އިސްލާމީ ޔުނިވާސިޓީގެ ރިސާޗް ކޮންފަރެންސުގައި ކީނޯޓް ސްޕީޗް ދެއްވާ ތިން ޕްރޮފެސަރުން (ކ-ވ) ޑރ. އުމަރު އާއި ޑރ. އިބްރާހިމް އަދި ޑރ. ޒަހެރާ.
26 އޯގަސްޓް 2019 - 16:40
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ، ރާއްޖޭގެ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސް މި ފަހަރު ބާއްވަނީ ރި-ބްރޭންޑްކޮށްގެންނެވެ. ކުރިން "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އެވޭކްނިން" ގެ ނަމުގައި ބާއްވަމުން ކޮންފަރެންސް އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ބާއްވަނީ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" ގެ ނަމުގަ އެވެ. ނުވަތަ އިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ އެވެ.
އިސްލާމް ދީނާއި ޝަރީއާއާ ބެހޭގޮތުން ދުނިޔޭގެ ފާހަގަކޮށްލެވޭ ޕްރޮފެސަރުން ދިރާސީ ކަރުދާސްތައް ހުށަހަޅާ އިލްމީ ބޮޑު ފޯވައްސެއްގެ ގޮތުގައި ފާހަގަކުރެވޭ މި ކޮންފަރެންސުގައި މި ފަހަރު މެންޓަލް ހެލްތާއި މާސް މީޑިއާ ކޮމިއުނިކޭޝަންއާ ގުޅޭ ކަރުދާސްތަކެއް ހުށަހަޅާނެ އެވެ. އެހެންވެ މި ފަހަރުގެ ކޮންފަރެންސް އެހެން އަހަރުތަކަށް ވުރެ އިލްމީ ގޮތުން މުއްސަނދިވާނެ އެވެ.
Intentional Conference on Intellectual Advancement (ICIA2019) is an international conference that provides the opportunity to bring together professors, researchers and higher education students of different disciplines. #ICIA19 pic.twitter.com/nmIuoYG1mx
— ICIA (@ICIA_IUM) August 1, 2019
މި ފަހަރު ކީނޯޓް ސްޕީޗް ދެއްވާނީ ވެސް ތަފާތު ތިން ދާއިރާއެއްގެ ޕްރޮފެސަރަރުންނެވެ. އެއީ މީޑިއާ، ތިމާވެށި އަދި އިސްލާމިކް ފައިނޭންސާ ގުޅޭގޮތުންނެވެ. އިސްލާމިކް ޔުނިވާސިޓީން ބުނި ގޮތުގައި އެ ތިން ދާއިރާ އަކީ މިހާރު ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އަހަމިއްޔަތުކަން ދެވޭ ދާއިރާތަކެއް ކަމަށާއި އެހެންވެ އެ ދާއިރާތަކުން ކީނޯޓް ދިނުމަކީ ކޮންފަރެންސަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
ކޮންފަރެންސް ފެށުމުގެ ގޮތުން ހޮނިހިރު ދުވަހު ހެނދުނު ކީނޯޓް ދެއްވާނީ ފިންލެންޑުގެ ޓުރްކޫގެ އަބޫ އެކަޑަމީ ޔުނިވާސިޓީގެ އިސްލާމިކް ފިލޯސަފީގެ ޕްރޮފެސަރު ޑރ އިބްރާހިމް އޮޒްޑެމީރް އެވެ. މައުލޫއަކީ "އިސްލާމް އެންޑް އެންވަޔަރަމަންޓް އެތިކްސް: ކެއާ ފޮ ކްރިއޭޝަން" އެވެ. ތުރުކީގެ ހަސަން ކަލްޔޮންކޫ ޔުނިވާސިޓީގެ މުއައްސިސެއް ކަމަށްވާ ޑރ. އިބްރާހީމް ޕީއެޗްޑީ ހާސިލްކުރެއްވީ ތުރުކީގެ މިޑްލް އީސްޓް ޓެކްނިކަލް ޔުނިވާސިޓީންނެވެ. އަދި ބެޗެލާސް ޑިގްރީ ހާސިލްކުރެއްވީ އިސްލާމިކް ތިއޮލޮޖީ އާއި އިސްލާމިކް ފިސޯލަފީގެ ދާއިރާ އިން ތުރުކީގެ އަންކާރާ ޔުނިވާސިޓީންނެވެ.
ތިމާވެށީގެ އެތިކްސް އާއި ތިމާވެށީގެ ފަލްސަފާ އިލްމަށް ހާއްސަވެވަޑައިގެން އޭނާ ވަނީ އެ ދާއިރާތަކުން އެތައް ފޮތެއް ލިޔުއްވައިފަ އެވެ. އަދި އޭނާ އަންނަނީ ޔޫރަޕާއި އެމެރިކާގައި ވަރަށް ގިނަ ޕަބްލިކް ލެކްޗަރުތަކާއި އިލްމީ ލެކްޗަރުތައް ދެއްވަމުންނެވެ.
އެ ދުވަހު މެންދުރުފަހު ކީނޯޓް ދެއްވާނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ލިކުއިޑިޓީ މެނޭޖްމަންޓް ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އުމަރު އޮސޭނީ އެވެ. އޭނާ ކީނޯޓް ދެއްވާ މައުލޫއަކީ "ޑިސްޕިއުޓް މެނޭޖްމަންޓް އިން ދަ ކޮންޓެމްޕަރަރީ ސޮސައިޓީ: ދަ ޝަރީއާ އެންޑް ލޯ ޕާސްޕެކްޓިވްސްސް" އެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ގާނޫނީ ދާއިރާގެ އެސޯސިއޭޓް ޕްރޮފެސަރަކީ އެމެރިކާގެ މަޝްހޫރު ހަވަޑް ޔުނިވާސިޓީގެ ހަވަޑް ލޯ ސްކޫލުގެ ލީގަލް ސްޓަޑީޒް ޕްރޮގްރާމުގެ ވިޒިޓިން ޕޯސްޓް-ޑޮކްޓޯރަލް ފެލޯއެއް ވެސް މެ އެވެ. އަދި އޭނާ ވަނީ އިސްލާމީ މާލީ ނިޒާމުގެ ގާނޫނީ އަދި ރެގިއުލޭޓްރީ މައްސަލަތަކާއި ޑިސްޕިއުޓް ރިސޮލޫޝަންގެ އަލްޓަނޭޓިވްއާ ބެހޭގޮތުން ފޮތް ލިޔުއްވައިފަ އެވެ.
އާދީއްތަ ދުވަހު ހެނދުނު އޮންނާނީ މީޑިއާ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، ލަންޑަނުގެ ސްކޫލް އޮފް އާޓްސް އެންޑް ސޯޝަލް ސައިންސުގެ ސީނިއާ ލެކްޗަރާ ޑރ. ޒަހެރާ ހާބް ދެއްވާ ކީނޯޓެވެ. ކޮންފަރެންސުގެ ކުރިން އޭނާ މާދަމާ ދެ ސެމިނާރެއް ބާއްވާނެ އެވެ. އެއީ "ޖާނަލިޒަމް އިން ދަ ޑިޖިޓަލް އޭޖް" އާ ގުޅޭގޮތުން ހެނދުނު ބާއްވާ ސެމިނާ އާއި މެންދުރުފަހު ބާއްވާ "ޖާނަލިޒަމް އެންޑް ޕޮލިޓިކްސް އިން އަރަބް ވޯލްޑް" ސެމިނާ އެވެ. ދެ ސެމިނާރުގައި ވެސް އިސްލާމީ ޔުނިވާސިޓީގައި އަދި ގައުމީ ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވަމުން އަންނަ ދަރިވަރުން ބައިވެރިވާނެ އެވެ. އަދި ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ބައިވެރިވާން ހުޅުވާލައިފަ އެވެ.
ޒެހެރާ އަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ އިލްމީ ޖާނަލެއް ކަމަށްވާ "ޖާނަލިޒަމް ޕްރެކްޓިސް" ގެ އެސޯސިއޭޓް އެޑިޓަރެވެ. ލުބްނާނުގެ މީޑިއާތަކާއި ބައިނަލްއަގްވާމީ އެކި މީޑިއާތަކުގައި އޭނާ ވަނީ 11 އަހަރު މަސައްކަތްކުރައްވައިފަ އެވެ. ފަހުން ހާއްސަވެވަޑައިގަތީ ދެކުނު ލުބްނާންގެ ހަނގުރާމައިގެ ނޫސްވެރިއަކަށެވެ. އަދި އާއްމުންގެ މަގުބޫލުކަން ލިބުނު ވަރަށް ގިނަ ސޯޝިއޯ-ޕޮލިޓިކްސް ޓީވީ ޝޯތައް އުފައްދަވައި ހުށަހަޅުއްވައިފައިވެ އެވެ. މީގެ އިތުރުން ސިޔާސީ އާއި އިޖްތިމާއީ ޑޮކިއުމެންޓްރީ އުފައްދަވައި، ބީބީސީ އަރަބިކް ސާވިސަސް އާއި ސީއެންއެން ވޯލްޑް ރިޕޯޓަށް ކަވަރޭޖް ހެއްދެވި އެވެ. އަލް އަލްޖަޒީރާ އަށް ގަވާއިދުން ކޮލަމް ލިޔުއްވާ ޑރ. ޒެހެރާ މާސްޓާސް ޑިގްރީ އާއި ޕީއެޗްޑީ ހާސިލްކުރެއްވީ ވޭލްސްގެ ކާޑިފް ޔުނިވާސިޓީން ޖާނަލިޒަމް ސްޓަޑީސް އާއި ޕޮލިޓިކަލް ކޮމިއުނިކޭޝަންސްގެ ދާއިރާ އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
27 August 2019
ޢިލްމީ ހޯދުންތަކުން ފައިދާވާނީ އެއަށް ބިނާކޮށް ޕޮލިސީތައް ކަނޑައެޅުނީމާ. ޕޮލިސީތައް ގާތްތިމާގެ މީހުންނާއި ޕާޓީގެ ބޮޑުންނާއި މަހުޖަނުންނަށް ފަހިވާ ގޮތަށް ހެދުނީމާ ކަމަކު ނުދާނެ
ހަާލަތު
27 August 2019
އިލްމާ ދެއްކުންތެރިކަމަކީ ތަފާތު ދެކަމެއް. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ ފެތެނީ މިތަނުން ފަހަތު ކެޓެގަރީއަށް.