ރިންގްރޯޑުގައި ޓެކްސީތަކެއް ދުއްވަނީ: އަގުބޮޑުކޮށްގެން ދުއްވައިގެން ފިޔަވަޅު އެޅި ޓެކްސީގެ އަދަދު ވަނީ މަދުވެފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު
15 ސެޕްޓެމްބަރ 2019 - 18:04
ޓެކްސީ ކުރުމުގެ ގަވައިދާ ހިލާފުވެ، އަގުބޮޑުކޮށް ހިދުމަތް ދީގެން ފުލުހުން ފިޔަވަޅު އެޅި ޓެކްސީގެ އަދަދު މި ހަފުތާގައި މަދުވެއްޖެ އެވެ.
މިއީ، މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގުތައް ކަނޑައަޅައި، އެ އުސޫލަށް އަމަލު ކުރަން ފެށިފަހުން، ގަވައިދާ ހިލާފުވެގެން އެންމެ މަދުން ފިޔަވަޅު އެޅި ފަހަރެވެ.
ފުލުހުންގެ މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓެކްސީ ކުރުމުގެ ގަވައިދާ ހިލާފުވެގެން މިދިޔަ ހަފުތާގައި ފިޔަވަޅު އެޅީ އެންމެ ދެ ޓެކްސީ އަކަށެވެ. އޭގެ ކުރީ ހަފުތާގައި ހަތަރު ޓެކްސީއެއް ޖޫރިމަނާ ކުރި އިރު، އޮގަސްޓު 24-30ގެ ނިޔަލަށް 16 ޓެކްސީއަކާ މެދު ފިޔަވަޅު އަޅާފައި ވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައި ފަހުން އަގުބޮޑުކޮށް ދުއްވައިގެން ޖޫރިމަނާ ކުރާ ޓެކްސީތަކުގެ އަދަދު ކޮންމެ ހަފުތާއަކު ވެސް އަންނަނީ މަދުވަމުންނެވެ.
ގަވައިދާ ހިލާފުވާ އުޅަނދުތައް ޖޫރިމަނާ ކުރަނީ 750 ރުފިޔާ އަށެވެ.
ޓެކްސީގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބައެއް ޓެކްސީ ޑްރައިވަރުން ވަނީ، އެ އަގުގައި ހިދުމަތް ދޭން ދެކޮޅު ހަދައި އިހްތިޖާޖު ކޮށްފަ އެވެ. އެއާ އެކު، ފުލުހުން ވަނީ ގަވައިދާ ހިލާފަށް ދަތުރު ކުރާ ޓެކްސީތައް ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.
މާލޭގެ ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބުތައް ކޮންމެ ހަފްތާއަކު ފުލުހުން އަންނަނީ އާންމު ކުރަމުންނެވެ.
މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ގަވައިދާ ހިލާފަށް ޕާކުކޮށްގެން މި މަހުގެ ހަތަކުން މިދިޔަ ހުކުރު ދުވަހާ ހަމައަށް 544 އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފަ އެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެ ވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި 398 އުޅަނދެއް ބަލައި ފާސްކުރި އެވެ. އަދި 70 އުޅަނދެއް ޓޯ ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
16 September 2019
އިންޑިއާގަ ޕެޓްރޯލް ލިޓަރެއް އުޅެނީ 15 އާ 18 ރުފިޔާ ދޭތެރޭ. އިންޑިއާއިން 1 ގަޑިއިރުގެ ދަތުރަކައްވެސް ނަގަނީ 500 ރުޕީސް ވަރު. އެއީ 120 ރުފިޔާ ވަރު. މާލެއިން އެއަރ ޕޯޓައް ދެވޭ 5 މިނެޓުން ކާރުގަ.
ދެރަ
16 September 2019
މިހާރުވެސް 100 ރުފިޔާ އަށް ނޫނީ ދަތުރުނުކުރާން ބޮޑާހާކާ މީހުން އުޅޭ
ޢަބްދުﷲނާފިޒް
15 September 2019
ރަނގަޅު، ޓެކްސީ ޑްރައިވަރުންނަށްވެސް މިހާރު ވިސްނެންފަށައިފި 100 ރުފިޔާއަކީ ނިސްބަތުން ބޮޑު އަދަދެއްކަން، އާނފަހެ 100 ރުފިޔާ ނަގަން މިވެރިން މިހާ ފޯރިއެއް މިނަގަނީ، މާލޭ ހުޅުމާލެއަށް މިދުއްވަނީ ވިހި ފަންސަވީސް ކިލޯމީޓަރެއް ނޫނިއްޔަ.....
ގަމު މީހާ
16 September 2019
މިހަަރުވެސް ގިނަ ޓެކްސީތައް ދަތުރުކުރަނީ އަގު ބޮޑުކޮށް...ޓެކްސީ ނުލިބޭތީ ރައްޔިތުންވެސް އެގޮތް އޯކޭ ވެގެން އަގުބޮޑުކޮށް ދަތުރު ކުރަނީ...މިނޫން އެހެން ގޮތެއް ެބަޖެހޭ ވިސްނަން...މިނި ބަސްތައް އިތުރުކޮށް ޓެކްސީ އަށް އޮންނަ ޑިމާންޑް ކުޑަ ކުރަންވީ..