މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރު ޒަހީނާ ރަޝީދު އަލް ޖަޒީރާ އަށް ވާހަކަދައްކަނީ: އޭނާ މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައި.
25 އޮކްޓޯބަރ 2016 - 09:03
ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑަށް ރާއްޖޭގެ މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން) ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ނޮމިނޭޓް ވެއްޖެ އެވެ.
ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ދޭ އެވޯޑަށް ދުނިޔޭގެ ނުވަ ގައުމެއްގެ 22 ފަރާތެއްގެ ނަން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ނުވަ ނޫސްވެރިއަކާއި ހަތް މީޑިއާއެއްގެ އިތުރުން، އަމިއްލަ ގޮތުން ނޫސްވެރިކަމުގެ މަސައްކަތް ކުރާ ހަ ފަރާތެއް ހިމެނެ އެވެ.
އެ ޖަމިއްޔާ އިން އަމިއްލަ އަށް ހުށަހަޅާ މި ނަންތައް ހޮވުމުގައި ބަލަނީ ނޫސްވެރިކަން ކޮށްގެން އަނިޔާ އާއި ބިރުވެރިކަމާއި އެ ނޫން ވެސް އެފަދަ ނޭއްގާނީ ކަންކަމާ ކުރިމަތިވެފައިވާ ފަރާތްތަކަށެވެ.
އާރުއެސްއެފުން އާއްމުކުރި ޒަހީނާގެ ވަނަވަރުގައި ބުނާ ގޮތުން އޭނާ ވަނީ ފުރާނަ އަށާއި އޭނާގެ އެޑިޓަރު ކަމުގެ ދަށުން ހިންގާ ނޫހަށް ކުރިމަތިވި ހަމަލާތަކާއި ގޮންޖެހުންތަކަށް ބެލުމެއް ނެތި، ހިތްވަރާ އެކު ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ލިޔެފަ އެވެ. އެ ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ އަހުމަދު ރިލްވާން "ވަގަށް ނެގުމުން" ވެސް މަސައްކަތް ހުއްޓާ ނުލާ ކަމަށާއި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ވެސް އުޅޭ ރާއްޖޭގައި އެފަދަ މައްސަލަތަކާ ބެހޭ ގޮތުން ވެސް ޒަހީނާ ރިޕޯޓު ކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފަ އެވެ.
ރިލްވާންގެ މައްސަލަައިގައި ހިންގާ ތަހުގީގާ މެދު ވެސް ކެރިގެން ސުވާލު އުފައްދައި، ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ހޯދަން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި އޭނާ ހިމެނޭ ކަމަށް ވެސް އާރުއެސްއެފުން ބުންޏެވެ.
މިއީ މި އެވޯޑު ދޭ 25 ވަނަ އަހަރެވެ. ފްރާންސްގެ އެންމެ ބޮޑު ޓީވީ ނެޓްވޯކު ކަމަށްވާ ޓީވީ5މޮންޑޭއާ ގުޅިގެން އިންތިޒާމު ކުރާ މި އެވޯޑު ދޭން ބާއްވާ ހަފުލާ އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ފްރާންސްގެ ސްޓްރެސްބާގުގަ އެވެ. އެ ހަފުލާގައި އެންމެ ރަނގަޅު ނޫސްވެރިއެއްގެ އިތުރުން، މީޑިއާއަކަށާއި އަމިއްލަ ގޮތުން ނޫސްވެރިކަން ކުރާ ފަރާތެއް ވެސް ހޮވާނެ އެވެ.
ޒަހީނާ މިހާރު ދިރިއުޅުއްވަނީ އަމިއްލަ ގޮތުން އަރުވާލެއްވިގެން އިނގިރޭސިވިލާތުގަ އެވެ. މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ރާއްޖެ ދޫކޮށް ވަޑައިގަތީ، ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ތަހުގީގީ ޑޮކިއުމެންޓްރީ އަށް މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީފައި ވަނިކޮށް، އެކަން ކުރި އެންމެންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ދިނުމުންނެވެ.
އަލް ޖަޒީރާގެ ޑޮކިއުމެންޓްރީ ދެއްކި ދުވަހު، ފުލުހުން ވަނީ މޯލްޑިވްސް އިންޑިޕެންޑެންޓް ހުންނަ އިމާރާތަށް ވަދެ، ބަލައި ފާސްކޮށްފަ އެވެ. ސަރުކާރު ވައްޓާލަން ރާވާ ކަމަށް ބުނެ އެ ތަން ބަލައި ފާސްކުރިޔަސް، އެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް އެ ތަނުން ފެނިފައި ނުވާ ކަމަށް ފުލުހުން ވަނީ ފަހުން ބުނެފަ އެވެ.
އޭގެ އިތުރުން ވެސް، މޯލްޑިވްސް އިންޑިޕެންޑެންޓަށާއި އެ ނޫހުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އެކި ފަހަރު މަތިން ވަނީ އިންޒާރުތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން، ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ދީ، އެ ނޫހުގެ އޮފީހުގެ ދޮރަށް ކަތިވަޅިއެއް ޖެހުމުގެ އިތުރަށް، ނޫސްވެރިޔާ ގެއްލުނު މައްސަލަ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
26 October 2016
އެވޯޑް ހައްޤު ޒުވާނެއް، މީނާއަކީ ވަރަށް ހިއްވަރުގަދަ ނޫސްވެރިއެއް، އަހަރެން ވަރަށް ތާއިދުކުރާ ޒުވާނެއް، ވަރަށްކެރޭ އަދި ދިވެހި ޤައުމަށް ނުއުފެދޭވަރުގެ ޒުވާނެއް، އަދި ނޫސްވެރިކަން ކުރައްވަނީވެސް ދިރާސާގެ މައްޗަށް ބިނާކޮށް ހަގީގަތާއި ހެކިތަކާއި އެކުގައި، އަދި ފްރަންޓްލައިންގައި، މަރުހަބާ
ޢަހުމަދު
25 October 2016
ކަމަނާޔައްވެސް ފެންނަނީ މައްސަލައިގެ ރީނދޫ ފަރާތް އެކަނި. މި އެވޯރޑް ހައްގުކަމަކައް ގަބޫލެއްނުކުރެވޭ.
ދޮންމަނިކު
25 October 2016
ޒަހީނާ އަށް މަރުހަބާ! ހަމަ ގައިމުވެސް އިނާމަށް ހައްގު ފަރާތެއް. އެކަމަކު ކުޑަ ސުވާލެއް. ނޫސް ވެރިކަމުގެ މިނިވަން ކަމުގެ ބައިނަލް އަގުވާމީ އިނާމަށް ހުށަހެޅެން ޖެހެނީ ހަމަ އެކަނި އިގިރޭސި ބަހުން ލިޔުމުންތޯ. ނޭގޭތީ ހަމަ އަހާލީ.
އެނޮން
25 October 2016
ހަގީގީ ނޫސްވެރިއެއް އަދި ރާއްޖެއިން މި އެވޯޑަށް އެންމެ ހައްގު ފަރާތް. މަރުހަބާ.
ޖައިސަމް
25 October 2016
މިކަހަލަ ދަރިން ރާއްޖޭގަ ގިނަ ނަމަ ކޮރަޕްޝަން ހިންގަން މިއަށްވުރެ ހަމަ ގައިމުވެސް އުނދަގޫ ވާނެ (:
މޯރޗް
25 October 2016
މަރުހަބާ ޒަހީނާ!!!
ރަދީފް
25 October 2016
މަރުހަބާ ޒަހީނާ. ޗެނަލް13 ގެ ބޭފުޅަކު ނުހިމެނޭތަ ނިމިނޭޝަންގަ؟؟! ލޮލް
މުހަންމަދު
25 October 2016
މަރުޙަބާ!
ހާރޫން
25 October 2016
އަދިވެސް ޖެހިލުންވާ ނޫސްވރިން އުޅޭކަން ފާހަނގަކުރެވޭ. ބިރުން ތިބެ މިކަން ކުރެވޭކަށް ނެތް
ކކ
25 October 2016
މަރުހަބާ!