ބްރެޝިއާގެ ފޯވާޑް މާރިއޯ ބަލޮޓެލީ (ވ) ބޯޅަ ޖަހާއިރު ޔުވެންޓަސްގެ މިޑްފީލްޑަރު ސާމީ ކެދީރާ ސަމާލުވެގެން. --ފޮޓޯ: އޭއެފްޕީ
25 ސެޕްޓެމްބަރ 2019 - 08:53
ބްރެޝިއާ (ސެޕްޓެމްބަރު 25) – މާރިއޯ ބަލޮޓެލީ އިޓާލިއަން ލީގަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން ރޭ އޭނާގެ ބްރެޝިއާ އަތުން 2-1 އިން މޮޅުވެ ޗެމްޕިއަން ޔުވެންޓަސް އިން ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.
ޔުވެންޓަސް ކުރިއަށް ޖެހިލީ އެއް މެޗު އިތުރަށް ކުޅެ 13 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ 12 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ނަމަވެސް މިރޭ ލާޒިއޯ އަތުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ބްރެޝިއާގެ ދަނޑުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި އަލްފްރެޑޯ ޑޮންނަރުއްމާގެ ގޯލުން އެ ޓީމު ކުރި ހޯދި އެވެ. އެކަމަކު 40 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯން ޗާންސެލާ އަތުން ބައިކޮޅަށް ވަން ލަނޑުން ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަވި އެވެ. ޔުވެންޓަސް މޮޅުވީ 63 ވަނަ މިނެޓުގައި މިރެލަމް ޕިޔަނިޗް ޖެހި ގޯލުންނެވެ.
ކޮންމެވެސް ވަރެއްގެ އަނިޔާއަކާ ގުޅިގެން ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭތީއާ އެކު މެޗުގެ ހުރިހާ ސަމާލުކަމެއް ހުރީ ބަލޮޓެލީ އަށެވެ. އިންޓަ އިން ވިދާލައި މެންޗެސްޓާ ސިޓީ އާއި އޭސީ މިލާނާއި ލިވަޕޫލަށް ކުޅުނު ބަލޮޓެލީ އެނބުރި މިއައީ ފްރާންސް ލީގުގައި މާސޭ އަށް ކުޅުމަށް ފަހު އެވެ. އެކަމަކު އެ ކްލަބުގައި ކުރިމަތިވި ސަސްޕެންޝަނެއް ލީގުގައި ވެސް ގުނޭތީ ފުރަތަމަ ހަތަރު މެޗުގައި ހުރީ ކުޅިބަލާށެވެ.
"ބަލޮޓެލީ އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. އޭނާ އަކީ އާދަޔާހިލާފު ކުޅުންތެރިޔެއް. އަހަންނަށް ޔަގީން މި ސީޒަނުގައި އޭނާ އަހަރެމެންނަށް ބޮޑު އެހީތެރިކަމެއް ދޭނެ،" އަލަށް ޕްރޮމޯޓްވި ޓީމުގެ ކޯޗު ޔުޖީނިއޯ ކޮރީނީ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy