ވޫހާން އިން ގެނައި މީހުން ބޯޓުން ބޭލިއިރު ސްޕްރޭ ކުރަނީ. --ފޮޓޯ:ޖަކާޓާގްލޯބް
03 ފެބުރުއަރީ 2020 - 12:41
ޖަކާޓާ (ފެބްރުއަރީ 3) - ނޮވެލް ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ޗައިނާގެ ވޫހާން ސިޓީގައި ތިބި އިންޑޮނީޝިއާ މީހުން އިއްޔެ އެ ގައުމަށް ގެންދިއުމާ އެކު އެ މީހުން ބޯޓުން ބާލަމުން ދިޔައީ ޑިސްއިންފެކްޓެންޓުން ސްޕްރޭ ކުރަމުންނެވެ.
ރައްކާތެރިވުމުގެ ގޮތުން ރީނދޫ ކުލައިގެ ކޯޓުތައް ލައިގެން ތިބި މެޑިކަލް ސްޓާފުން ވަނީ ބާތަމްގެ ހަންގް ނަދިމް އެއާޕޯޓަށް ލަޔަން އެއާގެ ސަބްސިޑަރީއެއް ކަމަށްވާ ބަޓިކް އެއާގެ ބޯޓު ޖެއްސުމާ އެކު އެ ބޯޓުން ފޭބި ކޮންމެ ޕަސިންޖަރެއްގެ ގަޔަށް ސްޕްރޭކޮށްފަ އެވެ. އެއާބަސް މަރުކާގެ ބޯޓުން 238 މީހުން ދަތުރުކުރި އެވެ.
ޕަސިންޖަރުންނާ އެކު އެހީތެރިވުމުގެ ގޮތުން އިންޑޮނީޝިއާގެ ފޮރިން މިނިސްޓްރީގެ ފަސް އޮފިޝަލުން ވެސް ދަތުރުކުރި އެވެ.
ބާތަމް އެއާޕޯޓަށް ބޭލި މީހުން ވަނީ އެއާ ފޯސްގެ ތިން މަތިންދާ ބޯޓެއްގައި ނަޓުނާ އައިލެންޑަށް ގެންގޮސްފަ އެވެ. އެ ތަނުގައި އެ މީހުން ކަރަންޓީންކޮށްފައި 14 ދުވަހު ތިބޭނެ އެވެ. ނަޓުނާ އެއާޕޯޓުގައި ވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ. އެ އެއާޕޯޓް ވަނީ އާއްމުންނަށް ބަންދުކޮށްފަ އެވެ.
އިންޑޮނީޝިއާ ސިފައިންގެ ވެރިޔާ ޗީފް އޮފް ސްޓާފް ހަދީ ތުޖަންޓޯ ވިދާޅުވީ ވޫހާން އިން ގެންނަ މީހުން ނަޓުނާގައި ކަރަންޓީން ކުރަން ނިންމީ އެއީ އާއްމުން ދިރިއުޅޭ ހިސާބާ ދުރުގައި ވަކިން އޮންނަ ރަށަކަށް ވާތީ ކަމަށެވެ. ނަޓުނާގެ އަސްކަރީ ހޮސްޕިޓަލްގައި 300 މީހުންނަށް ފަރުވާ ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ޓެރަވަން އަގުސް ޕުޓްރަންޓޯ ވިދާޅުވީ ވޫހާން ސިޓީގައި އިންޑޮނީޝިއާގެ އިތުރު ހަތް މީހުން ތިބި ކަމަށެވެ. މީގެ ތެރޭން ހަތަރު މީހުން ގައުމަށް އަންނަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަނެއް ތިން މީހުންނަށް ނާދެވުނީ ޗައިނާ ސަރުކާރުން މަޖްބޫރުކޮށްފައިވާ މެޑިކަލް ޓެސްޓްތަކުން ފެއިލްވުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy