ސައުދީ އަށް ދަތުރުކުރާ އަންހެން ޓޫރިސްޓުންނަށް ހެދުން އެޅުމުގައި ލުއިތަކެއް ދޭން ވަނީ ނިންމާފައި. --ފޮޓޯ:އީޕީއޭ
28 ސެޕްޓެމްބަރ 2019 - 14:03
ރިޔާޒް (ސެޕްޓެމްބަރު 28) - ސައުދީގެ ޓޫރިޒަމް ސެކްޓަރުގައި ބޭރު މީހުން އިންވެސްޓް ކުރުމުގެ ނިޔަތުގައި 49 ގައުމެއްގެ މީހުންނަށް އާ ވިސާއެއް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށާއި ސައުދީ އަށް ޒިޔާރަތް ކުރާ އަންހެނުންގެ ޑްރެސް ކޯޑަށް ވެސް ލުއިތަކެއް ދޭނެ ކަމަށް އެ ގައުމުން އިއުލާންކޮށްފި އެވެ.
ސައުދީ ޓޫރިޒަމް ކޮމިޝަނުގެ ޗެއާމަން އަހުމަދު އަލް ޚަތީބު ވިދާޅުވީ ސައުދީ އަށް ޒިޔާރަތް ކުރާ ޓޫރިސްޓް އަންހެނުންނަށް އަބާޔާ އަޅައިގެން އުޅުން މަޖްބޫރު ނޫން ކަމަށާއި އާއްމު ތަންތަނުގައި އުޅެން އެކަށީގެންވާ ހެދުމެއް ގަބޫލް ކުރެވޭނެ ކަމަށެވެ.
ވިސާގެ ލުއިތައް ދޭ އިރު ސައުދީން އިސްކަން ދޭ ގައުމުތަކުގެ ތެރޭގައި ޗައިނާ، ޖަޕާން، އެމެރިކާ އަދި ޔޫރަޕުގެ ގައުމުތައް ހިމެނެ އެވެ.
ސަައުދީ އަށް ޒިޔާރަތް ކުރުން މިހާތަނަށް އޮންނަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ސައުދީ އަށް މަސައްކަތް ކުރަން ދާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ރެސިޑެންޓް ވިސާ ދޫކުރާ އިރު ވިޔަފާރިތަކަށް ބިޒިނަސް ވިސާ ދެ އެވެ. ހައްޖާއި އުމްރާ އަށް ދާ މުސްލިމުންނަށް ވެސް ދޫކުރަނީ ޚާއްސަ ވިސާއެކެވެ.
ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ވިޝަން 2030 ގެ ނަމުގައި އިގްތިސާދީ ބޮޑު ތަސައްވަރެއް އެކުލަވާލައްވައިފަ އެވެ. ވަލީ އަހުދުގެ އެޖެންޑާގެ އެންމެ ކުރީގައި ވަނީ ޓޫރިޒަމް ސިނާއަތެވެ.
ޚަތީބު ވިދާޅުވީ 2030 އާ ދާއިރު 500،000 ޓޫރިސްޓް ކޮޓަރި ތަރައްގީ ކުރުމަށް 250 ބިލިއަން ރިޔާލް (ހަ ބިލިއަން ޑޮލަރު) ގެ އިންވެސްޓްމަންޓް ބޭނުންވާ ކަމަށެވެ. ސައުދީ ސަރުކާރުން އަމާޒު ކުރަނީ 2030 އަށް ދާއިރު އަހަރަކު އެ ގައުމަށް 100 މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށެވެ. ސައުދީ އަށް މިހާރު ޒިޔާރަތް ކުރަނީ އަހަރަކު 40 މިލިއަން މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަންފާ
30 September 2019
ލާރި ވާރކްސް ފޯރ އެވްރީ ތިންގ
ރުމާލު10
28 September 2019
ސައުދީއަށް ދާންވީ!
ދިލް
29 September 2019
އަދި އެބަ އޮތް މާސަޅި ކަމެއް، ޙައްޖަށް ދާންވީނުން.
ޙައްޖު
30 September 2019
އެއީވެސް ލާރި ހޯދަން ކުރާ ކަމެއް.