އިންޓަނެޓް ނެތި 100 ދުވަސް ވުމުން، އެކަމާ ދެކޮޅަށް ކަޝްމީރުގެ ނޫސްވެރިން އަޑުއުފުލަނީ: ކަޝްމީރުގައި އިންޓަނެޓް ކަނޑާލާފައި އޮންނަތާ 150 ދުވަސް ވެއްޖެ
10 ޖެނުއަރީ 2020 - 15:18
ވަކި ވަރެއްގެ މިނިވަންކަމަކާ އެކު ސްޓޭޓެއްގެ ދަރަޖަ ދީފައި އޮތް ކަޝްމީރު، އިންޑިއާގެ މައި ސަރުކާރުގެ ސީދާ ބެލުމުގެ ދަށަށް ގެންދަން ނިންނި ނިންމުމާ އެކު އެ ސަރަހައްދުގައި އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައި އޮތް އޮތުން މުރާޖާ ކުރަން ސުޕްރީމް ކޯޓުން ސަރުކާރަށް މިއަދު އަންގައިފި އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އެގޮތަށް ނިންމީ، އިންޓަނެޓަކީ މިހާރުގެ ދިރިއުޅުމުގައި ހައްގެއް ކަމަށާއި އެގޮތަށް ވަކި މުއްދަތެއް ނެތި އިންޓަނެޓް ކަނޑާނުލެވޭނެ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް އެތައް ބަޔަކު ހުށައެޅި ޕެޓިޝަންތަކަށް ބިނާކޮށެވެ.
ސުޕްރީމް ކޯޓުން ސަރުކާރަށް އެންގީ ހަފުތާއެއްގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމުމަށެވެ.
މިއީ ހިންދޫންގެ ވަތަނީ ވިސްނުމުގެ ފިކުރު ބޮޑު، އަދި އިންޑިއާ އަކީ ހަމައެކަނި ހިންދޫންގެ ތަނެއް ކަމަށް ގަބޫލުކުރާ ފަލްސަފާގެ ތެރެއިން ވެރިކަމަށް އައި، ބީޖޭޕީ ސަރުކާރަށް ޝަރުއީ ގޮތުން ކުރިމަތިވި ގޮންޖެހުމެއް ކަމަށް ބެލެވެ އެވެ.
އިންޑިއާގައި މުސްލިމުންގެ މެޖޯރިޓީ އޮތް ހަމައެކަނި ސްޓޭޓް ކަމަށްވާ ކަޝްމީރަށް ގާނޫނު އަސާސީން ލިބިދީފައި އޮތް ހާއްސަ މިނިވަންކަން ހިފަހައްޓައި، އެ ސަރަހައްދު ވަނީ ފެޑެރަލް ޓެރިޓަރީއަކަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު ވެރިކަން ހިންގަނީ ސީދާ މައި ސަރުކާރުންނެވެ.
ކަޝްމީރުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ
އެ ނިންމުމާ އެކު ކަޝްމީރުގައި ފޯނާއި މޮބައިލް އަދި އިންޓަނެޓްގެ ހިދުމަތް ވެސް ކަނޑާލި އެވެ. މިހާތަނަށް ނުދެނީ އިންޓަނެޓްގެ ގުޅުމެވެ. އޭގެ ފަހުން 150 ދުވަސް ވޭތުވެއްޖެ އެވެ. މިއީ އިންޑިއާގައި އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައި މިހާތަނަށް އޮތް އެންމެ ދިގު މުއްދަތެވެ.
ސުޕްރީމް ކޯޓުން ބުނީ އިންޓަނެޓް މުޅިން ކަނޑާލުމަކީ އާދަޔާ ހިލާފު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ބަލަން ޖެހޭނެ ކަމަށެވެ. އަދި އިންޓަނެޓަނީ ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބައެއް ކަމަށް ވެސް މަތީ ކޯޓުގެ ނިންމުމުގައިވެ އެވެ.
ވަކި މުއްދަތެއް ނެތި އިންޓަނެޓްގެ ހިދުމަތް ކަނޑާލުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ފިޔަވަޅެއް އެޅިޔަސް އަޅަން ޖެހޭނީ ވަގުތީ ގޮތުން ކަމަށް ވެސް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެވެ.
ކަޝްމީރުގެ ފޯނާއި މޮބައިލް ފޯނުގެ ހިދުމަތް ވަކި ހިސާބުތަކަށް އޮކްޓޯބަރު މަހު ދިނެވެ. އެކަމަކު އިންޓަނެޓް ކަނޑާލާފައި އޮތުމުން، ވިޔަފާރި އަށާއި އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ.
ސުޕްރީމް ކޯޓުން ވަނީ ބީޖޭޕީ ސަރުކާރުން މި ފަހުން ބޭނުންކުރަން ފެށި، އިނގިރޭސިންގެ ދަށުގައި އިންޑިއާ އޮތް އިރު ހެދި ގާނޫނެއް ތަންފީޒުކުރުމާ މެދު ވެސް ގޮތް ނިންމައިފަ އެވެ. އެ ގާނޫނު ބުނާ ގޮތުން އެއްތަނަކަށް ހަތަރު މީހުންނަށް ވުރެ ގިނައިން އެއްވުމަކީ ކުށެކެވެ. މި ގާނޫނު ވެސް ކަޝްމީރުގައި ސަރުކާރުން ގެންދަނީ ހިންގަމުންނެވެ.
އެކަމަކު ސުޕްރީމް ކޯޓުން ނިންމީ ޑިމޮކްރަސީގައި ލިބިދޭ ހައްގެއް ބޭނުންކޮށްގެން ގާނޫނީ އިމުގެ ތެރެއިން ޝުއޫރު ފާޅުކުރުން ހުއްޓުވުމުގެ ހަތިޔާރެއްގެ ގޮތުގައި އެ ގާނޫނު ބޭނުން ނުކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރުކުރީ، އެގޮތަށް އަޅާފައިވާ ހުރިހާ ފިޔަވަޅަކާ މެދު ވެސް ހަތް ދުވަހުގެ ތެރޭގައި ގޮތެއް ނިންމާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
5555
13 January 2020
ދެން އެންމެ އަވަހަށްފެންނާނީ، އިންޑިޔާގެ މައި ސަރުކާރުގެ ދަށަށް "ދި މަހަލްދީޕް" ޓެރިޓޮރީ ގެންދާތަން.
ކަލޯގަޔާ
10 January 2020
މިތާސުޕުރިން ކޯޓެއް އެބަހުރިތަ؟ތިނަންކިޔަން ވެސްމިހާރު ލަދުގަނޭ
ހިޕޯކްރިސީ
10 January 2020
"އެ ނިންމުމާ އެކު ކަޝްމީރުގައި ފޯނާއި މޮބައިލް އަދި އިންޓަނެޓްގެ ހިދުމަތް ވެސް ކަނޑާލި އެވެ. މިހާތަނަށް ނުދެނީ އިންޓަނެޓްގެ ގުޅުމެވެ. އޭގެ ފަހުން 150 ދުވަސް ވޭތުވެއްޖެ އެވެ. " މިއީ މުސްލިމް ގައުމަކުން ކުރިކަމެއްނަމަ ދުނިޔޭގެ ނޫސްތަކުގެ ފަލަސުރުހީގަ މިވާހަކަ މިކަން ބަދަލުވަންދެން އޮންނާނެ.
މިނިވަން ޖުޑީޝަރީ
10 January 2020
ކައުންސިލް އިންތިޚާބިގައި އަންހެނުން ނަށް ޚާއްސަ ދާއިރާ ތަކެއް( ފިރިހެނަށް ވީތީ ކުރިމަތި ނުލެވޭ ދާއިތާ ތަކެއް) ކަނޑައެޅި ޤާނޫނު ބާތިލް ކުރަން ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަ އަލާފައިވާ މައްސަލާ އަކީ ނިއު ސުޕްރީމް ކޯޓްގެ ބެންޗް ޓެސްޓް ކޮށް ލެވޭނެ މައްސަލަ އެކެވެ.