މީހުން / ތާރީހް

އަމީނާއާ ގުޅޭ މުހިންމު ހަނދާނެއް: ބައްޕަގެ ފަހު ސިޓީފުޅު

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން

ގެކޮޅުގައި އިންނަވައި އިންޓަވިއު ދެއްވުމަަށް ފަހު، އަމީނާ މުހައްމަދު އަމީން ވިދާޅުވި އެވެ:

"ޝަހީބަށް އެބަ އޮތް ހަދިޔާއެއް."

"ކޮން ހަދިޔާއެއްތޯ؟" އޭރު "ހަވީރު"ގެ އެސިސްޓެންޓް އެޑިޓަރު އަދި "ހުވާސް"ގެ އެޑިޓަރު މުހައްމަދު ޝަހީބު ސުވާލުކުރެއްވި އެވެ. އޭނާއާ އެކު އެ އިންޓަވިއުގައި، "ހުވާސް"ގެ އެސިސްޓެންޓް އެޑިޓަރު އާދަމް ހަލީމު ވެސް އިންނެވި އެވެ.

"ބައްޕަ އަޅުގަނޑަށް ފޮނުއްވި ސިޓީއެއް،" އަމީނާ ވިދާޅުވި އެވެ.

އެކަމަކު އެއީ އާދައިގެ ސިޓީފުޅެއް ނޫނެވެ. އެއީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އަވަހާރަވުމުގެ ކުރިން އެމަނިކުފާނުގެ ހަމައެކަނި ދަރިކަނބަލުންނަށް، އަމިއްލަ އަތްޕުޅުން ލިއުއްވި އެންމެ ފަހުގެ ސިޓީފުޅެވެ. ތާރީޚީ ގޮތުން ބަލާ ނަމަ، އަމީންގެ ހަނދާންތަކާ ގުޅިފައިވާ އެންމެ އަގުހުރި އެއް ހަނދާނެވެ. އެންމެ ފަހުގެ ބަސްފުޅެވެ.

އެ ޒަމާނުގެ ހޭލުންތެރިކަމާއި ދިވެހިންގެ އިލްމީ ފެންވަރަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް ކުރީގައި އުޅުއްވި، އަދި މޮޑަން ބޭފުޅެއްގެ ގޮތުގައި ސިފަކުރެވޭ އަމީން އެ ސިޓީފުޅު ލިއުއްވީ، ދޫނިދޫގައި ބަންދުވެގެން ހުންނަވަ އެވެ. އޭގެ ފަހުން މާލެ އެރުއްވުމުން ހަވަރު އެއްވެ އެ މަނިކުފާނަށް ކުރި އަނިޔާގައި ޒަހަމްވެވަޑައިގެންނެވި އެވެ. ވިހަމަނާފުށި (މިހާރުގެ ކުރުނބާ މޯލްޑިވްސް)ގައި އަވަހާރަވީ، އެ ހާދިސާގެ ފަހުން ޝަރީއަތްކޮށް ގާފަހަރަށް އަރުވާލައްވާފައި ހުންނަވަނިކޮށް ހާލުކޮޅު ގޯސްވުމުން، އެ ރަށަށް ގެނާތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ދަރިކަނބަލުންނަށް ލިއުއްވި ސިޓީފުޅު އާއިލީ ސިއްރެއްގެ ގޮތުގައި، ގާތްގަނޑަކަށް 20 އަހަރެއްހާ ދުވަހު ބޭއްވެވުމަށް ފަހު، އަމީނާ އިސްނަންގަވައި، ޝަހީބަށް ދެއްވުމަކީ، އެ އިންޓަވިއުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ވަރަށް މުހިންމު ހަނދާންތަކެއް ގެނެސް ދެއްވުމެވެ.

އެއީ 2002ގެ ގެ ފަހުކޮޅެވެ. ރޯދަމަހެކެވެ. އޭރުގެ "ހަވީރު"ން ނެރެމުން އައި "ހުވާސް" މަޖައްލާގައި، ރައީސް އަމީން އަވަހާރަކޮށްލުމާ ބެހޭ ރިޕޯޓެއް ލިއަން ނިންމި އެވެ. އަމީނާއަކީ ނޫސްވެރިންނާ މާ ގިނައިން ބައްދަލުކުރެއްވި ބޭފުޅެއް ނޫނެވެ. އެކަމަކު ޝަހީބުގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އަމީނާގެ އޮވެ އެވެ. އެހެންކަމުން އިންޓަވިއު ދެއްވަން އެއްބަސްވެވަޑައިގެން ދެއްކެވި ވާހަކަތަކުގައި، އެ ކަމަނާގެ ހަނދާނުގައި ހުރި ގިނަ މައުލޫމާތުތަކެއް ހިއްސާކުރެއްވި އެވެ.

ޝަހީބު ވިދާޅުވި ގޮތުގައި "ހަދިޔާއެއް"ގެ ގޮތުގައި ދެއްވި އެ ސިޓީފުޅަކީ ތާރީޚަށް ބަލާ ނަމަ "ރަންގަނޑެކެ"ވެ.

ޖެނުއަރީ 19، 1954 ގައި އުމުރުފުޅުން އެންމެ 44 އަހަރުގައި އަމީން އަވަހާރަވި އިރު، އަމީނާ ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވީ ފުރަތަމަ ކައިވެނިފުޅަށެވެ. އެހެންކަމުން ބަންދުގައި ހުންނަވައި ލިއުއްވި "ބައްޕަގެ ނުހަނު ލޯބިވާ ދަރިފުޅަށް" ސިޓީފުޅުގައި، ދަރިކަނބަލުންނަށް ވަރަށް ގިނަ ނަސޭހަތް ވެސް ދެއްވި އެވެ.

ދަރިކަނބަލުން އަމީނާ އަށް ރައީސް މުހައްމަދު އަމީން ފޮނުއްވި ސިޓީފުޅު "ހުވާސް" މަޖައްލާގައި ޝާއިއު ކޮށްފައި.

"ބައްޕަގެ ނުހަނު ލޯބިވާ އަމީނާއަށް ގިނައިން ސަލާމް ބުނުމަށް ފަހު، ލޯތްބާއި، ކަރުނައާ އެކުގައި ބުނަމެވެ،" ސިޓީފުޅު ފައްޓަވަމުން އަމީން ލިއުއްވި އެވެ.

"އަދަކީ އިއްޔެ އާއި، ވަރަށް ތަފާތު ދުވަހެކެވެ. އަދި މާދަމާ އަކީ، މިއަދާއި ވަރަށް ވެސް ތަފާތު ދުވަހަކަށް ވުމަކީ، އެކަށީގެންވާ ކަމެކެވެ."

ސިޓީފުޅުގެ ފުރަމަތަ ބައިގައި ލިއުއްވީ ދުނިޔޭގެ ހަގީގަތްތަކެވެ. އުފަލާއި މުސީބާތްތައް ކުރިމަތިވާނެ ކަމެވެ. ހެޔޮއެދޭ މީހުންނާއި ދުޝްމަނުން ވަކިކުރަން ދަސްކުރަން ޖެހޭނެ ކަމެވެ. އެކަން ދަސްވެއްޖެ ނަމަ، މުސީބާތްތަކުގައި، ތިމާއަށް އަރައިގަންނަން ފަސޭހަވާނެ ކަމެވެ.

"ނަމަވެސް އެފަދަ އިބުރަތަކީ ދުނިޔޭގެ މަދު ބަޔަކަށް ހާސިލްކުރަން އެނގޭ އެއްޗެކެވެ،" އަމީން ލިއުއްވި އެވެ.

"ގިނަ މީހުންނަށް ވާ ގޮތަކީ، އެފަދަ ހާލެއް ޖެހުމުން 'ދުނިޔެ ދެކެ ރުޅިއާދެވެނީ އެވެ'."

ރާއްޖޭގެ ރައީސްކަމުގައި ހުންނަވަނިކޮށް، ބޭސްކޮޅަކަށް ބޭރަށް ވަޑައިގަތް ވަގުތު، އެތެރެއިން ގެނައި އިންގިލާބެއްގައި ވެރިކަން ގެއްލިވަޑައިގަތުމުން އަމީން ހުންނެވީ ވަރަށް ހިތާމައިގަ އެވެ.

ދަރިކަނބަލުންނަށް ލިއުއްވި ސިޓީފުޅުގައި، ދުނިޔޭގެ އާދަތަކަށް ލޯ ހުޅުއްވަން ދެއްވި ނަސޭހަތުގައި، ދުނިޔޭގެ އަނިޔާވެރިކަމަށް ވެސް އިޝާރަތްކުރެއްވި އެވެ.

"އާއެކެވެ. ދުނިޔެއަކީ ވަރަށް ގިނަ ފަހަރަށް ބޭވަފާތެރި އެއްޗެކެވެ. ނަސީބާއި ކާމިޔާބުގެ ސިނޑިން މީހަކު އަރަމުން ދާއިރު، ދުނިޔެ އޮންނަނީ އެމީހެއްގެ މައްޗަށް ހިނިތުންވެފަ އެވެ. ނަސީބު ގެއްލިގެން ދިއުމުން، ދުނިޔެ ތުން ފިއްތަން ފަށަނީ ވަރަށް ވެސް އަވަހަށެވެ،" އަމިއްލަފުޅު ތަޖުރިބާއަށް އިޝާރަތްކުރައްވަމުން އަމީން ލިއުއްވި އެވެ.

"އިންސާފެކޭ ކިޔާ އެއްޗެއްގެ ހަނދާން ހުންނަނީ، ދުނިޔެއިން ވަރަށް ވެސް މަދު ބައެކެވެ."

އެހާ ހިސާބަށް ލިއުއްވާފައި، ހިތްވަރު ގަދަކުރުމުގެ މެސެޖެއްގެ ގޮތުން މިސާލެއް ދައްކަވަން ނެންގެވީ ކީރިތި ރަސޫލާގެ ބަސްފުޅެކެވެ. "ބަދުނަސީބެއްގެ ތެރެއަށް ނުވެއްޓޭ މީހާ އީ، ހިތްވަރު ގަދަ ފުރިހަމަ މީހަކަށް ނުވެ އެވެ،" ހަދީސްފުޅަކަށް އިޝާރަތްކުރައްވާ އަމީން ލިއުއްވި އެވެ.

އަމީނާގެ ކައިވެނި އޮތީ ރަބީއުއްއައްވަލް މަހުގެ 15 އަށް ރާވައިފަ އެވެ. އެހެންކަމުން ސިޓީފުޅުގައި އަމީން ލިއުއްވީ "ސިޓީ ނުނިމިގެން އުޅެނިކޮށް [އެ ދުވަސް އައިސް] ޖެހުނީ" ކަމަށެވެ. އަދި ހުރި ހަމައެކަނި ދަރިކަނބަލުންގެ އެ މުހިންމު ވަގުތު، ކައިރީގައި ނުހުންނެވުނީތީ، ވަރަށް ހިތާމަކުރައްވާ ކަން ވެސް ސިޓީފުޅުން އެނގެ އެވެ.

"ހުރި އެންމެ ދަރިއެއްގެ ކައިވެނިވާން މި ޖެހުނީ ބައްޕަ އާއި ދެ ފަސްގަނޑެއްގަ އެވެ. ކުރާނެ ކަމެއް ނެތެވެ. މާތްރަސްކަލާނގެ މިންވަރުފުޅެވެ. ހަމްދު އާއި ޝުކުރު ހުރީ، އެކަލާނގެ ކިނބަފުޅަށެވެ،" އަސަރާ އެކު އަމީން ލިއުއްވި އެވެ.

ކުރީގެ ރައީސް މުހައްމަދު އަމީންގެ އަރިހުގައި އެ މަނިކުފާނުގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން

ދަރިކަނބަލުންނަށް ނަސޭހަތް ދެއްވަމުން، އެ މަނިކުފާނު ލިއުއްވި ގޮތުގައި "ކައިވެންޏެއްގެ ކާމިޔާބުގެ ސިއްރަކީ ތެދުވެރިކަމާއި ވަފާތެރިކަމެވެ. މުރާލިކަމާއި ހިކުމަތްތެރިކަމެވެ. ލޯބިވެތިކަމާއި އޯގާތެރިކަމެވެ."

އެގޮތުގައި ދެމިހުންނަވަން ނަސޭހަތް ދެއްވި އެވެ.

އެކަމަކު އެ ސިޓީފުޅު އަމީނާއަށް ލިބިވަޑައިގަތީ، އަމީން އަވަހާރަވިތާ ގާތްގަނޑަކަށް 30 އަހަރު ފަހުން، އޮކްޓޯބަރު 9، 1983 ގަ އެވެ. އެހެންކަމުން އުމުރުގެ ފަހު ދުވަސްކޮޅު އަމީން އުއްމީދުކުރެއްވި ގޮތަށް، ދަރިކަނބަލުންގެ ކައިވެނިފުޅުގެ ކުރިން އެކަމަނާއާ އެ މުހިންމު އަމާނާތް، އެއްވެސް ފަރާތަކުން ހަވާލުކޮށްފައެއް ނުވެ އެވެ.

މުހައްމަދު އަމީން އަވަހާރަކޮށްލި ހާދިސާއާ ބެހޭ ތާރީޚީ ފޮތް "އޯކިޑް"ގެ ލިއުއްތެރިޔާ މުހައްމަދު ޖަމީލް ވިދާޅުވި ގޮތުގައި، ބައްޕާފުޅާ ބައްދަލުކުރަން އަމީނާ، އޭރުގެ ސަރުކާރުގެ އިސް ވެރިންނަށް އެތައް ސިޓީއެއް ލިއުއްވި އެވެ. އެކަމަކު ވިހަމަނާފުށީގައި އަވާހަރަވެ، މޫނުފުޅު ދެއްކުމުގެ ކުރިން އެ ފުރުސަތު ލިބިވަޑައެއް ނުގަންނަވަ އެވެ.

"އަމީން ބަންދުކުރި ފަހުން އެއްގޮތަކަށް ވެސް ބައްދަލެއް ނުވޭ. ވަރަށް ހިތްދަތި ދުވަސްކޮޅެއް އެއީ އަމީނާއަށް ވެސް،" ފޮތަށް ބޭނުންވާ މައުލޫމާތު ހޯއްދަވަން އަމީނާއާ އިންޓަވިއުކުރެއްވި ޖަމީލް ވިދާޅުވި އެވެ.

އެއީ ވަރަށް ތާރީޚީ "ހުވާސް"އެއް

މި ސިޓީފުޅާއާ އެކު އަމީނާގެ އިންޓަވިއު ޖެހި "ހުވާސް" ނެރުނީ "ލޯބި، ކަރުނަ، ނަސޭހަތް" މި ސުރުޚީގެ ދަށުންނެވެ. އެއީ ރާއްޖޭގެ ނޫސްވެރިކަމުގައި ވެސް ތާރީޚީ އަދަދެކެވެ. ނޮވެމްބަރު 15، 2002 ގައި ނެރުނު އެ އަދަދުގެ ފުރަތަމަ ޗާޕް ހުސްވެގެން، ދެ ފަހަރަށް ޗާޕްކުރި ފުރަތަމަ މަޖައްލާއަކީ ވެސް އެ އެވެ.

އެ ހާއްސަ ރިޕޯޓް ލިއުއްވީ ޝަހީބާއި އާދަމް ހަލީމް ދެ ބޭފުޅުންނެވެ. އާދަމް ހަލީމަކީ މިހާރު "އަވަސް"ގެ އެޑިޓަރެވެ.

"ހުވާސް އަކީ ދެ ހަފުތާއިން އެއް ހަފުތާ ނެރުނު މަޖައްލާއެއް. އޭރު ޗާޕްކުރަނީ އޯޑަރު ލިބިފައި ހުންނަ ވަރަށް. އެކަމަކު އެ އަދަދު ނެރުނުތާ ގަޑިއެއްހާ އިރުގެ ތެރޭގައި ހުސްވެއްޖެ،" މީގެ 18 އަހަރު ކުރިން ނެރުނު އަދަދާ ބެހޭ ގޮތުން ޝަހީބު ވިދާޅުވި އެވެ.

"ހަވީރުގެ ޗެއާމަން [ޑރ. މުހައްމަދު ޒާހިިރު ހުސެއިން] ވިދާޅުވި އެހާ ގިނަ ބަޔަކު ބޭނުންވާތީ މިހާރު ތި އޮތީ ތާރީޚީ އެއްޗަކަށް ވެފައޭ. އެހެންވެ އެންމެންނަށް ވެސް ލިބޭ ގޮތެއް ހަދަން ޖެހޭނޭ."

"ހުވާސް"ގެ އެޑިޓަރު މުހައްމަދު ޝަހީބު

ފުރަތަމަ އެ އަދަދު ނެރުނު އިރު އޭގައި އަމީންގެ ސިޓީފުޅުގެ އަސްލު ކޮޕީ ހިމަނާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ޖެހީ ސިޓީފުޅު އަލުން ޓައިޕްކޮށްފަ އެވެ. އެކަމަކު ދެ ވަނަ ޗާޕްގައި، އަސްލު ސިޓީ ވެސް ހިމެނި އެވެ.

"އަސްލު އެ ސިޓީއަކީ އެއްވެސް މީހަކަށް އެނގިފައި އޮތް އެއްޗެއް ނޫން،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު އާއި ލިއުންތެރިޔާ އާދަމް ހަލީމް ހެއްދެވި "ހުވާސް"ގެ ހާއްސަ ކަވަރޭޖް

އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "އަމީންގެ މޮޅު ލިއުންތެރިކަމާއި، ބައްޕައަކު ދަރިޔަކަށް ދޭ ނަސޭހަތާއި ދުނިޔެވީ ހަގީގަތްތައް" އެކުލެވޭ، ވަރަށް އަސަރު ހުރި ލިއުމެކެވެ. އަމީންގެ އަތްޕުޅުން ލިއުއްވި އެންމެ ފަހު ލިއުމަކީ ވެސް އެއީކަން، ޝަހީބު ގަބޫލުކުރައްވަ އެވެ.

"އެއީ އާއިލީ އެއްޗެއް، އެއީ ދީނީ އެއްޗެއް، ގައުމީ އެއްޗެއް، އަދަބީ އެއްޗެއް. މިހެން ގޮސް އެހުރިހާ ކަމެއް ވަށައި ޖެހިފައި އޮތް ސިޓީފުޅެއް އެއީ،" ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް އެންމެ އުފާކުރައްވަނީ އެރޭ އެ ސިޓީފުޅު އަމީނާ ދެއްވި ގޮތެވެ. ހަމައެކަނި ސިޓީ ދެއްވާފައި ނިންމާލެއްވީކީ ނޫނެވެ.

"އެ ތާރީހީ ސިޓީފުޅު އަޅުގަނޑަށް ދެއްވީ، ޝަހީބު ޖައްސަވާފައި، ސޮއި ވެސް ކުރައްވާފައި،" ޝަހީބު ވިދާޅުވި އެވެ.

"ވަރަށް އުފާވި ދުވަހެއް އެއީ."

ރައީސް ނާސިރުގެ އަރިހުގައި

އަމީނާ މުހައްމަދު އަމީން، އުމުރުފުޅުން 85 އަހަރުގައި، މިއަދު ވަނީ އަވަހާރަވެފަ އެވެ.

އެކަމަނާއަކީ ވެސް ސަރުކާރުގެ ހިދުމަތްތެރިއެކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ޕާސަނަލް ސެކްރެޓަރީންގެ ތެރޭގައި މަސައްކަތްޕުޅު ކުރެއްވި އެވެ. އިނގިރޭސިންގެ އަތުން ރާއްޖެ މިނިވަންކުރުމުގެ ބައެއް ވާހަކަތަކުގައި ނާސިރަށް ލިބިވަޑައިގަންނަވާ ސިޓީތަކަށް ޖަވާބު ދެއްވަން އަމީނާއާ ހަވާލުކުރެއްވި ކަމަށް، ޖަމީލް ވިދާޅުވި އެވެ.

"ނާސިރުގެ ޕާސަނަލް ސެކްރެޓަރީންގެ ތެރޭގައި އުޅުއްވި ދުވަސްވަރު އެއީ ވަރަށް މުހިންމު ކަމެއް އަމީނާއަށް ކުރައްވަން ޖެހިވަޑައިގެންނެވި،" ޖަމީލް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަމީނާއާ ސަލާމް ކުރައްވަނީ: އުމުރުފުޅުން 85 އަހަރުގައި އަމީނާ މިއަދު ހެނދުނު ވަނީ އަވަހާރަވެފައި.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގައި ވެސް މަސައްކަތްކުރެއްވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވެގެން އައި ދުވަސްވަރު އެކަމުން ޒުވާނުން ސަލާމަތްކުރަން ސަރުކާރުން ކުރި މަސައްކަތުގައި، އަމީނާ ވަރަށް އިސް ރޯލެއް ކުޅުއްވި އެވެ.

އަމީނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުން 1980 އިން 1985 އަށް ރައްޔިތުންގެ މަޖިލިހުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.

އެ ކަމަނާއަށް ދެ ކައިވެނިފުޅުން ފިރިހެން ދެ ބޭފުޅުންނާއި އަންހެން ދެ ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން އަމީން ފައިސަލް އަކީ، އެމްޑީޕީގެ ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރެވެ. ޑރ. ފަރަހަނާޒު ފައިސަލް އަކީ، މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ރާއްޖޭގެ ސަފީރެވެ.

އެންމެ ދޮށީ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި ސިވިލް އޭވިއޭޝަންގައި އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އަދި އެންމެ ހަގު ދަރިކަނބަލުން ޝުވޭކާރު ހަމީދު ރައީސް އޮފީހުގައި ހިދުމަތްކުރެއްވި އެވެ.

27 ކޮމެންޓް, 225 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 94%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްނިބަތޫތާ

07 May 2020

އެއްވެސް ކުއްޖަކަށް އެގިލައްވާތޯ “އޯކީޑް” ފޮތުގެ އޮންލައިން ވާޝަންގެ ލިންކެއް؟، އެގިލައްވަންޏާމު މިތާގަ ޝެއަރ ކޮއްލަދެއްވުން އެދެން، އަޅުގަނޑަށް ޔަޤީން ވަރައްގިނަ ކިޔުންތެރިން މިހާރު އެފޮތް ކިޔާލަން ބޭނުންވާނެކަން

The name is already taken The name is available. Register?

ބޫސް ބޫސް

07 May 2020

ބަތޫ ހާދަ އުމުރު ދިގޭ.21 ވަނަ ގަރުނުގަވެސް ދުނިޔޭގަ އެބަ އުޅެން ދޯ.

The name is already taken The name is available. Register?

އަހުމަދުއަލޯ

07 May 2020

މުހަައްމަދު އަމީނަކީ ރާއްޖޭގެ ތައުލީމުގެ ބާނީ. ހަގީގީ ފެމިނިސްޓެއް! މަރުހޫމާގެ ފުރާނަފުޅަށް ރަހުމަތްލައްވާށި. އާމީން.

The name is already taken The name is available. Register?

ޢަނާ

07 May 2020

އަމީން ދީދީ އަކީ ކޮއިލު ތެރޭގައި ހިންގަމުން ދިޔަ ލަދުވެތި ޢަމަލުތައް ހުއްޓުވަން ކުރެއްވި މަސައްކަތެއްގެ ގޮތުން އަންހެން ކުދިން ވަޒިފާ ތަކަށް ނެރުއްވާ، އެވެރިންނަށް މުބާރާތްތާކައި ބަށި ބެޑްމިންޓަން ކަހަލަ ކުޅިވަރުތައް ތަޢާރަފް ކޮށްދެއްވާ، ދެޖިންސަށް ތަޢުލީމީ ހަމަ ފުރުސަތު ތައް ފަހި ކޮށްދެއްވި. މާލެ އާއި އަތޮޅުތަކުގައި އެއްއުޞޫލަކުން ތަޢުލީމު ދިނުމުގެ ނިޔަތުގަެި މަސައްކަތްފެއްޓެވި، އެކަމަކު.... އެބޭފުޅާއަށް ފުރުޞަތެއް ނުދެއްވި.

The name is already taken The name is available. Register?

ކޮތަރު

07 May 2020

ދިވެހި އަންހެނުން އޭރު ހާދަރީތިވެފަ އިނޮސެންޓޭ. މިފޮޓޮއިން އެކަންހާމަވޭ.. މިހާރު ދިވެހި އަންހެނުން ވަރަށް ތަފާތު!

The name is already taken The name is available. Register?

އަލީ ބެއްޔާ

06 May 2020

ފެބްރުއަރީ7 ބަޤާވާތުގައި އަޞްލަކަށް ބެލީ "އޯކިޑް" މިފޮތް. ބަޤާވާތް ކޮށްފައިވަނީ އެފޮތުގައި ލިޔެފައި ހުރި މަޢުލޫމާތާއި އެއްގޮތަށް. ނަމަވެސް ނަސީބު ރަނގަޅުކަމުން ރައީސް ނަޝީދު ހަވަރަށް ނުދެވުނީ ނަޝީދަށާއި ޤައުމަށް ވަފާތެރިބަޔަކު އެދުވަހު ނަޝީދު ސަލާމަތްކުރީ. ނަމަވެސް އެކަން ނަޝީދުވަނީ ހަނދާން ނައްތާލާފައި، މިއަދު އެމީހުންއުޅެނީ ވަރަށް ޙާލުގައި، ކޯނީ ރިޕޯރޓާއި އަސްލަމް ނެރުނު ފޮތުން ވަރަށް ރަނގަޅަށް އެއީ ކޮންބައެއްކަމާއި އެދުވަހުގެ ހަޤީޤަތް އެނގޭނެ

The name is already taken The name is available. Register?

ގައުމީ ލޯބީގާ

06 May 2020

ތިހުވާސް މިހާރު ދެން ކޮބައިތަ؟ ،.މަމެންނަށްވެސް ތިކިޔެންޖެހޭނެދޯ . ވަކި ޖީލެއްގެ ބަޔަކަށް ކިޔުމަކުން އެއްމެންނަށްކިޔުނީ ކަމަކަށް ނުވާނެ .44 ހަތަރުއަހަރު ގަ އަމީންދީދީ އަވަހާރަކޮއްލުން ވަރަށް ކަޑަ ކަމެއް . ޒުވާންއުމުރުފުޅެއްގަ ގައުމަށް ހިދްމަތްކުރާއިލްމީދަރިންގެ ފުރާނަޔާކީއްވެގެންތަ އެހާފަސީހައިން ކުޅެވެނީ.އަމީންދީދީ އަށް ސުަވަރުގެ ލިބޭނެ އަދިއަމީނާދީދީއަށްވެސް އިންޝާﷲ

The name is already taken The name is available. Register?

މާފަހުން އެކަ މަކުވެސް.....

06 May 2020

ރައީސް އަ މީން ދީދީ އަށާއި، ދަރިކަނބަލުންނަށް ފާފަ ފުއްސަވައި ސުވަރުގޭގެ ނިޢު މަތް މިންވަރު ކޮށްދެއްވުމަށް އެދިﷲގެ ޙަޟްރަތަށް ދަންނަވަ މެވެ! އާ މީން. އަހަރެން ދުނިޔެ ދުށީ ވެސް، މާފަހުންނެވެ. ޤައު މަށް ނުހަނު ގިނަގުނަ ޚިދު މަތްތަކެއް ކޮށްދެއްވެވި ރައީސް އަ މީން ދީދީ އަށް، ދިވެހީންގެ ނުބައި ބަޔަކު ހެދި ގޮތް ފޮތްތަކުން ކިޔާފައި ހާދަ އަސަތެއް ކުރެއެވެ. މިފޮޓޯތައް ފެނިފައި ވެސް ހިތްފަޅައިގެން ދާވަރު ވެއެވެ.

The name is already taken The name is available. Register?

ތައްތު

06 May 2020

ޢަ މީނާގެ އަތްޕުޅަށް ސިޓީ ލިބުނީ ކިހިނެއްތޯ. ތިރީސް އަހަރު ފަހުން. ޥެރީ ކިއުރިއަސް. ޢިނގޭ ކުއްޖަކު އަޅެ ބުނެލަދީބަލަ.. ޕްލީޒް.

The name is already taken The name is available. Register?

ގާޒީ

07 May 2020

އަވަސް ނޫސް ކިޔާލާ ތީގެ ޖަވާބު ލިބޭނެ.

The name is already taken The name is available. Register?

ފައިސަލާ5

06 May 2020

'އެތެރޭގެ އިންޤިލާބެކޭ' ތިބުނުއްވީ އޭރު ވެރިކަން ބޭނުންވެފަ ތިބި ބަޔަކު ކުރި ބަޣާވާތަކަށް ދެއްތޯ. ދެން ހަވަރޭ ތިބުނުއްވީވެސް އެބަޔަކު ރާވައިގެން ނެރުނު މީހުންތަކަކަށް ދެއްތޯ. ދެން ހިނގާދިޔައީ ޕްރީ މެޑިޓޭޑެޑް މާރޑަރއެއް ދެއްތޯ. އަޅުގަނޑުމެނަށް އެނގޭ 'ރައްޔިތުން' ނުކުމެ ކުރި ކަމެއް ނޫންކަން، ބަޔަކު ރާވައިގެން އަމީންދީދީ މަރާލީކަން.

The name is already taken The name is available. Register?

ކެޔޮޅުބޭ

06 May 2020

އަމީނާ އަވަހާރަވުމާ ގުޅިގެން އެކަމަނާގެ އާއިލާއަށް ތައުޒިޔާ ދަންނަވަން. އަދި މަރްހޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަން. މިއަދު ދިވެހިންގެ ހަނދާނަށް އަންނާނީ ރަހުމް ކުޑަގޮތަކަށް އަލްމަރްހޫމް މުހައްމަދު އަމީން ދީދީ އަވަހާރަ ކޮށްލި ހާދިސާ. ދަންނަވާލަން ބޭނުމީ ދިވެހި ތާރީޚް ބުނާގޮތުން މިގޮތަށް ސަރުކާރުވެއްޓުމާ ވެރިން ގަތުލު ކުރުމަކީ ރާއްޖޭގަ ވަރަށް އާއްމުކަމެއްކަން. ގިނަފަހަރު ހަމަލާ ރާވަނީ އެންމެ ކައިރީތިބޭ މީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454