ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން (ކ.ވ) ޝާއިންޓެ އާއި ޝާޑު އަދި އައްކަޅޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ނޮވެމްބަރ 2019 - 13:18
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ހަމަޖެއްސި ސާބިއާގެ މިލޮރަޑް ކިޔަޗްގެ ސިލެކްޝަނުގެ ތެރެއިން ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި މުހައްމަދު ޝާއިން (ޝާއިންޓެ) އަށް ސައުތު އޭޝިއަން ގޭމްސްގެ ސްކޮޑުން ފުރުސަތު ލިބިއްޖެ އެވެ.
ދިވެހި ސިފައިންގެ ކްލަބަށް މޮޅު ކުޅުމެއް ދައްކާ ޝާޑު އަށް ފުރަތަމަ ފަހަރަށް ޓީމުން ފުރުސަތު ލިބުނުއިރު، މިއީ ތަޖުރިބާކާރު ކުޅުންތެރިޔާ އައްކަޅޭ އާއި ޝާއިންޓެ އަށް އަލުން ޓީމުން ފުރުސަތު ލިބުނީ މެދުކެނޑުމަކަށް ފަހު އެވެ.
ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެދިން އައްކަޅޭ އަށް 12 އަހަރަށް ފަހު ގައުމީ ޓީމުން އެންމެ ފުރަތަަމަ ފުރުސަތު ގެއްލުނީ 2016 ވަނަ އަހަރުގެ ފަހު ކޮޅުގައި ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ކުރިންނެވެ. އޭގެ ފަހުން ގައުމީ ޓީމުން 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ސްކޮޑުގައި އައްކަޅޭ ހިމެނުނެވެ. އެކަމަކު އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި ވާދަކުރި ގައުމީ ޓީމުގެ ސްކޮޑުގައި އައްކަޅޭ ނުހިމެނެ އެވެ. އައްކަޅޭ ވަނީ މި ފަހަރުގެ އިންޓަ ރިސޯޓް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަނިޔާގެ ސަބަބުން 2016 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ޝާއިންޓެ ހުރީ ކުޅުމާ ދުރުގަ އެވެ. އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައި ނަމަވެސް އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެ އެވެ. އެކަމަކު ފަހަކަށް އައިސް ދައްކަމުން އަންނަ ރަނގަޅު ކުޅުމުގެ ސަބަބުން މި ފަހަރުގެ ޓީމުން ވަނީ ފުރުސަތު ލިބިފަ އެވެ.
ގައުމީ ފިރިހެން ޓީމުގެ ކޯޗު މިލޮރަޑް: އޭނާ އަންނަނީ ފިރިހެން ޓީމާއި އަންހެން ޓީމަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކި ފަހަރު މަތިން ގައުމީ ޓީމުގެ ލިސްޓުގައި ހިމެނުނު ނަމަވެސް ފައިނަލް ސްކޮޑަކުން މިހާތަނަށް ސެޓަރު ޝާޑު އަށް ފުރުސަތު ނުލިބެ އެވެ. އެހެން ކަމުން ނޭޕާލުގައި މި މަހު ފަހުކޮޅު ފަށާ ސައުތު އޭޝިއަން ގޭމްސް ވެގެންދާނީ ޝާޑު ގައުމީ ޖޯޒީގައި ކުޅޭނެ ފުރަތަމަ މުބާރާތަށެވެ.
ސްކޮޑުގައި ދެން މުޅިން ހިމެނެނީ މި އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ނޭޕާލްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯނުގައި ވާދަކުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. އެ ފަހަރު ސްކޮޑުގައި ހިމެނުނު ނަމަވެސް މި ފަހަރު ޓީމުގައި ނެތީ ގައުމީ ޓީމުން ރިޓަޔާކުރި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އަހުމަދު އަނިލް އަދި އަހުމަދު ޝިމާއު އެވެ.
ގައުމީ ފިރިހެން ވޮލީ ޓީމާއި ގައުމީ އަންހެން ވޮލީ ޓީމު ސައުތު އޭޝިއަން ގޭމްސް އަށް ފަރިތަކުރުމުގެ ގޮތުން މިރޭ ޓްރެއިނިން ކޭމްޕެއް ފުރާނެ އެވެ. މި ޓްރެއިނިން ކޭމްޕްގައި ދެ ޓީމަށް ވެސް ގައުމީ ފިރިހެން ޓީމުގެ ކޯޗު މިލޮރަޑް އެހީތެރިވާނެ އެވެ. ކުރިން ބަލްގޭރިއާ އާއި އީރާނުގެ ގައުމީ ޓީމަށް ކޯޗުކޮށްދިން މިލޮރަޑްގެ އެހީއާ އެކު ގިނަ ކަންތައްތަކެއް ގައުމީ އަންހެން ޓީމަށް ވެސް ދަސްވަމުން އަންނަ ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބަރުމަސް
18 November 2019
މަމެން ބަލަން މިތިބީ ތަމެން އެންމެ މެޗަކުން ވެސް މޮޅު ވޭތޯ. މަމެންގެ ބައިތުލްމާލުން ހަރަދުކޮއްގެން ކުރާ ތިކަހަލަ ބޭކާރު ހަތަދުތައް ހުއްޓާލަން ގޮވާލަން
ރޫހީ
18 November 2019
ނިޒާރާ ރަނޭޝް ވެސް ނެގިނަމަ. އައްކަޅޭ ނެގީ ނުފުއްމާ ޓަޗް އައުޓަށް ޝޮޓް ޖަހަންތަ؟
ނިކް
18 November 2019
ޝޮޓު ޖެހަ އެކަންޏެއް ނޫން ވޮލީ ކުޅޭކަމަށްވާނީ.. ކޯޓު ކަވަރިންނާ ޑިފެންސްއަކީ ވަރަށް މުހިންމު ކަމެއް.. އައްކަޅޭ އެއީ މިވަގުތު އެންމެ ރަނގަޅަށް ކޯޓު ކަވަރިންހަދާ ރިސީވް ދޭ ކުޅުންތެރިޔާ
މައްލަވަ
19 November 2019
ބައްލަވާ ނިކް އެހެންވީމާ އައްކަޅޭ ކުޅެންވީ ލިބެރޯ އަކަށް ނޫންތޯ؟ ލަދުންތޯ އުޅެނީ ލިބެރޯ ޖާޒީ ތުރުކުރައްވަން. ކޮންމެ ގޮތަކަށް ތިކޯޓު ކަވަރިން އަދި ޑިފެންސް ހަދައިގެން އޭޝިއަން ގޭމްސްއިން ވޮލީ ފިރިހެން ޓީމު ނުވާނެ އެއްމެ މެޗަކުންވެސް މޮޅެއް. އަހަރެމެން ރައްޔިތުން މިތިބީ ބަލަން
ނިކް
20 November 2019
ބައްލަވާ މައްލަވަ ލިބަރޯއިންނަކީ އަދި ވަކި މަޤާމެއް ކޯޓު ކަވަރިން ހަދަމުން އޮބި ރިސީވް ހަދަމުން އަދި ޑިފެންސަށް ކުޅޭނީ އައްކަޅޭ ކަހަލަ މަދު ކުޅުންތެރިން މިރާއްޖޭގަ.. އަދި މޮޅެތި ޕޮއިންޓުތައްވެސް ހޯދާ ޝޮޓުވެސް ޖަހާ ހަމަ.. ސަރވިސްތައްވެސް މޮޅު ލިބަރޯއަކަށް މިހުރިހާކަމެއް ނުވާނެ ހުރިހާ ޒޯނެއްގަ ނުވެސް ކުޅެވޭނެ.. ވޮލީ ބޯޅަ ދަސްކޮށްގެނއ އަނގަތަޅާބަލަ ހަސަދައިގެ ހަލިފާނުން މީހާއަނދާ ހުލިވީމަ ވާނެ ފައިދާއެއް ނޯންނާނެ ދެން ޑައެޖިންގ ކޮޅެއް ކާލާ މިފަހަރު
އަހޫސޮން
18 November 2019
އަހުމަދު އަބްދުއްކަރީމް ލޯންގޭ އަދި އަހުމަދު އަނިލް އަކީ ގައުމީ ޓީމަށް އަރާވަރުގެ ކުޅުންތެރިންނެއްނޫން
ކަޅިރަވަކަމަނަ
18 November 2019
ބުރަދާ ލޯންގޭ ރިޓަޔާ ކޮއްފިޔޭ. ފަރިތަކުރުންތަކަށް ނުނިކުމޭ އަނިލްއެއް އަނިޔާގެ ސަބަބުން. ވާނުވާގަތޯ؟
ވައްޓަފާޅީ
18 November 2019
ޝާޑު އަށް މަރުހަބާ. އިސްކޮޅުގެ އެޑްވާންޓޭޖް ބޭނުންވާނެ އިނަޓަނޭޝަނަލް މުބާރާތުގަ. ޝާޑުގެ ޑިސްއެޑުވާންތޭޖެއް އެއީ. ޝިމާއު ކަޓައިފަ ހުރިހަބަރު ލިބެނީ ތި ސޮކޮޑް ޕްރެކްޓިސް ފެށުމުގެ ކުރިން.