ކިރްގިސްތާނުގެ ކޯޗު އަންދްރޭ އެންކުޑިނޯފް.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
20 އޯގަސްޓް 2019 - 09:59
އޭވީސީ ސެންޓްރަލް ޒޯނުގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން މޮޅުވެފައި އޮތަސް ރާއްޖެއާ މިއަދު ކުޅޭ މެޗު ފަސޭހަނުކުރާނެ ކަމަށް ކިރްގިސްތާނުގެ ކޯޗު އަންދްރޭ އެންކުޑިނޯފް ބުނެފި އެވެ.
ތިން ޓީމު ވާދަކުރާ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން އިއްޔެ ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް ކިރްގިސްތާން ވަނީ ސެމީއާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. ކިރްގިސްތާނުން ސެޓުތައް ގެންދިޔައީ 25-23، 25-22 އަދި 25-22 އިންނެވެ. ގްރޫޕް ސްޓޭޖުގައި މިއަދު ރާއްޖެއާ ދެކޮޅަށް މޮޅެއް ހޯދައިގެން ކިރްގިސްތާނަށް ސެމީގެ ޖާގަ ކަށަވަރުވާނެ އެވެ. އަދި ފަސް ސެޓަށް ގޮސްގެން ބަލިވި ނަމަވެސް ކިރްގިސްތާން ސެމީ އަށް ދާނެ އެވެ.
ކިރްގިސްތާނުގެ ކޯޗު އަންދްރޭ ބުނީ ނޭޕާލާ ދެކޮޅަށް އޭނާގެ ޓީމުން ކުޅުނީ މޮޅު ކުޅުމެއް ކަމަށާއި ނެދަލެންޑްސްގެ ކޯޗު ހޭން އެބިންގެ އިރުޝާދުގެ ދަށުން ނޭޕާލްގެ ކުޅުން ރަނގަޅުކޮށްފައިވާ ކަމަށެވެ.
"ޔޫރަޕްގެ ވައްޓަފާޅިއާ އެއްގޮތް ކަހަލަ ކަންތައްތަކެއް ނޭޕާލުން ދަސްކުރަމުން އަންނަކަން އެބަފެނޭ. ހަގީގަތުގައި އަހަރެމެންނަށް އުނދަގޫ މެޗެއް އެއީ ވެސް. އެކަމަކު އެ މެޗުން މޮޅުވީމަ ރާއްޖެ މެޗު ފަސޭހަކޮށެއް ނުލާނަން. ރާއްޖެ ވެސް ބަލިކުރަން ބޭނުންވަނީ،" އެންކުޑިނޯފް ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް ކިރްގިސްތާނުން ވަނީ 2017 ވަނަ އަހަރު މާލޭގައި ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި ކުޅެފަ އެވެ. އެ މެޗުގައި ކިރްގިސްތާނުން ސެޓުތައް ގެންދިޔައީ 25-22، 33-31 އަދި 25-20 އިންނެވެ. އޭގެ ކުރިން ފަހަރު ބަންގްލަދޭޝްގައި ކުޅުނު މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވީ 3-1 ސެޓުންނެވެ.
ކިރްގިސްތާން ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އޮނޮލްބެކް އާއި ޓޮކްޓޮއޭވް ނޫރްމުހައްމެދު އެވެ. މި ދެ ކުޅުންތެރިންގެ ބާރު ޝޮޓުތައް ހުއްޓުވަން އިއްޔެ މެޗުގައި ނޭޕާލަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އަދި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ރޯމަން ޝިލޯވްގެ އިސްކޮޅުގެ ފައިދާ ނަގައި ނޭޕާލުގެ އެޓޭކްތައް ހުއްޓުވުމުގައި ވެސް ކިރްގިސްތާނުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ކިރްގިސްތާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު މާލެ ގަޑިން އިރުއޮއްސި 6:15 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫ
20 August 2019
ލަންކާ މެޗުގެ ކުޅުމަށް ބަލާ އިރު ހީވަނީ ވެލިކައިގެން ހެން ފައިބާނީ، ދެން ގޯހެއް ނޫންތާ ނޭޕާލަށް ގޮސް ޗުއްޓީ ހަދާލެވިއްޖެތާ ދޯ..................
ކިއްލިބާޝާ
20 August 2019
ތިނުވާނެ މާބޮޑުކަމަކަށް. މިއުޅެނީ ޖެހިގެން އޮތް ލަންކާއަތުން މޮޅެއް ނުލިބިގެން.
ހަމް
20 August 2019
މެޓައެއް ފަދަ ކަމެއް.