13 މެއި 2020 - 14:46
ބާސެލޯނާ (މެއި 13) - ބޮޑު އަގުގައި ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ފިލިއްޕޭ ކުޓީނިއޯ އަށް މިދިޔަ ސީޒަނުގައި އޭނާގެ އަސްލު ކުޅުން ނުދެއްކުނީ ލިއޮނަލް މެސީގެ ސަބަބުން ކަމަށް ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ފްރޭންކް ޑި ބޮއާ ބުނެފި އެވެ.
ލިވަޕޫލް ދޫކޮށް 2018 ވަނަ އަހަރު ޖެނުއަރީ މަހު ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ 142 މިލިއަން ޔޫރޯ އަށެވެ. ޒަވީ އާއި އަންދްރެސް އިނިއެސްޓާ ފަދަ ޕްލޭމޭކަރެެއް ނެތުމުން ހުސްވި ޖާގަ ފުރަން ބާސެލޯނާ އިން ކުރި މަސައްކަތުގައި ކުޓީނިއޯ އަށް ދޮޅު އަހަރުގެ ތެރޭ ކްލަބުގައި ފައިހަރުކުރެވޭ ގޮތެއް ނުވި އެވެ. މެދުތެރޭގައި ވެސް އަދި އެޓޭކުގައި ވެސް އޭނާ އަށް ޖާގަ ކަށަވަރެއް ނުކުރެވުނެވެ. އެންމެ ފަހުން ބާސެލޯނާ އިން ވަނީ އޭނާ މި ސީޒަނަށް ލޯން އުސޫލުން ބަޔާނަށް ދޫކޮށްލައިފަ އެވެ.
"ބާސެލޯނާގައި ހުރިހާ އެޓޭކެއްގައި ފެންނާނީ މެސީ ލީޑުކުރާތަން. އެއީ ހަމަ ލިވަޕޫލްގައި ކުޓީނިއޯ ކުރި މަސައްކަތް. ކުޓީނިއޯ އަށް ބާސެލޯނާގައި ފަސޭހަނުވީ މެސީގެ ސަބަބުންނޭ ބުނެވިދާނެ. ދެ ކުޅުންތެރިންނަކީ ވެސް ބޯޅަ ހޯދަން މާ ބޮޑު މަސައްކަތެއް ކުރަން ޖެހޭ ކުޅުންތެރިންނެއް ނޫން،" ޑި ބޮއާ ބުންޏެވެ.
ނެދަލެންޑްސްގެ ކުރީގެ ޑިފެންޑަރު ޑި ބޮއާ ދެކޭ ގޮތުގައި މިއީ އެއްވެސް ކުޅުންތެރިއެއްގެ މައްސަލައެއް ނޫން ކަމަށާއި އެ ކުޅުންތެރިންގެ ސްޓައިލްގެ ސަބަބުން ފެންނަން އޮތް ހަގީގަތް ކަމަށެވެ. އަދި ބާސެލޯނާ ނޫން އެހެން ޓީމެއްގައި ކުޓީނިއޯގެ އަސްލު ކުޅުން އަނެއްކާ ވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ބުންޏެވެ.
"މިއީ ކުޓީނިއޯ އަށް ވަރަށް ދެރަކޮށް ދިމާވި ކަމެއް. އެއީ އާންމުކޮށް އެ ފެންވަރުގެ ކުޅުންތެރިއެއް ބާސެލޯނާގައި ތަފާތު ދައްކާނެ ކަމަށް އެންމެން ގަބޫލުކުރާނީ. ހަގީގަތަކީ ބާސެލޯނާގައި ކުޓީނިއޯ ލައްވައި ކުޅުވަން އުޅުނު ސްޓައިލް ވެސް މީގެ ގޯސް،" ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ވެސް ކާމިޔާބުކުރި ޑި ބޮއާ ބުންޏެވެ.
އަލުން ލިވަޕޫލަށް ބަދަލުވުމުގެ ޝައުގުވެރިކަން ކުޓީނިއޯގެ ހުރިކަމަށް އޭނާއާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އުމުރުން 27 އަހަރުގެ ކުޓީނިއޯ މަޑުކުރުވަން އޭނާގެ މިހާރުގެ ކްލަބް ބަޔާނުން މަސައްކަތްކުރަމުން އަންނައިރު، ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ވަނީ އަންނަ ސީޒަނުގައި އޭނާގެ ޕްލޭނުގެ ތެރޭގައި ކުޓީނިއޯ ހިމެނޭ ކަމަށް ބުނެފަ އެވެ. ކުޓީނިއޯ އަލުން ޕްރިމިއާ ލީގުން ފެނިދާނެ ކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރެން ފަށާފައިވާއިރު، އެ ރޭހުގައި ފްރޭންކް ލަމްޕާޑްގެ ޗެލްސީ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ ބޭބެ
13 May 2020
މެސީ ހުރެގެން ކުޅެން މީހަކަށް އުނދަގުލަށްވުރެ ފަސޭހަދޯ ވާންވީ
ޢިބޫ
13 May 2020
އަހަންނަކަށްވެސް ނޭނގެ. މަޝްހޫރުވާންވީމަ މެސީއޭ ކިޔަނީ.
ބާލައާދަނު
13 May 2020
މެސީ އޭ ބުނާ އިރަށް ހާދަ ވާނެއް ތިޔަވަނީ. ބަލަ ޑިބޮއާ އެބުނީ ގޯސް ވާހަކައެއްތަ؟ އޭނާ އެބުނީ މެސީ އާ އެއް ސްޓައިލެއް ކޫޓީނިއޯ ހުރީމައޭ ބާސާގަ ކުރިޔަށް ނުދެވުނީ. ހުސް އެކަނި ހެޑިން ކިޔާލާފަ ކޮމެންޓު ނުކޮށްބަލަ.