30 ސެޕްޓެމްބަރ 2019 - 06:54
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ދަ ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ރޮބް ކޮއެންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި އުމުރުން 70 އަހަރުގެ ޑައިރެކްޓަރު، އަންހެނަކަށް ޖިންސީ ގޯނާކުރީ 2015 ގަ އެވެ. އަސްލު ނަން ހާމަކޮށްފައި ނުވާ އަންހެން މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނިގޮތުގައި ރޮބްގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނީ ޓީވީ ޕްރޮޖެކްޓަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރުމަށް ރޮބްގެ ފަރާތުން ލިބުނު ދައުވަތެއްގައި ދިއުމުން އެމެރިކާގެ މެންހަޓަންގެ ހޮޓަލެއްގަ އެވެ.
ޖޭން ކިޔައިދީފައިވާ ގޮތުން ބައްދަލުވުމަށް ދިއުމުން ރޭގަނޑުގެ ކެއުމަކަށްދާން ރޮބް ދައުވަތު ދިނެވެ. އޭގެ ފަހުން އެހެން ހޮޓަލެއްގެ ބާ އަށް ދާން ދައުވަތު ދިނުމުން، ކޮންމެވެސް ވަރެއްގެ ފަސްޖެހުމެއް ހުރި ނަމަވެސް އަމިއްލަ ކެރިއަރަށްޓަކައި އެ ދައުވަތު ގަބޫލުކޮށް ދިޔައީ އެވެ.
ޖޭން ބުނިގޮތުގައި ރޮބް ޖިންސީ ގޯނާކުރިކަން އެނގުނީ ޖެހިގެން އައި ދުވަހު ހެނދުނު ހޭލެވުނު އިރު ހޮޓަލުގެ ކޮޓަރީގެ އެނދުމަތީގައި ބަރަހަނާ ހާލުގައި އޮތުމުންނެވެ. އަދި އެކަމެއް ހިނގީ އޭނާ މަސްތުގެ ހާލަތުގައި އޮއްވައި ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ދެ ކައިވެނި ރޫޅިފައިވާ ރޮބްގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ދެހާސް އެއް ވަނަ އަހަރު "ފާސްޓް އެންޑް ފިއުރިއަސް" ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ދަ ހަރިކޭން ހެއިސްޓް" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy