04 ޖުލައި 2020 - 11:13
މިއުނިކް (ޖުލައި 4) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި ޖަރުމަނުގެ ވިންގް ލެރޯއި ސާނޭ ބަޔާން މިއުނިކަށް ސޮއިކުރިއިރު، އެ ޓީމަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލަށް ބަދަލުވާން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި ސިޓީން ސާނޭ ދޫކޮށްލަން ނިންމީ އޭނާ އެގޮތަށް ބޭނުންވުމުންނެވެ. އުމުރުން 24 އަހަރުގެ ސާނޭ ވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގައި ބަޔާނާ އެކު ސޮއިކޮށްފަ އެވެ. އޭނާގެ ގަންނަން ސިޓީން ވަނީ 60 މިލިއަން ޔޫރޯ ދައްކައިފަ އެވެ. ސާނޭ ބުނީ ބަޔާނަށް ބަދަލުވާން ނިންމީ ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ކަމަށާއި ޗެމްޕިއަންސް ލީގަކީ އޭނާގެ އެންމެ ބޮޑު ޓާގެޓް ކަމަށެވެ.
ސާނޭ ގެންނަން އެންމެ ބޮޑަށް ބާރު އެޅީ ބަޔާންގެ ކޯޗު ހަންސީ ފްލިކް އެވެ. ޖަރުމަނު 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި ފްލިކް ވަނީ ސާނޭއާ އެކު މަސައްކަތްކޮށްފަ އެވެ.
މިދިޔަ ސީޒަނަކީ ސާނޭ އަށް އެންމެ ރަނގަޅު އަހަރެއް ނޫނެވެ. ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ސާނޭ އަށް ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލުނެވެ. އެކަމަކު ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ސީޒަން ދިގުލައިދިއުމުން އަލުން ސިޓީ މެޗުތަކުން ސާނޭ އަށް ފުރުސަތު ލިބެން ފެށި އެވެ.
ސާނޭ ސިޓީ އަށް 2016 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ވެސް ބަޔާނާ ވާހަކަ ދެއްކި އެވެ. އެކަމަކު އޭރު އޭނާ ބޭނުންވީ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރުމަށެވެ. ސިޓީގައި ސާނޭ ވަނީ ޕްރިމިއާ ލީގު ދެ ފަހަރާއި ލީގު ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ބަޔާންގެ ޗީފް އެގްޒެކްޓިވް ކާލް ހެއިން ރުމެނިގާ ވަނީ އެ ޓީމަށް ކުޅޭ ތިއާގޯ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ތިއާގޯއާ އެކު ބަޔާނުން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ.
ކުރިން ބާސެލޯނާ އަށް ކުޅުނު އުމުރުން 29 އަހަރުގެ ތިއާގޯގެ ވިސްނުންހުރީ ރިޕޯޓްތައް ބުނާގޮތުގައި އާ ޗެލެންޖެއް ނެގުމަށް ލިވަޕޫލަށް ބަދަލުވުމަށެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މީގެ ކުރިން ވަނީ ތިއާގޯ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ތިއާގޯގެ އޭޖެންޓާ އެކު ފުރަތަމަ މަޝްވަރާތައް މިހާރު ބާއްވާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ބައްދަލުވުންތަކެއް ބާއްވާނެ އެވެ. ބަޔާނުން ތިއާގޯ ވިއްކާލަން ކިޔާ އަގަކީ 35 މިލިއަން ޔޫރޯ އެވެ. ލިވަޕޫލުން ބޭނުންވަނީ ދެ އަހަރަށް ބަހާލައިގެން އެ އަގު ދޭށެވެ. އެކަމަކު މަޝްވަރާތައް ކުރިއަށްދާ ގޮތަކުން އެއް އަހަރު ތެރޭ އެ އަގު ދައްކާގޮތަށް ތިއާގޯ ދޫކޮށްލަން ބަޔާނުން ތައްޔާރަށް ތިބި ކަމަށް ޖަރުމަނުގެ މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިއުމާ
04 July 2020
މަގޭ 03 ވަނަ ފެވަރިޓް ކްލަބްގެ ކުޅުންތެރިޔަކު މަގޭ 7 ވަނަ ކްލަބަށް ދިޔައީމަ ދެރަ.އަދި އުފާކުރަން 7 ވަނަ ކްލަބުގެ ކުޅުންތެރިޔަކު 02 ވަނަ ކްލަބް ލިވަޕޫލަށް ދާނެވާހަކަ ނޫސްތަކުން ފެނުނީމަ.
ލޯމާފާނު
04 July 2020
މީނަގެ ކްލަބްތައް މުޅި ދުނިޔޭގަ.ވަރުގަދަ ފޭނެއް.ފިލްމް ކުޅުން ހުއްޓާލާފަ ފުޓްބޯޅައަށް ހުސްވީތަ؟
ރަދީފްްއޮފިޝިއަލް
04 July 2020
ސޮރީ ނުބައި އެކައުންޓަކުން ލޮގިން ވެގެން ކޮމެންޓް ކޮށްލެވުނީ.. ހެހެހެ