ކުޅިވަރު / ޗެލްސީ

ކޯޓުން އަދަބު ލުއިކޮށްދިނުމުން ޗެލްސީގެ ނުރުހުން ފީފާ އަށް

07 ޑިސެމްބަރ 2019 - 10:35

ލަންޑަން (ޑިސެމްބަރު 7) - ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން ޗެލްސީ އަށް ދީފައިވާ އަދަބަށް ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) އިން ލުޔެއް ދިނުމުން ޗެލްސީން ފީފާގެ މައްޗަށް ނުސީދާ ގޮތަކަށް ތުހުމަތުތަކެއް ކޮށްފި އެވެ.

ގަވާއިދާ ހިލާފާށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ޗެލްސީން ފީފާ ގަވާއިދުގެ 150 ކަމަކާ ހިލާފުވެފައިވާތީ ދެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ވަނީ އަދަބު ދީފަ އެވެ. ޗެލްސީގެ މައްސަލަ ޖެހުނީ 16 ކުޅުންތެރިންގެ ޓްރާންސްފާ އާއި 70 ކުޅުންތެރިންގެ ލިޔެކިއުމުގަ އެވެ. މި މައްސަލައިގައި ސީޒަން ފެށުމުގެ ކުރިން ވެސް ޗެލްސީން އެޕީލް ކުރަން މަސައްކަތްކުރި އެވެ. އެކަމަކު އޭރު އެކަން ކާމިޔާބުނުވީ މައްސަލަ ޖެހުނީ ކިތަށް ކުޅުންތެރިންގެ ލިޔެކިއުމުގައިކަން ޗެލްސީ އަށް އޮޅުންނުފިލައި އޮތްއިރު، އެ ކްލަބުން ސީއޭއެސްގައި މައްސަލަ ރަޖިސްޓްރީކުރަން ހުށަހެޅި ލިޔެކިއުންތައް ދިމާނުވުމުންނެވެ.

އިއްޔެ ސީއޭއެސް އިން މައްސަލައިގައި ޗެލްސީ ކޮޅަށް ނިންމުމުން އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ކުޅުންތެރިން ގެނެވޭނެ އެވެ. މިއީ ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ސީއޭއެސް އިން އިއްޔެ ޗެލްސީގެ އެޕީލް ބަލައިގަނެ އެ ޓީމާ އެއްކޮޅަށް މައްސަލަ ނިންމިތާ ގިނަ އިރުތަކެއްނުވެ ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން ކްލަބްތަކާއި ޗެލްސީއާ ދެމެދު ފީފާ އިން ގޮތް ނިންމުމުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން މެންޗެސްޓާ ސިޓީން ގަވާއިދާ ހިލާފަށް ކުޅުންތެރިން ރަޖިސްޓްރީ ކުރިކަން މިދިޔަ އޮގަސްޓް މަހު އެނގިގެންދިޔަ ނަމަވެސް އެ ޓީމަށް ސަސްޕެންޝަނެއް ނުދީ ފީފާ އިން މައްސަލަ ނިންމީ ޖޫރިމަނާ އެއް ކުރުމަށް ފަހު ކަން ޗެލްސީން ފާހަގަކުރި އެވެ.

"ފީފާ އިން އެއް މައްސަލައެއްގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީއާ ދޭތެރޭ މި އަމަލުކުރީ ވަރަށް ތަފާތުކޮށް. މީގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް އެބަހުރި. ފީފާ އިން ޗެލްސީ މައްސަލައިގައި އަމަލުކުރި ގޮތް ބަލައިގަންނަން ވަރަށް އުނދަގޫ،" ޗެލްސީގެ ބަޔާނުގައިވެ އެވެ.

ކުޅުންތެރިން ގަނެވޭނެ ގޮތެއް ނެތި ވެސް ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ލަމްޕާޑް ވަނީ ކާމިޔާބު މަސައްކަތްތަކެއް މިހާތަނަށް ކޮށްފަ އެވެ. ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާއިރު، ލަމްޕާޑް ދާދި ފަހުން ބުނީ ކުޅުންތެރިން ގަނެވޭ ގޮތަށް ހުއްދަ ލިބުނު ނަމަވެސް ޒުވާން ކުޅުންތެރިންނަށް އޭނާގެ ފަރާތުން ހުޅުވިފައި ހުރި ދޮރު ބަންދެއް ނުވާނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ހަތަރު ވަނައިގައި އޮތް ޗެލްސީ މިއަދު ރަށުންބޭރުގައި ކުޅޭނީ އެވަޓަންއާ އެވެ. ބުދަ ދުވަހުގެރޭ ލިވަޕޫލް އަތުން 5-2 އިން ބަލިވުމުން އެވަޓަންގެ ކޯޗުކަމުގައި ހުރި މާކޯސް ސިލްވާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިއަދު ޗެލްސީއާ ދެކޮޅަށް އެވަޓަން އަށް ކޯޗުކޮށްދޭނީ އެ ޓީމުގެ ކުރީގެ ފޯވާޑް ޑަންކަން ފާގަސަން އެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454