އާސެނަލްގެ ކޯޗު ވެންގާ (ކ) އާއި ޔުނައިޓެޑްގެ ކުރީގެ ކޯޗު ފާގަސަން ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ
30 މެއި 2016 - 10:52
ލަންޑަން (މޭ 30) - އާސެނަލްގެ ކޯޗު އާސެން ވެންގާ އަކީ ފުޓްބޯޅައިގައި އެ ފަދަ ދެ ވަނަ އެއް ނެތް މޮޅު ކޯޗެއް ކަމަށާއި އޭނާ އަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
ޔުނަައިޓެޑްގެ ކޯޗުކަމުގައި ފާގަސަން ހުރިއިރު އޭނާގެ ވާދަވެރިޔަކީ ވެންގާ އެވެ. ބަހުގެ ހަމަލާތައް ބަދަލުކުރެވުނުއިރު، އެއް ކޯޗަކު އަނެއް ކޯޗަކަށް ތާއީދުކޮށް ވާހަކަ ދެއްކީ މަދު ފަހަރެއްގަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ފައިނަލުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ފާގަސަން ވަނީ ވެންގާ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
އާސެނަލްގެ ކޯޗުކަމާ 1996 ވަނަ އަހަރު ވެންގާ ހަވާލުވިފަހުން އެ ޓީމުން އަންނަނީ ގަވައިދުން ލީގުގެ ހަތަރުން ޖާގަހޯދައި ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައިކޮށްދެމުންނެވެ. ފާގަސަން ބުނީ އެ ފެންވަރެއްގައި އެހާ ގިނަ ދުވަހު ޓީމެއް ހިފެހެއްޓުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ.-- ފޮޓޯ: އޭއެފްޕީ
"ވެންގާ އަކީ މޮޅު ކޯޗެއް. އޭނާ އަކީ ސާބިތުކަންމަތީގައި އެއް ވިސްނުމެއްގައި ޓީމު ލީޑުކުރުމަށް އެފަދަ ދެވަނަ އެއް ނެތް ކޯޗެއްކަން އޭނާ އެ ދަނީ ސާބިތުކޮށްދެމުން،" ފާގަސަން ބުންޏެވެ.
"ގިނަ ބަޔެއްގެ ފާޑުކިޔުން ވެންގާ އަށް އަމާޒުވާތީ އަހަރެން ހައިރާންވޭ. ދުނިޔޭގެ ފުޓްބޯޅައިގައި ވެންގާ ކަހަލަ މޮޅު ކޯޗެއް ފެންނާނީ ވަރަށް މަދުން،" ފާގަސަން ބުންޏެވެ.
ފާގަސަން ބުނީ ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދުމުގައި ވެންގާ އަކީ ދުރުވިސްނޭ ކޯޗެއް ކަމަށެވެ. އަދި ވެންގާގެ ސަބަބުން އިނގިރޭސި ފުޓްބޯޅަ އަށް ވަރަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ވެންގާ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ 2004 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ލީގު ހޯދިފައިނުވާތީ އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ ތިން ފަހަރު އެފްއޭ ކަޕް އުފުލާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy