ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ. --ފޮޓޯ:އޭޕީ
12 ޖެނުއަރީ 2020 - 15:56
ދޯހާ (ޖެނުއަރީ 12) - އީރާނުގެ ސީނިއާ އޮފިޝަލުންނާ އެކު މަޝްވަރާ ކުރެއްވުމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް އަލް ސާނީ ތެހެރާނަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ގަތަރުގެ އަމީރު އީރާނަށް މި ވަޑައިގަންނަވަނީ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އެމެރިކާ އިން ހަމަލާދީ އަވަހާރަކޮށްލާފައި ވަނިކޮށް މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނިކޮށެވެ. ސުލައިމާނީގެ މަރުގެ ބަދަލުހިފަން އީރާނުން ވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް މިސައިލް ހަމަލާދީފަ އެވެ.
ގަތަރުގެ ރަސްމީ ނޫސް އެޖެންސީން ބުނީ އަމީރުގެ ދަތުރުފުޅުގައި އީރާނުގެ ވެރިންނާ އެކު ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ނޫސް އެޖެންސީން ބުނެފައިވެ އެވެ.
ގަތަރުގެ އަމީރު މިއަދު ވަނީ އޮމާނަށް ވަޑައިގެން އެ ގައުމުގެ އާ ރަސްގެފާން ސުލްތާން ހައިސަމް ބިން ތޯރިގް އަލް ސައިދުއާ ބައްދަލު ކުރައްވައިފަ އެވެ. ސުލްތާން ގާބޫސް ބިން ސައިދު އަލް ސައިދު އަވަހާރަވުމާ ގުޅިގެން އޮމާނުގެ ވެރިންނަށް ގަތަރުގެ އަމީރު ވަނީ ތައުޒިޔާ ރައްދު ކުރައްވައިފަ އެވެ.
ސުލައިމާނީ އަވަހާރަކޮށްލިތާ އެއް ދުވަސް ފަހުން ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އާއި އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވަނީ ބައްދަލު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކަތަ
13 January 2020
ހަނގުރާމައެއް ކޮށްގެން އެއްވެސް ބަޔަކަށް ވާނެ މޮޅެއް ނެތެވެ. އެމެރިކާއަށް ވެސް ވާނީ ގެއްލުމެވެ. އިރާނަށް އަދޖ އެއަށްވުރެ ބޮޑު ގެއްލުންވާނެއެެވެ. މަރުވެ، ޒަޚަމްވެ، ޔަތީމްވެގެންދާނީ ކުށެއް ނެތް އެތައް ބައެކެވެ. ޓްރަމްޕް ކުރާ ކަންކަމާ އެމެރިކާގެ ގިނަ ރައްޔިތުން ދެކޮޅެވެ. އެހެންވީމަ، ސުލައިމާނީގެ މަރުގެ ބަދަލު ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ހައްލުކުރުން ބުއްދިވެރިއެވެ. ގަދަބަސްބުނެ ހެދުމަކުން ވާނެ ފައިދާއެއް އިރާނަކަށް ނެތެވެ.
އިސްމާލްކަލޭފާނު
12 January 2020
އިރާނަށް އޮތީ އެމެރިކާއާ ކުރިމަތިލެވޭ ހާލަތެއްގައެއްނޫން. އެހެން އެންމެ ރަނގަޅުގޮތަކީ ހަނގުރާމައަކަށް ނުދިއުން.