އިނގިރޭސި އަންހެން ޓެނިސް ކުޅުންތެރިއާ ޖޮހާނާ ކޮންޓާ.--- ފޮޓޯ: އޭއެފްޕީ
09 އޮކްޓޯބަރ 2016 - 10:24
ބެއިޖިން (އޮކްޓޫބަރު 9) - ޗައިނާ އޯޕަން އަންހެން ސިންގަލްސްގެ ފައިނަލުގެ ޖާގައެއް ހޯދައި ފާއިތުވި 32 އަހަރު ތެރޭގައި ދުނިޔޭގެ ގަދަ 10 އަކުން ޖާގަ ހޯދި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފް ޖޮހާނާ ކޮންޓާ ހޯދައިފި އެވެ.
މިިދިޔަ އަހަރު ޖޫން މަހު ދުނިޔޭގެ 146 ވަނައިގައި އޮތް ކޮންޓާ އަށް ވޯލްޑް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ)ގެ ގަދަ 10 އަކުން ޖާގަ ޔަގީންވީ އިއްޔެ ކުޅުނު ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި އެމެރިކާގެ މެޑިސަން ކީސް އަތުން މޮޅުވުމުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 7-6 (7-1) 4-6 6-4 އިންނެވެ. ފައިނަލުގައި ޖޮހާނާ ބައްދަލުކުރާނީ ޕޮލެންޑްގެ އަގްނިއެޒްކާ ރަޑްވާންސްކާއާ އެވެ. އަންހެން ޓެނިސް ރޭންކިންގެ ގަދަ 10 އަކުން މީގެ ކުރިން އިނގިރޭސި ހަތަރު ކުޅުންތެރިޔަކު ވަނީ ޖާގަ ހޯދައިފަ އެވެ. އެންމެ ފަހުން ގަދަ 10 ގައި ހިމެނުނު އިނގިރޭސި ކުޅުންތެރިއަކީ 1984 ވަނަ އަހަރު މޮޅު ކުޅުމެއް ދެއްކި ޖޯ ޑޫރީ އެވެ.
"މިއީ އަހަރެން ކެރިއަރުގެ އެންމެ ހާއްސަ ވަގުތު. މިއީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ. ފައިނަލުގައި އަހަންނަށް ޕްރެޝަރެއް ނެތް. މިހާރު ވެސް ގަބޫލުނުކުރެވޭ ފަދަ ކާމިޔާބެއް މި ލިބުނީ،" ޖޮހާނާ ބުންޏެވެ.
އެންޑީ މަރޭ: މި ފަހަރުގެ ޗައިނާ އޯޕަންގެ ފޭވަރިޓް.-- ފޮޓޯ: އޭއެފްޕީ
ޗައިނާ އޯޕަން ފިރިހެން ބައިގެ ފައިނަލުން އެންޑީ މަރޭ ޖާގަހޯދީ ސެމީ ފައިނަލުގައި ސްޕެއިނުގެ ޑޭވިޑް ފެރާ ބަލިކުރުމަށްފަހު އެވެ. މަރޭ ސެޓުތައް ގެންދިޔައީ 6-2 6-3 އިންނެވެ.
މަރޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުން އޭނާ ވަނީ ފެރާ އަށް ފުރުސަތެއް ނުދީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފަ އެވެ. މިއީ މަރޭގެ ޓެނިސް ކެރިއަރުގައި މަރޭގެ އެންމެ ކާމިޔާބު ސީޒަނެވެ. އޭނާ ވަނީ މި އަހަރު މި މުބާރާތުގެ ކުރިން އަށް ފައިނަލްގައި ކުޅެފަ އެވެ.
ފިރިހެން ބައިގެ ފައިނަލުގައި މަރޭއާ ދެކޮޅަށް ނުކުންނާނީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އެވެ. ޑިމިޓްރޯވް އަށް ފައިނަލުން ޖާގަ ލިބުނީ ސެމީ ފައިނަލުގައި ވާދަކުރި މިލޮސް ރައޮނިޗަށް އަނިޔާގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވުމުންނެވެ. ރައޮނިޗްގެ ކުޑަހުޅަށް އަނިޔާވީ އެ މެޗުގެ ދެ ވަނަ ސެޓުންނެވެ.
ޑިމިޓްރޯވް ސެމީ އަށް އައީ ކުއާޓާ ފައިނަލުގައި ސްޕެއިނުގެ ރަފައެލް ނަޑާލް ކަޓުވާލުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy