ޕްރަބާސް އަދި ރިތިކް.
08 ޖުލައި 2020 - 08:28
އިންޑިއާގެ އެންމެ ވަރުގަދަ ތަރިންގެ ތެރޭގައި ހިމެނޭ ރިތިކް ރޯޝަނާއި ޕްރަބާސް އެކީގައި ފިލްމަކުން ފެންނަން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ދެ ތަރީން އެކީގައި ފެންނާނެ ފިލްމަކީ އޯމް ރައުތު ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި އަޖޭ ދޭގްވަންގެ ކާމިޔާބު ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އޯމްގެ ފިލްމަށް ކުރިން ވެސް ރިތިކް ފެހި ސިގްނަލް ދީފައިވާ އިރު، ޕްރަބާސް ވެސް ވަނީ ފިލްމަށް އެއްބަސްވާނެކަމުގެ އިޝާރާތެއް ދީފަ އެވެ. އެހެންވެ ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބުންޏެވެ.
ޕްރަބާސް އަކީ "ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި، އިންޑިއާގެ ތެލެގޫ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ތަރި އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރާ އެކު މިދިޔަ އަހަރު ގެނެސްދިން "ސާހޯ" އެވެ. ޕްރަބާސްގެ ކުރިއަށް އޮތް ފިލްމަކީ "ޖާން" އެވެ.
ރިތިކާ ވަރަށް ގާތް އެކުވެރިކަމެއް އޮންނަ އޯމް ކުރިން ވެސް ބުނެފައިވާ ގޮތުގައި އެ ދެ މީހުން އެކީގައި މަސައްކަތްކުރަން ވާހަކަ ދެކެވެމުން ގޮސްފައިވެ އެވެ.
ދާދި ފަހުން އޯމް ވަނީ ޒުވާން އެކްޓަރު ކާތިކް އާރިޔަނާ އެކު އެކްޝަން ފިލްމެއް ގެނެސްދޭން ނިންމިކަން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އެ ފިލްމު ފަހަށް ބާއްވާފައި އޯމް ފުރަތަމަ މަސައްކަތް ފަށާނެ ފިލްމަކީ ރިތިކާއި ޕްރަބާސްއާ އެކު ހަދާ ފިލްމެވެ.
ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ވޯ" އެވެ. އެ ފިލްމަށް ފަހު، އޭނާ ދެން ކުޅޭނެ ފިލްމެއް މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy