ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ބައެއް އިސްވެރިން.
01 ޖުލައި 2020 - 21:44
މިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ދައްކަނީ ސަރުކާރުން ދެމުން އައި ޑިސްކައުންޓު ކަނޑާލާފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ފާއިތުވި މަސްތަކާ އަޅާ ބަލާއިރު މިދިޔަ މަހުގެ ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ގިނަ ގެތަކުގެ ބިލް އެހެން މަސްތަކާ އަޅާ ބަލާއިރު ދެ ގުނަ އިތުރުވެފައިވާ ކަމަށް ދަނީ ބުނަމުންނެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ކަރަންޓު ބިލް ބޮޑުވެފައިވަނީ ދެ ސަބަބަކާ ހުރެ ކަމަށެވެ. އެގޮތުން އެއް ސަބަބަކީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދެމުން އައި ޑިސްކައުންޓު މިދިޔަ މަހު ކަނޑާލައިފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ ސަބަބެއްްގެ ގޮތުގައި ފަހުމީ ފާހަގަކުރެއްވީ ލޮކްޑައުންގެ ސަބަބުން ގޭގައި ތިބޭލެއް އިތުރުވުމެވެ. އޭނާ ވިދާޅުވީ ފާއިތުވި ތިން މަހުގެ ބިލްތަކަށް ބަލާއިރު ވެސް ގެތަކުގައި ކަރަންޓު ބޭނުން ކުރާ ވަރު އިތުރުކަން ފާހަގަ ކުރެވުނު ކަމަށެވެ.
"ލޮކްޑައުންއާ ގުޅިގެން ގޭގައި ގިނަ ވަގުތު ހޭދަކުރާތީ ހައުސް ހޯލްޑްތަކުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވިކަން ފާހަގަކުރެވުނު. މިއާއެކު ވެސް އޭޕްރިލް މަހާއި މެއި މަހުގެ ބިލް ބޮޑު ނޫން ކަމަށް ދެއްކީ ސަރުކާރުން ޑިސްކައުންޓު ދީފަ ހުރީމަ،" ފަހުމީ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ކޮވިޑް-19އާ ގުޅިގެން އާއްމުންގެ ދިރިއުޅުމަށް މާލީގޮތުން ނޭދެވޭ އަސަރު ކޮށްފައިވޭތޯ ފެނާއި ކަރަންޓުން ޑިސްކައުންޓު ދީފަ އެވެ. އެގޮތުން ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ރައްޔިތުންނަށް ވަނީ ދީފަ އެވެ. ނަމަވެސް މި ޑިސްކައުންޓު ދީފައިވަނީ އޭޕްރިލް އަދި މެއި މަހުގެ ބިލްތަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ފަހުމީ ވިދާޅުވިގޮތުގައި މި މަހު ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ މުވައްޒަފުން އަމިއްލަ އަށް ގެތަކަށް ގޮސް ރީޑިން ނަގައިގެންނެވެ. އެހެންކަމުން ޖޫން މަހުގެ އެއްވެސް ބިލަކީ އެވްރެޖް ބިލެއް ނޫން ކަމަށާއި ބިލް އިޝޫ ކުރުމުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޮކްޑައުންއާ ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް، ރީޑިން ނެގުމުގެ ބަދަލުގައި ސްޓެލްކޯއިން ވަނީ މީޓަރުތަކުގެ ފޮޓޯ ފޮނުވުމަށް ކަސްޓަމަރުންނަށް އަންގައިފަ އެވެ. ފޮޓޯ ނުފޮނުވާ ކަސްޓަމަރުންނަށް ލިބޭނީ އެވްރެޖް ބިލެއް ކަމަށް ބުނި ނަމަވެސް އެވްރެޖް ބިލްތައް ފޮނުވާފައިވާނީ އޭޕްރިލް މަހު އެކަނި ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯއިން ބުނެފައިވާގޮތުގައި އެވްރެޖް ބިލުން އުނިވާ ބައި ޖެހިގެން އަންނަ މަހުގެ ބިލަށް އިތުރުވާނެ އެވެ. ނަމަވެސް އެވްރެޖް ބިލް ފޮނުވާފައިވަނީ އެންމެ މަހަކު ކަމަށްވުމުން މިދިޔަ މަހުގެ ބިލަށް އެބައި އިތުރުވެފައި ނުވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
"އޭޕްރިލް މަހު 20 ޕަސެންޓު ގޭބިސީތަކަށް ފޮނުވީ އެވްރެޖް ބިލެއް. އެކަމަކު މެއި މަހާއި ޖޫން މަހު ރީޑިން ނަގައިގެންނާއި ކަސްޓަމަރުން ފޮނުވި ފޮޓޯތައް ބަލައިގެން ފުލް ބިލެއް ތައްޔާރު ކުރީ. އެހެންކަމުން މީގެ ސަބަބުން ބިލް ބޮޑުވި ކަމަަށް ނުބެލެވޭ،" ފަހުމީ ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން އަހަރުތަކުގައި އޭޕްރިލް، މެއި އަދި ޖޫން މަހަކީ ހޫނު ދުވަސްވަރާ ދިމާވާ މަސްތަކަށް ވާތީ އެހެން މަސްތަކާ އަޅާބަލާއިރު ކަރަންޓު ބޭނުން ކުރާލެއް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވޭ ނަމަ އެކަން ސްޓެލްކޯގެ ކޯލްސެންޓަރަށް ގުޅައިގެން ބެލުމަށް ފަހުމީ އެދިވަޑައިގަތެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް އެ ކުންފުނީގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި ދެވަނަ ފަހަރަށް ގެއަށް ގޮސް ރީޑިން ނަގަން ޖެހޭ ހާލަތެއްގައި އެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޫޝީ
04 July 2020
ބިލްތަކުގެ މަސައްކަތްކުރި މުވައްޒަފުން ބިލްތައް ހަދާފައިވާލެއް ފުރިހަމަކަން ތި ފެންނަނީ، މީޓަރުގެ ނަންބަރު، ރީޑިން ރަގަޅުތޯ ބެލުން ވަރަށް މުހިންމު
އަޕްސިޑީ
02 July 2020
ކުރީގެ އެމްޑީޕީ ވެރިކަމުގަ ސަބްސިޑީ ދޭން ފެށިއިރު ސަބްސިޑީއަށް ނުއެދޭ ބައިން ބިލް ވ ބޮޑުވާތީ ގުޅީމަ ބުނީ ސަބްސިޑީ ނަގާށޭ. ސަބްސިޑީ ނަގާހާ ނިކަމެތިންގެ ބަޔަށް ފިޓްނުވާތީ ސަބްސިޑީއަކަށް ނުއެދެން. އެއިރު ފާހަގަވީ ކަމަކީ ސަބްސިޑީއަށް އެދިފަ ހުރި މީހުންނަށް އިންތިހާއަށް ބިލް ކުޑަކޮށްލާފަ ސަބްސިޑީއަށް ނުއެދި އޮތް ބައިގެ މީހުންނަށް އިންތިހާއަށް ބިލްބޮޑުކޮށްލިކަން. އެއްބައެއްގެ ބިލް ހަމަޖައްސާލީ އަނެއް ބައެއް އަތުން އިންތިހާއަށް ނަގައިގެން ކަމަށް ބެލެވުނީ.
ޓިކްކެޓް
02 July 2020
ސްޓެލްކޯއިން ކަރަންޓުބިލް "ރޭޕްކޮށްފި!"
Happy
02 July 2020
ސްޓެލްކޯ އަދި ދިރާގު މިހާލަތުގަވެސް ރަތްޔިތުން ފެލަނީ ހަމަ! ??
ރާނާ
02 July 2020
ޑިސްކައުންޓް ނުދޭތީކީނޫން , އަހަރެ މެންގެބިލް ދުވަހަކުވެސް 3000 ރުފިޔާ ނާރާ , އެކަމަކު މިފަހަރުގެ ބިލް 3000 އަށްވުރެވެސް ބޮޑު ކަރަންޓް ބޭނުންކުރަނީ ހަމަ އަބަދުވެސް ބޭނުން ކުރާ ވަރަށް
އަހްމަދު ސާލިހު
02 July 2020
ސްޓެލްކޯ އިން ބުނާ ވާހަކަ އެއް ގަބޫލެއް ނުކުރެވޭ. ސަބަބަކީ މި ގޭގައި ދިރިއުޅެނީ 3 މީހުން. ދުވާލު 2 އެއަރ ކޯން ބޭނުން ކުރަނީ. ދެން ހުރީ އެވްރެޖް ކޮށް ގެއެއްގައި ގެންގުޅޭ އިލެކްޓްރިކް ސާމާނު. އަލަށް ތިވިދާޅުވި ގޮތާ ޚިލާފަށް 2500.00 އަށްވުރެ ބިލް ބޮޑުވީ. ވީމާ މިވާ އެއްޗެއް ރަންގަޅަށް ރައްޔިތުންނަށް ސާފުކޮށްދެއްވާ. މި ސަރުކާރު އައިފަހުން ސްޓެލްކޯ ގެ މިމައްސަލަ ތާއަަބަދު މިދަނީ ދައްކަމުން. ކީއްހޭ ތިކުރަނީ؟ ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ.
ޢަހުމަދު މުހައްމަދު ބުނި އިސްމާޢީލު
02 July 2020
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދުވަހަކު ދަށަށް ނުދާވަރަށް ދަށަށް ހިގައްޖެ. ކަރަންޓް ބިލް ދުވަހަލު ބޮޑު ނުވާވަރަށް ބޮޑުވެއްޖި. ރައްޔިތުންގެ އަތްމަތި ދުވަހަ ދަށަށް ނުދާވަރަށް ދަށަށް ގޮއްސި. އޯގާތެރި ސަރުކާރުގެ އޯގާތެރިކަމުގެ ކޮޅެއްވެސް ނެތެވެ. ކީހާޅެން ފަރިއްސައްވެ ނިމެއްޖިއެވެ. މިހާ ދޯހަޅި ސަރުކާރެއް މި ދުނިޔޭގައިވެސް އޮތްހެނެއް ހިއެއް ނުވެއެވެ.
ބިލު
02 July 2020
ހުސްދޮގު! އޮޅުވާލުމެއް. ހޫނުމަސް އަދި މި އައީ. ތެޔޮ އިންތިހާއަށް އަގުހެޔޮ ވެއްޖެ. އެސް.އެމް.އެސް ފޮނުވި ރީޑިން ނުނެގުނޭ ކިޔާފަ. ފޮނުވާދޭށޭ. ސެޓްލެކޯ %100 ދައުލަތުގެ ހިއްސާ... އަދި ފުރަބަނދުގައި ތިބި މަހެއްގެ ބިލް..
ބިލިންބޯޑު
02 July 2020
ތަފުސީލަށް ބަލާފަ މަށަށް އަދި ފާހަގަޔެއް ނުވޭ މަގޭ ކަރަންޓު ބިލު ބޮޑުކަމެއް. އަހަރެން ކުޑަ ބޮޑު ބަލަނީ ޔުނިޓުން. އަރާ ލާރިޔަކުން ނޫން.
ދޮގު ނުހަދާ
02 July 2020
ބިލްގެ ފޮޓޯ ފޮނުވާން އެންގީމަ ފޮޓޯ ފޮނުވިން. ފޮޓޯގަ އިން ރީޑިންގއަށްވުރެ އެ ދެ މަހުގެ ބިލްގަ އިން ރީޑިންގ އެތައް ތަނެއް ކުޑަ. ކުޑަ ކޮށް އިނީމަ އެކަން އެންގިން. ސަބްސިޑީ އިން ދެމަހަކު އެހެން ހެދީ. އޭރު ވެސް އެނގުން މިހެން ކަން ވާނީ. ސަބްސިޑީ އިން މަސްތަކުގެ ބިލް ވަރަށް ކުޑަވީ ހަމައެކަނި ސަބްސިޑީ އަކުން ނޫން. ދަށް ރީޑިންގ އަކަށް ބިލް ހަދާފަ އިނީމަ. ދެން ސަބްސިޑީ ނެތް މަހު އަސްލު ރީޑިންގ އަށް ބިލް ހެދީމަ ބިލް ބޮޑުވާނެތާ. އޮޅުވާލައިގެން ބިލް ބޮޑުވީ