ސިއްހީ ދާއިރާގެ އެކްސްޕޯ ސްޕޮންސަކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް (ވ) އާއި އެމްވީ މެޑިކަލްސްގެ މާކެޓިން އެންޑް ޕީއާރު މެނޭޖަރު ޖަލީލް އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ސެޕްޓެމްބަރ 2016 - 18:30
ރާއްޖޭން ލިބެން ހުރި ސިއްހީ ހިދުމަތްތައް ދައްކާލަން ބާއްވާ ފުރަތަމަ ފެއާގެ މައި ސްޕޮންސަރަކަށް އޭޑީކޭ ހޮސްޕިޓަލް މިއަދު ހަމަޖައްސައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، ފެއާ ބާއްވާ އެމްވީ މެޑިކަލްސް ތަމްސީލު ކުރެއްވީ އެ ކުންފުނީގެ މާކެޓިން އެންޑް ޕީއާރު މެނޭޖަރު އަބްދުލް ޖަލީލް ހުސެން އެވެ.
މި ރަސްމިިއްޔާތުގައި އަފްއާލް ވިދާޅުވި ގޮތުގައި ވަރަށް ގިނަ އަދި އެންމެ މަތީ ފަންތީގެ ސިއްހީ ހިދުމަތްތައް ރާއްޖޭން ލިބެން އެބަހުއްޓެވެ. ރާއްޖޭން ބޭރަށް މިހާރު ދާން ޖެހެނީ ވަރަށް މަދު ފަރުވާއެއް ހޯދަންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭން ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ދެވިފައި ނެތުމުގެ ސަބަބުން ބޭސްފަރުވާ ހޯދަން ކޮންމެ ފަހަރަކު ބޭރަށް ދާންޖެހޭ ހެން އާއްމުންނަށް ހީވެފައި އޮންނަ ކަމަށެވެ.
"މިއީ ރާއްޖޭގެ ސިއްހީ ނިޒާމް އެ ގޮތަށް ކުރިއަރާފައި އޮތުމާ އެކު އާއްމުންނާ ގާތުން މި ހިދުމަތްތަކާއި ހިދުމަތްތައް ހޯދަން އަމަލުކުރަންވީ ގޮތްތަކާއި ލިބެން ހުރި ހިދުމަތްތަކާ އަދި ކިހާ ފެންވަރެއްގައިތޯ މި ހިދުމަތްތައް ރާއްޖޭގައި ލިބެން ހުރީ ދެނެގަތުމަށާ އަދި އެ ކަމަށް ހޭލުންތެރިވުމަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން،" އަފްއާލް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ އެކްސްޕޯ ސްޕޮންސަކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބޭހާއި ސިއްހީ އާލާތްތައް އެތެރެކުރާ އޭޑީކޭގެ ކުންފުނި ކަަމަށް ވާ އޭޑީކޭ ފާމަސޫޓިކަލްސް އިން ކޯ ސްޕޮންސަރުކަން ވެސް ނަގާފައިވާ "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ" ބާއްވަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު 24 އިން 26 އަށް އާޓު ގެލެރީގަ އެވެ.
އަވަށްޓެރި ގައުމުތަކުން ސިއްހީ ހިދުމަތް ހޯދަން އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްވީ މެޑިކަލްސް އާއި މެޑްލައިފް އޭޝިއާ ގުޅިގެން ބާއްވާ ފެއާގައި ރާއްޖޭން ލިބެން ހުރި ސިއްހީ ހިދުމަތްތަކުގެ އިތުރަށް، ބޭރުގެ ބައެއް ގައުމުތަކުން ލިބޭ ފަރުވާތަކުގެ މައުލޫމާތު ވެސް ދޭނެ އެވެ. އެ ގޮތުން، މި ފެއާގެ 21 ސްޓޯލްގެ ތެރޭގައި އިންޑިއާ އާއި ލަންކާގެ ހޮސްޕިޓަލްތައް ހިމެނޭއިރު، މެލޭޝިއާ އަދި ސިންގަޕޫރުގެ ފަރާތްތައް ވެސް ބައިވެރިކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމްވީ މެޑިކަލްސް އިން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ތަރައްގީކުރުމަކީ ވެސް މި ފެއާގެ ވަރަށް ބޮޑު ބޭނުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންޒަފް
27 September 2016
މަރްހަބާ ޖެލޯ.. :)
އަޅުގަޑު
27 September 2016
މަރްހަބާ...އޭޑކޭ!!!!! މަރްހަބާ....އައްފާލް!!!!! މެޑިކަލް ދާއިރާއިން ވަރަށްގިނަ ހިދުމަތް ދިވެހިރާއްޖެއިން ލިބެންހުރިކަމަށް ބުނާއިރު މެޝިން ހަލާކުވެގެން ޓެސްޓް ނުހެދި ސްކޭން ނުކުރެވި ރާއްޖެތެރއިން އަންނަ ބަލިމީހާ މާލޭގައި ހުރުމަށް ކިހާފައިސާއެއް ހަރަދުކުރަން ޖެހޭކަން އައްފާލަށް އެގޭހެއްޔެވެ؟ އަދި މީގެއިތުރުން ޑޮކްޓަރުން ދޭންބޭނުންވާ ބޭހުގެ ބަދަލުގާ އެމީހުން އެންމެބޮޑަށް ބަލަންޖެހެނީ ރާއްޖޭން ލިބެންހުންނަ ބޭހެއް ދޭންކަންވެސް އައްފާލަށް އެގޭނެއެވެ. ރާއްޖޭންބޭރަށް ބޭސްފަރުވާއަށް ދާންޖެހޭ ބައިވަރު ސަބަބުތައް އަދިވެސް އެބަހުރިކަން ނޭގެނީ ކާކަށްހެއްޔެވެ؟ ބަލިމީހަކު ޑޮކްޓަރަށް ދެއްކޭނެ ފުރިހަމަ ނިޒާމެއް އޮތްނަމަ ދެއްކޭނެ ދުވަހެއް ނޭގިގެން ބަލިމީހާ އުޅެން ޖެހޭނެހެއްޔެވެ؟