ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސްގެ ޑޮކިއުމަންޓަރީއެއް ގެނެސްދޭން ނެޓްފްލިކްސް އިން ތައްޔާރުވެއްޖެ އެވެ.
"އިންސައިޑް ބިލްސް ބްރެއިން: ޑިކޯޑިން ބިލް ގޭޓްސް" ގެ ނަމުގައި ގެނެސްދޭ ޑޮކިއުމަންޓަރީ މި މަހުގެ 20 ގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ އިރު، މީގެ ޓްރެއިލާ ވެސް މިހާރު ވަނީ ނެރެފަ އެވެ.
ޓްރެއިލާ ޓްވިޓާގައި ހިއްސާކުރައްވައި ގޭޓްސް ވިދާޅުވީ ޑޮކިއުމަންޓަރީގައި އޭނާގެ ކެރިއަރާއި އަމިއްލަ ދިރިއުޅުމުގެ ވާހަހަކަތައް ވެސް ގެނެސްދޭނެ ކަމަށެވެ. އަދި މި ޑޮކިއުމަންޓަރީ ބެލުންތެރިންނަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ތިން ބަޔަކަށް ގެނެސްދޭ "އިންސައިޑް ބިލްސް ބްރެއިން: ޑިކޯޑިން ބިލް ގޭޓްސް" ޑައިރެކްޓްކޮށްފައި ވަނީ 2007 ގެ ޑޮކިއުމަންޓްރީ "ދި އިންކޮންވީނިއަންސް ޓްރުތު" އިން އޮސްކާގެ ބެސްޓް ޑޮކިއުމަންޓަރީ ފީޗާގެ އެވޯޑް ވެސް ހޯދާފައިވާ ޑޭވިސް ގަގެނައިމެވެ.
އޭނާ ޑައިރެކްޓްކޮށްފައިވާ ޑޮކިއުމަންޓަރީތަކުގެ ތެރޭގައި "ހީ ނޭމްޑް މީ މަލާލާ" އާއި "އިޓް މައިޓް ގެޓް ލައުޑް" އަދި ވެއިޓިން ފޮ ސުޕަމޭން" ފަދަ ޑޮކިއުމަންޓަރީތައް ހިމެނެ އެވެ.
ޑޭވިސް ގެނެސްދޭ ބިލް ގޭޓްސްގެ ޑޮކިއުމަންޓަރީ ޔަގީނުން ވެސް ބެލުންތެރިން ވަރަށް އިންތިޒާރު ކުރާނެ އެއްޗަކަށް ވާނެ އެވެ. އުމުރުން މިހާރު 63 އަހަރުގެ ގޭޓްސްކީ މައިކްރޮސޮފްޓްގެ ބާނީ އެވެ. އޭނާ ކާމިޔާބު މީހަކަށްވާން ކުރި މަސައްކަތް ޑޮކިއުމަންޓަރީއަކުން ކިޔައި ދިނުމަކީ ކާމިޔާބު މީހަކަށްވާން ބޭނުން މީހުންނަށް ބޮޑު ފިލާވަޅަކަށް ވެސް ވާނެ އެވެ.
ކުރިން ގިނަ އަހަރުތަކެއް ވަންދެން ދުނިޔޭގެ އެެންމެ މުއްސަނދު މީހާގެ މަގާމު ދިފާއުކުރައްވަމުން ގެންދެވި ގޭޓްސްއަކީ މިހާރު ތިން ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތު 102.8 ބިލިއަން ޑޮލަރަށް އަރަ އއެވެ.
ތިން ކުދިންގެ ބައްޕަ ގޭޓްސްއަކީ މަހުޖަނުންގެ ތެރެއިން ޙައިރާތަނަށް އެންމެ ބޮޑު ހޭދަކުރައްވާ މަހުޖަނެވެ. އޭނާ އާއި އަންހެނުން މެލިންޑާ ވަނީ އެކަމަށް ހާއްސަ ފައުންޑޭޝަނެއް ވެސް "ބިލް އެންޑް މެލިންޑާ ގޭޓްސް" ގެ ނަމުގައި އުފައްދަވައިފަ އެވެ. އޭގެ ދަށުން މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 35 ބިލިއަން ޑޮލަރު އެކި ކަންކަމަށް ހަދިޔާކޮށްފައިވެ އެވެ.