ގަލޮޅު ދަނޑަށް ބިދޭސީން ޖަމާކޮށްފައި: ރާއްޖޭގައި ލައްކައެއްހާ ބިދޭސީން އުޅޭ --ފޮޓޯ/މިހާރު
22 މެއި 2020 - 11:03
ގަވައިދާ ހިލާފަށް، ބިދޭސީ މަސައްކަތު މީހުން ރާއްޖެ އެތެރެވެފައިވަނީ އެ މީހުން އަމިއްލައަށް ނޫން ކަމަށާއި އެކަން ކުރި މީހުންގެ މައްސަލަތައް ހަނދާން ނައްތާނުލައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހަސަން (ހަނަފީ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ލައްކައެއްހާ ބިދޭސީން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި ސައްހަ ލިޔެކިޔުންތައް ނެތި އުޅޭ މީހުން ގިނަ އެވެ. އެ މީހުން ހޯދައި ފޮނުވާލުމަށް، އިމިގްރޭޝަނުން ދޭތެރެ ދޭތެރެއިން ކުދި އޮޕަރޭޝަންތައް ހިންގި ނަމަވެސް މިހާތަނަށް މައްސަލައަށް ހައްލެއް އައިސްފައެއް ނުވެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. އޭގެ ތެރޭގައި ކޯޓާ ހޯދަން ވަގު ލިޔުން ހުށަހެޅި ކުންފުނިތަކުގެ ނަން އާއްމުކޮށް މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރާ މީހުން ހޯދުން ހިމެނެ އެވެ.
ބިދޭސީ މަސައްކަތްތެރިން ގެންނަން ވަގު ލިޔުން ހުށަހެޅި 12 ކުންފުންޏެއްގެ ނަން، މިދިޔަ އަހަރު ފަހުކޮޅު އިމިގްރޭޝަނުން ވަނީ އާއްމުކޮށްފަ އެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.
މި ވަގުތު އެ މަސައްކަތްތައް މަޑުޖެހިފައި އޮތް ނަމަވެސް، ހަނަފީ ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް ބިދޭސީން ރާއްޖެ އެތެރެ ކުރި މީހުންގެ މައްސަލަތައް އޮއްބާލައި، ހަނދާން ނައްތައެއް ނުލަ އެވެ. އަދި އެޖެންސީތަކާއި ފުލުހުންނާއި އެޓާނީ ޖެނެރަލް އާއި ޕްރޮސެކިއުޓާ ޖެނެރަލް ގުޅިގެން، އެކަން ކުރި މީހުންގެ މައްސަލަތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މީޑިއާއާ ވާހަކަ ދައްކަވަނީ.
"އެކަން ކުރި މީހުންގެ ތަހުގީގީ މަރުހަލާ ނިންމައި، ދައުވާ ކުރަން ފޮނުވެންދެން ހުރިހާ މުއައްސަސާތަކެއް ގުޅިގެން މިދަނީ މަސައްކަތް ކުރަމުން،" ހަނަފީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މައްސަލަތަކެއް އޮއްބައެއް ނުލާނަން،"
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި ފަދަ މައްސަލައެއް ފެންމަތިވި ނަމަވެސް، ކަމާ ގުޅޭ ހުރިހާ އިދާރާތަކަކާ ހިއްސާކޮށް، އެކަން ހުއްޓުވާނެ ކަމަށެވެ.
ގަވައިދާ ހިލާފަށް ބިދޭސީން އެތެރެ ކުރުމުގައި އިމިގްރޭޝަނުގެ ރޯލެއް އޮތް ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ހަނަފީ ވިދާޅުވީ އެ އިދާރާއިން ކުރިން ގޯސްކޮށް ކަމެއް ކުރި ނަމަވެސް ދެން އެކަން ތަކުރާރު ނުވާނެ ކަމަށެވެ. އޭގެެ ހެއްކެއްގެ ގޮތުން އޭނާ ދެއްކެވީ، އިމިގްރޭޝަނުން ކޮންމެ ހަފުތާއަކު ދޫކުރި ކޯޓާތަކުގެ އަދަދު ދެފުށްފެންނަ ގޮތަށް އެންމެންނާ ހިއްސާ ކުރުމެވެ.
ހަނަފީ ވިދާޅުވި ގޮތުގައި ގޯސްތަކެއް ހެދިފައި ހުރި ނަމަވެސް، މުއައްސަސާ ރީފޯމުވުމާއެކު، އެތަނުގައި ޖެހިފައި ހުރި ލައްތައް ފިލައި ދިޔައީ އެވެ. އަދި އިދާރީ ހިންގުން ބަދަލުވުމާއެކު އާ ފެށުމަކުން ފެށީ ކަމަށާއި އެހެންވެ، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތްތަނުގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވެ، ގަވައިދާ އެއްގޮތަށް އުޅެން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް ވަނީ އެދިފަ އެވެ. އަދި އޭގެ ތެރެއިން 32،000އަށް ވުރެ ގިނަ ބިދޭސީން އިމަށް ވައްދާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލުފޮޑި.އަޑުގަދަވާެނެ، ވަހެއްނުދުވާނެ، ހަރުބަސް
08 June 2023
ހަނަފީ މެން ކަހަލަ ބޭފުޅުން ވަޒީފާއަދަކުރަނީ ސިޔާސީ ބޭފުޅުންގެ މަސްލަހަތާއި އެއްގޮތަށް ކަމަށް ދެކެން، މީގެ ކުރީން އުޅޭމީހެއް ކަމެއްވެސް ނޭނގޭ. ވޯޓާއި ހަމައިން އަޑުގަދަވާނެ. ހޮވުމުން އަޑުވެސް ނުނިކުއްނާނެ. މީ އާކަމެއްނޫން.
ޑާޑާ
23 May 2020
ބިދޭސީން އެތެރެކުރި މީހުން އެކަނިތަ! ބިދޭސީންނަށް ދިވެހި ޕާސްޕޯރޓް ހަދާދިން މީހުންވެސް ހިފާ ހައްޔަރުކޮށްބަލަ، އެއީ ވަރަށް ބޮޑު ޖަރީމާއެއް.
ޞައްދާމު
23 May 2020
މޮޅު ވާހަކައެއް ދައްކާލީ. ހަމަ އެއްކަމެއް ވެސް ނުކުވޭނެ! ފުރަތަމަ ޤަވާޢިދާޚިލާފަށް އުޅޭ ބިދޭސީން ތައް ފޮނުވާލާ!
ހަސަނު ހާރޫން
22 May 2020
މިހާރު އެކަހަލަ ކަމެއް އިމިގްރޭޝަން ތެރޭން ނުކުރާކަން އަހަރެމެން ޤަބޫލުކުރަން. ކުށްވެރިން އިންސާފު ކުރިމައްޗަށް ގެންނާނެ ދުވހކށް ބަލާތާ ކޮންދުވަހެއް
Ali Gasim
22 May 2020
ޟ މިސަރުކާރަކީ އެއްވެސް ކަމެއް ހައްލުކުރުމުގެ ގާބިލުކަން ހުރި ސަރުކާރެއް ނޫން މިމީހުނަށް ކުރެވޭނެ ކަމަކީ ހަމަ ސެލްފީ ނެގުން ބަންގާޅީންނަށް އެނގޭނެ މިގައުމުގަ ފިލައިގެން އުޅެވޭނެކަން ފުލުހުން ބިރުގަންނާނެ ބަންގާޅީން ދެކެ އެއިންމީހެއްގެ އެންމެ މައްސަލައެއްވެސް މިގައުމަކު ނުބެލޭނެ ޗެލެންގް ކޮށްފަ މިބުނަނީ މީ ކެޕޭސިޓީ ނެތް ސަރުކާރެއް
ލޮނުމެދުފަޓާސް
23 May 2020
ދެން ކެޕޭސިޓީ އޮތް ސަރުކާރަކުން މިކަމަށް ހައްލު ގެންނަން ކުރީ ކޮންކަމެއްބާ! ބިދޭސީންނަށް ދިވެހި ޕާސްޕޯޓު ހަދައިދިނުން ނޫން އެހެން ކަމެއް.
ްއަދުރޭ
22 May 2020
އެއްކަމެއްވެސްނުކުރާނެ.. ހުރިހާ ޖަރީމާއެއްހިންގީ އިމިގުރޭޝަންތެރޭން.
ޤައުމުގ12
22 May 2020
ކިހިނެއް ތިކަން ކުރާނީ؟ އިމިގުރޭޝަންގެ ބޮޑުންނާއި ކުޑަ އިން ތިކަމުގައި ހިމެނޭ އިރު ދެން ހިމެނެނީ މިޤައުމުގެ ފަޤީރު މަހުޖަނުން. އޭގެފަހުން ތިޔަ ވިޔަފާރީގެ ތެރެއަށް ވަނީ ބަންގާޅީން، ގެސްޓުން ގޮތުގައި ގެނެސް މަގުމައްޗަށް ދޫކޮށްލަނީ.
ފއްތަ
22 May 2020
އޮން އެރައިވަލް ވިސާ ބަންގްލަދޭޝް މީހުންނަށް ދިނުން ހުއްޓާލާ. ގައުމުން ބޭރުވާ މީހުންގެ ރިކޯޑު ނުބެލެހެއްޓޭ ހިޔުމަން ޓްރެފިކިންގ އެއީ ގައުމުގެ މައި އިގްތިސޯދީ މަސައްކަތް ކަމަށް ދެކިގެން އިމިއްލަ ގައުމުގެ މީހުންގެ ހާލު ބަލާނުލާ ބަޔަކަށް ކޮން އޯޕަން ވިސާ އެއް ދޭކަށް! މި ގައުމުގައި އުޅޭ ނޫސްވެރިން މި ކަމާ ބެހޭ ސުވާލެއް ކޮށްބަލަ ފައްޔާޒު އާ؟ މުއާހަދާއޭ ކިޔައިފިއްޔާ ކޮން މުއާހަދާއެއްގެ ކޮން ނުކުތާ އެެއްތޯ އަހާލަބަލަ އަނގަ ބަންދު ނުވެ.
ސަަމާސާ
22 May 2020
ބިދޭސީން އެތެރެކުރި މީހުންނަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތްކަން މިގައުމުގެ ކުޑަކުދިންނަށްވެސް އެނގޭނެ މިއީ އެންމެ ދުވަހަކުން ދެދުވަހަކުން ވީކަމެއް ނޫން....
ައަހުމަދު
22 May 2020
ހަނދާނުގއި ބަހައްޓައިގެން ކުރާނެ އެއްކަމެއްވެސް ނޯންނާނެ ، އަމަލުނުކުރެވެންޏާ، ތިތަނަކީ އެކަންކުރަން ދޮރުހުޅުވިތަން . އަދިވެސް އަރާފަ މޮލުވާހަކައެއް ދެއަކޭތޯބަލާ.