދަލުކޮށްގެން މެނުވީ އެއްވެސް ބަޔަކަށް އެތަން އެކްސްކްލޫސިވްކޮށް ބޭނުމެއް ނުކުރެވޭނެ،" ފަލާހު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި އެވެ.
ބައެއް ރަށްރަށުގައި ގެސްޓްހައުސްތައް ހަދައި، އެ ސަރަހައްދާވީ ދިމާލުން އާއްމުންނަށް އަތިރިމައްޗަށް ނުވަދެވޭނެހެން ބަންދުކޮށްފައި ހުރެ އެވެ. އެހެންވެ އެކަމަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ފުވައްމުލަކުގެ ތުނޑި އަކީ، ހާއްސަ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާއި ޕިކްނިކް ހެދުމަށް އެ ރަށުގައި އުޅޭ މީހުން އާއިލާއާ އެކު އާއްމުކޮށް ދާ ތަނެކެވެ. އެހެންވެ ގެސްޓްހައުސް ހިންގަން ފެށުމުން، އާއިލާއާއެކު ތުނޑިއަށް ދިއުމުގެ ފުރުސަތު ބަންދުވެދާނެތީ ސޯޝަލް މީޑިއާގައި ވެސް އާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ގެސްޓް ހައުސްގެ މަސައްކަތްތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނައިރު، އެތަނުގެ ކޮންސެޕްޓް ނިމުމުން އާއްމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު އުސޫލުތަކާއި ގޮތްތައް ހަދައި މިނިސްޓްރީން ހަވާލުކުރުމުން، ބިޑަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގައި މިހާރު ވެސް ރަޖިސްޓްރީކޮށްގެން 50 ވަރަކަށް ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށި މީހާ
16 August 2019
ވަކިން އޮންނަ އެށްމެ ރަށެއް އަދި ރީތި ދޮންވެލި ގަނޑަކަށް އޮންނަނީ ހަމައެކަނި ތި ތުނޑީގެ ވެލިގަނޑުކަމުން ތި ގޮތަށް ޓޫރިސްޓުންނަށް ދޭން ނުފެންނަ ވާހަކަ ދަންނަވަން
އިންސާފް
16 August 2019
ގެސްޓްހައުސް ތައް ޑިވެލޮޕް ވީމަ ބީޗް އޮންނާނީ ރައްޔިތުން ބޭނުމަށް ނުލިބިފަ. ގެސްޓް ހައުސް ނޫންކަމެއް މިރާއްޖޭގަ ކުރާނެ ނެތީތަ؟.
އެންދެރި
16 August 2019
އަހަރެއް ވަންދެން ތުނޑި ބޭނުން ކުރެވޭނެއެވެ. ދެން ބޭނުމެއް ނުކުރެވޭނެއެވެ. ގަވާއިދު ބަދަލު ވާނީއެވެ.
އަސަރު
16 August 2019
ފަރުރުވެރިންނަށް ޚައްޞަ މުރެވޭ ދިމާ އިން ފާރުލާ ވަކި ކުރެވެން ޖެހޭ މިނޫން ގޮތެއް މިކަމުގައި ނެތް
ނަރެންހާތަންދިނީމަކެނބެއްހާތަން ދަމައިގަންނަނީ
16 August 2019
ގެސްޓުން ބޭނުންކުރާ ތަން ޢާއްމުންނަށް ނުފެންނާނެހެން ފާރުރާނަން ފެނޭ އަދި އެތަނަށް ދިވެހިން ނޭރެން ފެނޭމުޅި މިޖްތަމައު ފަސާދަވެ ދަނީ ކައުންސިލަރުންގެ ދޯހޮޅިކަމުން
ކޮވެލި
15 August 2019
ގެސްޓް ހައުސް ނޫންކަމެއް ކުރަން ނޭގެނީބާ.
ބީޗްވެސް ވިއްކާލީ
15 August 2019
ހުޅުމާލޭ ބީޗްތަކަށް ވީގޮތް ނުވެއްޖެއްޔާ ރަނގަޅު. ގެސްޓް ހައުސް އަށް އަންނަ ބޭރުމީހުން ނިވާކަން ކުޑަކޮށް ތިބޭ ހާލުގައި އުޅޭތަނަކަށް ދަރިން ގޮވައިގެން ދެވޭނެބާ ؟
ދިވެހިންގެ ބީޗް ދިވެހިންނަށް
15 August 2019
ތިޔަށް ވުރެން މާބޮޑުކަމެއްނުން، ބޭރުމީހުން ރާބޯން ތިބޭ ތަންތަނަށް ދަރިން ގޮވައިގެން ކާންދާން ދެވޭނެބާ؟
އަރޮޅި
15 August 2019
ތަރައްގީއަކީ ހަމައެކަނި އުމްރާނީ އަދި އިގްތިސާދީ ތަރައްގީކަމުގައި ދެކުމަކީ ވަރަށް ނުރައްކާތެރި ކަމެއް. މި ދިވެހިރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ މިހާރުވެސް ގައުމުގެ އިޖްތިމާއީ ބަލިމަޑުކަން. ވަސީލަތްތައް މަދު މި ފުވައްމުލަކުގެ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އެންމެ ބޮޑަށް ގުޅިފައިވަނީ މިރަށުގެ ތުނޑިއާ. އެސަރައްދުގައި ގެސްޓްހައުސް އިމާރާތްކޮށްފިނަމަ، އާއްމުނަށް އެސަރައްދުގެ ބޭނުން ކެނޑޭނެ. މިއީ މިކަން ވާނެގޮތް.
ދޮންރުވާ
15 August 2019
ނިކަމެތި ރައްޔިތުންގެ ހައްގުތަކަށް އަރައި ވަގުތީ އުފާ ހޯދުން ނޫން ދެވަނަކަމެއް ކުރެވޭ މީހެއް ނޫން މެއިޔަރަކީ!
ާއަފުންދެކެޑެ
15 August 2019
ޢަހަރެމެން މިއުޅެނީ އިންޑިއާގެ ކޯލަމް ބީޗް ހަދަންތަ؟! ފަތުރުވެރިންނާއި ރައްޔިތުންނަށް ތުނޑީގައި މަސްހުނިވެ އުޅުމުގެ ފުރުސަތު ހޯދައިދޭން ! ރައްޔިތުން ޢާއްމުކޮށް ބޭނުންނުކުރާ، މާނޭރެ އިން ފެށިގެން ނެރެގަނޑަށް ބިންދޫކޮށްބަލަ! މާ ގިނަ ގެސްޓްހައުސް އެޅަން ފުރުސަތު ދެވޭނެ!