ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް
03 ޑިސެމްބަރ 2019 - 09:25
ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖޭގެ އެންމެ ޒުވާން ގާޒީންގެ ތެރޭގައި ހިމެނޭ ހައިލަމް މި އިސްތިއުފާ ދެއްވީ، ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ކުރެހުމެއް ހުރި މައްސަލާގައި އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.
އެ އަމަލާ ގުޅިގެންޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މައްސަލަ ބަލަން ފަށައި، ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، އެކަން ވަނީ މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށައަޅައިފި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައި ވަނީ، ޖޭއެސްސީގެ އިޖުރާއަތުތައް ރަނގަޅު ކަމަށެވެ. އޭގެ މާނައަކީ ގާޒީކަމުން ހައިލަމް ވަކިކުރަން، މި ހަފުތާގައި މަޖިލިހުގެ ތަޅުމަށް ފޮނުވާނެ ކަމެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް މިހާތަނަށް ފޮނުވި، ފަނޑިޔާރުންގެ ހުރިހާ މައްސަލައެއް ނިންމާފައި ވަނީ، ޖޭއެސްސީން ހުށައެޅި ގޮތަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ ޝަރީއަތް ހިންގެވީ ހައިލަމް އެވެ. އެކަމަކު އޭނާ ސަސްޕެންޑްކޮށް، އޭގެ ފަހުން ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ޝަރީއަތް ނިންމައި، ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވައިފަ އެވެ.
ހައިލަމް އޭނާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އޭނާ ޖޭއެސްސީ އަށް ފޮނުއްވި ސިޓީތަކުގައިވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.
ހައިލަމް ވަނީ ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރައްވައި، ތުހުމަތުތަކާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވައި އެއީ ޖޭއެސްސީ އަށް ދެއްވަން ހުރި މައުލޫމާތު ކަމަށް ވިދާޅުވެފަ އެވެ.
"...އަޅުގަނޑު ބަޔާންކޮށްފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރެއްވުމެއް ނެތި ކަމަށް ވީހިނދު، ޖުޑީޝަލް ސާވިސް ކޮމިޝަނުން އަޅުގަނޑާ މެދު ނިންމާފައިވާ ނިންމުންތައް ގާނޫނުއަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާ އެއްގޮތްވެގެން ނުވާކަން ފާހަގަކުރަމެވެ." ހައިލަމް ލިޔުއްވާފައިވެ އެވެ.
އޭނާ ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރާށެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑްކުރީ އަދި މަގާމުން ވަކިކުރަން ފޮނުވީ ވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ހައިލަމް ވަނީ ވިދާޅުވެފަ އެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި" ކަމަށް ވިދާޅުވެ ހައިލަމްގެ އިސްތިއުފާގެ ސިޓީ ނިންމަވާލައްވާފަ ވަނީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ހައިލަމް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ. އިސް ގާޒީ ކަމުގެ މަގާމަށް ހައިލަމް ހަމަޖެއްސީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު.
03 December 2019
މީނައަކީ ފާނޑިޔާރަކަށް ކުފޫ ހަމަވާ މީހެއްނޫން ކަން އެނގިއްޖެ. ހަމަވާނަމަ ފަނޑިޔާރަކަށް ހުރެ އެފަދަ ފޮޓޯއެއް ވައިބަރ ނުކުރާނެ. ސިޔާސީ ބައެގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދަނީކީނޫން. ތިމާމީހާ އަދުލުވެރިކަމުން އެއްކިބާ ވެފައިވާ ކަމުގެ އަލާމަތްތައް ފެނުނީ. ތިމަގާމަށް އާދެވުނު ގޮތާމެދު ވިސްނާލާށެވެ. އޭރުން ފަހުމް ވެދާނެ. އަމިއްލައަށް ފޭހުނު އިލޮށިގަނޑު ލޮލަށް ވަނީ.
ކްރެޔޯނު
03 December 2019
ހައިލަމްއަކަސް އެބުނީ ތެދެއް. ފަނޑިޔާރުގެ މިނިވަނެއްނުވާނެ ކުރިއަށް މިއޮތް 100 އަހަރުންވެސް
ވަލީދާ
03 December 2019
މީނާ ހިތުން ގާނޫނު އިގެނީ މީނާއަށް އެކަނި.
ސަހަރޯ
03 December 2019
ތިކަން ކުރަން މާބޮޑަށްވެސް ލަސްވެއްޖެއެއްނުން
ސަންބާ
03 December 2019
ކޮންމެ ބަޔަކުވެސް މި އުޅެނީ އެމީހުންނަށް އަޅުވެތިވާ މީހުން ފަނޑިޔާރުގެއަށް ގެންނަން އޭރުން އެމީހުން ބޭނުންވާ ގޮތަށް މުޅި ޤައުމާ ރައްޔިތުން އަމުނާ ލެވޭނެ! ބޭނުންވާ ބަޔަކު ޖަލަށް ލެވޭނެ ބޭނުން މީހަކަށް ބޭނުން ގޮތަކަށް ޝަރީއަތް ކުރެވޭނެ އަދި ބޭނުންވާ ކުދިންނަށް ބޭނުން މަޤާމްތަަކަށް ލެވޭނެ! ކިހިނެއް މީތި އިންސާފުވެރިވާނީ!
ނާޑުވާ
03 December 2019
އެމީހުން ބޭނުންވާ ގޮތަކީ މުށުތެރެޔަށް ލަިފެން ވިޔަސް އިންސާފު ކަމަށް ވާނަމަ މާބޮޑު މައްސަލައެއް ނެތް.
ހަނުހުންނަ މީހާ1
03 December 2019
އިސްތިއުފާދިނަސް ސުލޫކީ މައްސަބަލާ ވަކިކުރަންޖެހޭ . ވާގަނޑުކަރުގައި އަޅުވާ ފޮޓޯ ޝެއަރ ކުރުމަކީ އަޅާނުލާ ދޫކޮށްލާވަރުގެ ކަމެއްނޫން
އިސް ސަރުދާރު
03 December 2019
ފުރަތަމަ ހޯދަބަލަ އެ ފޮޓޯ ހެދި މީހާ
އެފޮތޯ
03 December 2019
އެފޮޓޯ ހެދި މީހާ ސިޔާސީ މީހަކަށް ވެދާނެ. އެއީ މައްސަލައެއް ނޫން. އެކަމަކު ގާޒީ އަކު ސިޔާސީ އޮއެވަރާ ބެހޭގޮތުން ޝުޢޫރު ފާޅު ކުރީމަ އެއީ އުސޫލުން ބޭރުވީ
ދޯރި
03 December 2019
ހަދާންވާ ގޮތުގައި ހައިލަމް ގާޒީ ކަމަށް އަޔަން ކުރީ ހަވީރުގެ ވަގުތެއްގައެވެ. އެރޭ ދަންވަރު ވަނީ ފާރިޝް މައުމޫނު ހައްޔަރު ކުރުމަށް އަމުރު ނެރެފައައެވެ. (ފާރިސް ދޫކޮށްލި ދުވަހުގެ ރޭ) އޭރު މިއުޅެނީ ފަޑިޔާރުކަމާ ހަވާލުވެ ޖިނާއީ ކޯޓްގެ މުވައްޒަފުންނާވެސް ބައްދަލުނުވެ ތައާރަފްވެސް ނުވެވިގެންނެވެ. އަދި ރަސްމީކޮށް މަސައްކަތައްވެސް ނުނުކުމެވި ކޯޓްގެ އިދާރީ އެތެރޭގެ އުސޫލްތައްވެސް ނޭންގިއެވެ. މިވަރު މީހަކު ނެރޭ ބަޔާން ހުންނާނެގޮތް ވިސްނާލާށެވެ.
ޥަކީލު
03 December 2019
ތަންދޮރު އެނގިގެން ވާހަކަ ދައްކާ. ފާރިސް ހައްޔަރުކުރަން އަމުރު ނެރުނީ ޝަހީދު. ހައިލަމްއެއް ނޫން. އެކަމުގެ ހަދިޔާއެއްގެ ގޮތުގައި ޝަހީދު އެހެރީ ހައިކޯޓުގައި
ފަނޑިޔާރުގެ ފުނޑާލި ސަރުކާރު
03 December 2019
އެމްޑީޕީ ޖޭއެސްސީ ގޮފިން "ސިޔާސީ ބޭނުމުގައި" ވަކިކޮށް ތިޔަ އުކާލާ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން އިންޝާ ﷲ އަނބުރާ އެބޭފުޅުންގެ މަޤާމުތަކަށް ދެން އަންނަ ސަރުކާރެއްގައި އަޅުގަނޑުމެން އަނބުރާ ގެންނާނަން. ފަނޑިޔާރުގެ ސާފުކޮށް އިންސާފު ހޯދައިދޭށޭ ކިޔައިގެން ތިޔަ ޖަހަމުންދާ ސަކަރާތުގެ ބަދަލު، ތިޔަކަން ކުރަމުންދާ ހުރިހާ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއިން އެދުވަހަކުން ދޭނަން. އިންޝާﷲ
ހަސަނާ ހޯރަ
03 December 2019
ހެހެހެހެހެ. ދެން މި ފަނޑިޔާރުންނަށް އަނބުރާ ނާދެވޭގޮތަށް ހަދާނީ ގާނޫނެއް. އޭރަށް މިވެރިންނަށް ކޯޓުތަކާ 100 ފޫޓަށް ކައިރި ނުވެވޭނެ.
ހޯރަބޭ
03 December 2019
ހައިލަމް މަސްލަބަލާ އޭނައަށް ގާނޫނީ ފިޔަވަޅު އަޅަށްޖެހޭނެ. ދިވެހި ރާއްޖޭ ރައީސް އާއި އަހަރަމެންގެ ލޯބިވާ ރައީސް ނަސީދު ކަރުގަ ވާޖައިގެން ފުޓޯ ވައިބަރ ގުރޫފަށް ލީ މަށްސަލަ ތޯތޯ ކޮށްލާގެން ނުވާނެ
ތޭރަ
03 December 2019
ހައިލަމްގެ ކޮން މައްސަލައެއްތަ؟ ލޯބިވާ ކިތައް މީހުންނަށްތައް ފާޑު ފާޑުގެ ފޮޓޯ ހަދައިގެން މިއަދުގެ ސަރުކާރަށް ނިސްބަތްވާމީހުން އުޅުނީ؟ ހައިލަމް އަކީ ޖަޖަކަށް ވުމުގެ ކުރިން އިންސާނެއް! އޭނަ ޖަޖަކަށް ވުމަކީ އިންސާނީ ވަންތަކަމުން އެއްކިބާ ވުމެއް ނޫން! އޭނަގެވެސް ވިސްނުމަކާ އަމިއްލަ ވަންތަކަމެއް އޮންނާނެ! ތިބޭފުޅުން އަހަރެމެން ލޯބިވާ މީހުން ދަންޖައްސަން ގޮވިއިރު ހިތަށް ކަހެރިވަކެކޭވެސް އެރިތަ! އަހަރެމެން އުޅުނީ ޅަދަރިންގެ ކަންފަތުގަ އަތް އަޅައިގެން!
އިބްރަަހީމް
03 December 2019
އެހެންނޫނަސް ތީޖެހުނު ގޮތަކަށް ވީދާކަމުންދާ މީހެއް. އިގޭތީވެ ހަމަ ބުނެލީ.