ހަތަރު ވަނަ ހޯދި އަޒްނީން (ކ) އާއި ޒިޔާދު.-- ފޮޓޯ: ހާފްކޯޓް.އެމްވީ/ އަބްދުﷲ އަބީދު
01 އޮކްޓޯބަރ 2019 - 23:02
އިންޑޮނީޝިއާގެ ބަތަމްގައި މިހާރު ކުރިއަށްދާ 53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް މުބާރާތުގައި ރާއްޖޭގެ މަހުމޫދު ޒިޔާދާއި އަޒްނީން ރަޝާދު ވާދަކުރި ކެޓަގަރީތަކުން ހަތަރު ވަނަ ހޯދައިފި އެވެ.
މިދިޔަ ޖުލައި މަހު ދެކުނު އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދި ރާއްޖޭގެ އެންމެ އުއްމީދީ އެއް ބޮޑީބިލްޑަރު އަޒްނީން މިއަދު ހަތަރު ވަނަ ހޯދީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިންނެވެ. މި ބައިގައި އޭނައާ އެކު ވާދަކުރީ ތައިލެންޑުގެ ދެ ބޮޑީބިލްޑަރުންނާއި އީރާން އަދި ކެމްބޯޑިއާގެ ބޮޑީބިލްޑަރެކެވެ.
މިދިޔަ އަހަރުގެ އޭޝިއާ މުބާރާތުން ލޯ މެޑަލް ހޯދި ރާއްޖޭގެ ތަޖުރިބާކާރު ބޮޑީބިލްޑަރު މަހުމޫދު ޒިޔާދަށް މި ފަހަރުގެ މުބާރާތުގެ 160 ސެންޓިމީޓަރު ސްޕޯޓްސް ފިޒީކް ބައިން ލިބުނީ ހަތަރު ވަނަ އެވެ. އޭނާއާ ވާދަކުރީ ވިއެޓްނާމްގެ ދެ ބޮޑީބިލްޑަރުންނާއި ތައިލެންޑް އަދި ޗައިނާގެ ބޮޑީބިލްޑަރެކެވެ.
ފުރަތަމަ ބުރުން ފައިނަލަށް ހޮވޭ ގަދަ ތިން ބޮޑީބިލްޑަރުންނަށް މެޑަލާއި ޓްރޮފީ އެއް ދެ އެވެ. އަދި ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ އަދި އެންމެ ފުލަށް ދާ ބޮޑީބިލްޑަރަށް ވެސް ޓްރޮފީ އެއް ދެ އެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ދެން ވާދަކުރި ދެ ބޮޑީބިލްޑަރުން ވަނީ ފައިނަލަށް ނުހޮވި ފުރަތަމަ ބުރުން ވަކިވެފަ އެވެ. އެއީ ފަތުހުﷲ މުހައްމަދާއި އަލީ ސަލީމް އިބްރާހިމް އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ދެ ޖަޖުން ވެސް ބައިވެރިވެ އެވެ. އެއީ މުހައްމަދު ނަޒީހާއި ހަސަން ނިޝާމް އެވެ.
ޓީމު މެނޭޖަރު މުހައްމަދު (ކ) އާއި އަޒްނީން (މ) އަދި ބީބީއޭއެމްގެ ނައިބު ރައީސް ރިފާ.-- ފޮޓޯ: ހާފްކޯޓް،އެމްވީ/ އަބްދުﷲ އަބީދު
އޭޝިއާ މުބާރާތުގައި މި ފަހަރު ވެސް ރާއްޖެ އަށް ލިބުނީ ލޯ މެޑަލެކެވެ. އެއީ ފަސް ކެޓަގަރީން ވާދަކޮށްގެންނެވެ. ރާއްޖެ އަށް ލޯ މެޑަލް ގެނެސްދިނީ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގެ 55 ކިލޯ ބައިން މުހައްމަދު މޫސާ އެވެ. އޭނާ ވަނީ މިދިޔަ ޖުލައި މަހު ނޭޕާލުގައި އޮތް ދެކުނު އޭޝިއާ މުބާރާތުން ވެސް ރާއްޖެ އަށް ލޯ މެޑަލް ގެނެސްދީފަ އެވެ.
މުހައްމަދު ހޯދި ލޯ މެޑަލާ އެކު އޭޝިއާގެ މުބާރާތުން ރާއްޖެ އަށް ބޮޑީބިލްޑިން އިން ވަނީ މިހާތަނަށް ތިން މެޑަލް ހޯދައިފަ އެވެ. އެއީ 2017 ވަނަ އަހަރު އޮތް މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި ބޮޑީބިލްޑަރު ޝާހީން އިބްރާހިމް ދީދީ އާއި މިދިޔަ އަހަރު 165 ސެންޓިމީޓަރު އެތުލެޓިކް ފިޒީކް ބައިން ލޯ މެޑަލް ހޯދި ޒިޔާދެވެ.
ރާއްޖޭން މި ފަހަރުގެ މުބާރާތަށް ތައްޔާރުވީ އިންޑިއާގެ ކޯޗު އަނުރާގް އަނިލްކުމާރްގެ އެހީތެރިކަމުގަ އެވެ. ބޮޑީބިލްޑިން ތާރީހުގައި ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗެއްގެ ބެލުމުގެ ދަށުން މުބާރާތަކަށް ތައްޔާރުވިއިރު، ރާއްޖޭން ވަނީ ރަނގަޅު ޕްލޭނަކާ އެކު މަސައްކަތް ފަށައިފަ އެވެ.
ދާދި ފަހުން އޭޝިއާ ފެޑެރޭޝަނުގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓްގެ މަގާމަށް އިންތިހާބުވި ރާއްޖޭގެ ބޮޑީބިލްޑިިން ފެޑެރޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ)ގެ ލީޑަޝިޕްގެ ދަށުން މިހާތަނަށް ރާއްޖޭން ކުރިމަތިލި އޭޝިއާގެ ތިން މުބާރާތުގައި ވެސް ވަނީ މެޑަލް ހޯދައިފަ އެވެ. ބޮޑީބިލްޑިން ކުރިއަރުވަން އިއްބެ އަންނަނީ އޭޝިއާގެ ފެޑެރޭޝަނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ޒިޔާދަށް (ކ) ބީބީއޭއެމްގެ ރައީސް އިއްބެ ސެޓްފިކެޓް ހަވާލުކުރަނީ.-- ފޮޓޯ: ހާފްކޯޓް.އެމްވީ/ އަބްދުﷲ އަބީދު
އަންނަ އަހަރު ބާއްވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އޮންނާނީ ރާއްޖޭގަ އެވެ. މިއީ އޭޝިއާގެ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި 2001 ވަނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ވަނީ ބާއްވައިފަ އެވެ. އެ ފަހަރު މުބާރާތް އިންތިޒާމުކުރީ ބަނޑޮހުގަ އެވެ.
ރާއްޖޭގައި ބާއްވާ މުބާރާތް ކުރިއަށް ގެންދަން ބޮޑީބިލްޑިން އެސޯސިއޭޝަނުން ނިންމާފައިވަނީ ކ. މާފުށީގަ އެވެ. ސަރުކާރުގެ އެހީގައި ބާއްވާ މި މުބާރާތުގައި ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ ކަމަށް ބީބީއޭއެމް އިން މައުލޫމާތުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަނާ
02 October 2019
ސާބަހޭ ބީ ބީ އެމް އޭ ... މިނިސްޓަރ ގެ ވިސްނުން އަދި މިސްރާބު ރަގަޅުކަން މި ފެނިގެން ދަނީ