22 ޖެނުއަރީ 2020 - 06:52
އެއްމާބަނޑު މީހުން އެއްތާކަށް ޖަމާކޮށްގެން ސްރީ ލަންކާ އިން ހަދަން އުޅުނު ދުނިޔޭގެ ރެކޯޑަކަށް، އުންމީދު ކުރި ވަރަށް ވުރެ ގިނަ މީހުން ޖަމާވުމުުން ދިމާވި ދަތިތަކާ ހުރެ ރެކޯޑް ހެދުމުގެ މަސައްކަތް ހުއްޓާލަން ޖެހިއްޖެ އެވެ.
ލަންކާ އިން އަމާޒު ހިފީ 1999 ގައި ޓައިވާނުން 3،961 އެއްމާބަނޑު މީހުންނާ އެއްތާކަށް ޖަމާކޮށްގެން ހަދާފައި އޮތް ރެކޯޑް އެއްމާބަނޑު 5،000 މީހުންނާ އެކު މުގުރައިލުމެވެ.
އެގޮތުން "ސްރީ ލަންކާ ޓްވިންސް" އިން އިންތިޒާމުކޮށްގެން ރެކޯޑް ހަދަން ބޭއްވި ހަރަކާތުގައި ވެރިރަށް ކޮލޮމްބޯ ސްޓޭޑިއަމަށް އެއްމާބަނޑު މީހުން ޖަމާވާން އެދުމުން އެފަދަ އެތައް ހާސް ބަޔަކު ޖަމާވި އެވެ.
ނަތީޖާ އަކީ އެ ހުރިހާ އެންމެންގެ އުފަން ދުވަހުގެ ސެޓްފިކެޓްތައް ޗެކްކުރަން މަޑުކުރަން ދިގު ކިއޫތަކެއް ހަދަން ޖެހި، ރެޖިސްޓްރޭޝަނަށް ވެސް ބުރޫ އެރުމެވެ. އަދި ގިނިސް ވޯލްޑް ރިކޯޑްގެ ހަރުކަށި އުސޫލުތަކާ ހެދި ރަޖިސްޓްރީކުރުމުގައި ވެސް ދިމާވި ތާށި އުސޫލުތަކާ ރިކޯޑް ހަދަން ކުރި މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިގެން ހުއްޓައިލަން ޖެހިފަ އެވެ.
އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްމާބަނޑު މީހުންގެ ގޮތުގައި 14،000 މީހުން ލަންކާގައި ރަޖިސްޓްރީކޮށްފައިވެ އެވެ.
ރިކޯޑް ހަދަން ހޯމަ ދުވަހު ކުރި މަސައްކަތް ހުއްޓައިލަން ޖެހުނު ނަމަވެސް "ސްރީ ލަންކާ ޓްވިންސް" އިން ބުނީ އެކަން ހާސިލުކުރަން އިތުރު ހަރަކާތެއް ފަހުން އިންތިޒާމުކުރާނެ ކަމަށެވެ. އަދި ހޯމަ ދުވަހުގެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުން ބުނީ އަލުން އެ މީހުން މިކަމާ އުޅޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy