ޚަބަރު / އެމްޖޭއޭ

ނޫސްވެރިންގެ ޖަމިއްޔާގެ ރައީސަކަށް ހަމްދޫން، ނައިބު ރައީސަކަށް ރިފްޝާން ހޮވައިފި

މޯލްޑިވްސް ޖޯނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސް ރިފްޝާން (ކ) އާއި ރައީސް ހަމްދޫން.

05 ސެޕްޓެމްބަރ 2020 - 19:05

3 comments

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސަކަށް، "މިހާރު"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫން އަދި ނައިބު ރައީސަކަށް "ވަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން މިއަދު ހޮވައިފި އެވެ.

ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މީގެ 11 އަހަރުކުރިން އުފެއްދި ޖަމިއްޔާގެ ހަރަކާތްތައް އަލުން ފެށުމަށް ޓަކައި މިއަދު ވަނީ، ހާއްސަގޮތުން ކުރާ އާއްމު ޖަލްސާ ބާއްވައިފަ އެވެ. އޮންލައިންކޮށް ބޭއްވި ޖަލްސާގައި 130 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވި އެވެ. ބައްދަލުވުން ކުރިއަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ކަމަށް ވިއަސް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޓެލެގްރާމް މެދުވެރިކޮށްގެންނެވެ.

ހިންގާ ކޮމިޓީގެ ރައީސަކަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ މެމްބަރު ހަމްދޫން އަދި ނައިބު ރައީސަކަށް ރިފްޝާންގެ ހޮވުނުއިރު ހިންގާ ސެކްރެޓަރީއަކަށް، ހޮވުނީ "ސަން" އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފެވެ. ބަޖެޓު ސެކްރެޓަރީއަކަށް އުއްމީދީ ނޫސްވެރިޔާގެ މަގާމާއި ކޯޓު ކަވަރުކުރުމުގެ ކެޓަގަރީން އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ހޯދާފައިވާ "ޖަޒީރާ" އޮންލައިންގެ ނާޒިމް ހަސަން ހޮވުނުއިރު އާއްމު މެމްބަރުންގެ ގޮތުގައި ހޮވުނީ ފްރީލާންސް ޖާނަލިސްޓް މުހައްމަދު ޖުނެއިދު އަދި "ސީއެންއެމް"ގެ ނޫސްވެރިޔާ ފާތިމަތު ސާޔާ އަހުމަދެވެ.

އާއްމު ދެ މެމްބަރުން ފިޔަވައި އެހެން މަގާމުތަކަށް ކުރިމަތިލި މެމްބަރުންނަށް ވޯޓަށް އަހާފައިވަނީ އެއްކޮށެވެ. އާއްމު މެމްބަރުންނަށް، ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ދިވެހި ޗެނަލްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދާއި "ވަގުތު" އޮންލައިންގެ އާދަމް ނަވާޒު ވެސް ކުރިމަތިލި އެވެ. އެ ހުރިހާ މެމްބަރުންނަށް، ވަކިވަކިން ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ.

ހަމްދޫނަށް 66 ވޯޓު ލިބުނުއިރު އޭނާއާ ވާދަކުރި، "ދުވަސް"ގެ އެޑިޓަރު އަދި އެމްއެމްސީގެ މެމްބަރު އަޒްމީ އަލީ އަށް ލިބިފައިވަނީ 59 ވޯޓެވެ. ނައިބު ރައީސްކަމަށް ހޮވުނު ރިފްޝާނަށް 65 ވޯޓު ލިބުނުއިރު އޭނާއާ ވާދަކުރި "ވޮއިސް"ގެ ސީއޯއޯ އަހުމަދު ޝައުޒަމަށް 63 ވޯޓު ލިބިފައި ވެ އެވެ.

ޖެނެރަލް ސެކްރެޓަރީކަމަށް ހޮވުނު ނާއިފަށް 64 ވޯޓު ލިބުނު އިރު އޭނާއާ ވާދަކުރި "ދަ ޕްރެސް"ގެ ނިމާ ހަސަނަށް ލިބިފައި ވަނީ 60 ވޯޓެވެ. ބަޖެޓު ސެކްރެޓަރީއަކަށް ނާޒިމަށް ހޮވިފައިވަނީ 73 ވޯޓުންނެވެ. އޭނާއާ ވާދަކުރި "ވަގުތު"ގެ ސީނިއާ ޖާނަލިސްޓް ނަޒާހަތު ރަޝީދަށް ލިބިފައި ވަނީ 54 ވޯޓެވެ.

ހަމްދޫން ބުނިގޮތުގައި އެމްޖޭއޭ ހުއްޓި، ނޫސްވެރިންގެ ޖަމިއްޔާއެއް ނެތި އެތައް ދުވަހެއް ވެފައި އޮއްވައި ޖަމިއްޔާ އަލުން ހިނގައިގަތުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އާ ކޮމިޓީގެ ފުރަތަމަ މަސައްކަތަކީ އަސާސީ ގަވައިދު އިސްލާހުކޮށް ޖަމިއްޔާ ހިންގުން ރިފޯމްކުރުން ކަމަށް އޭނާ ބުންޏެވެ.

"އެއަށްފަހު ނޫސްވެރިންގެ ތަރައްގީކުރުމަށް ކުރާ މަސައްކަތާއި ނޫސްވެރިކަމުގެ އެތިކްސް ހިފެހެއްޓުމުގެ މަސައްކަތް ކުރާނަން. ބޭނުންވަނީ ބަޔާން ނެރޭ ޖަމިއްޔާއެއްގެ ބަދަލުގައި ނޫސްވެރިންގެ ކަންކަމުގައި ޕްރޯއެކްޓިވްކޮށް މަސައްކަތްކުރުން،" ނޫސްވެރިކަމުގައި 12 އަހަރު ހޭދަކޮށްފައިވާ ހަމްދޫން ބުންޏެވެ.

"ރާއްޖެ" ނޫހުން 2008 ވަނަ އަހަރު ނޫސްވެރިކަން ފަށައި 2009 އިން 2016 އަށް "ހަވީރު" ގައި މަސައްކަތްކުރި ހަމްދޫން "މިހާރު" އާ ގުޅުނީ 2016 ގަ އެވެ. ހަމްދޫން ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ނޫސްވެރިކަމާއި މީޑިއާ ކޮމިއުނިކޭޝަންސްގެ ދާއިރާ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވަ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން 2016-2018 އަށް ހަމްދޫން ވަނީ އެ ކައުންސިލުން ހޮވާ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމް 2014 ގައި އަދި އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމާއި އެންމެ މޮޅު ފީޗާ ލިޔުންތެރިޔާގެ މަގާމް 2018 ގައި ހޯދާފަ އެވެ.

3 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

06 September 2020

މަރުހަބާ ހަމްދޫން.

The name is already taken The name is available. Register?

އަލްފާޒް އަހްމަދު

06 September 2020

އެއްވެސް އިތުބާޜެއް ނެތް. އަނެއްކާ ތިޔަ ހޮވުނު މީހުންގެ ތެރޭގަ ހަމްދޫން ފިޔަވައި ދެން ތިބީ ހުސް އާ މީހުން. ހަމްދޫން ކަހަލަ ނެގި މަޑު ކުއްޖަކު ހަމަ ބަޔާން ނެރޭހާ ވާނީ. އެނޫން އެއްވެސް ކަމެއް ނުކުރެވޭނެ. ނޫސްވެރިންގެ ބިންގާ ރަނަގަޅު ކުރެވިގެން ނޫނީ ރާއްޖޭގައި މިކަން ރަނަގަޅު ކުރެވޭނެ އެއްވެސް ގޮތެއް ނެތް. މިހާރު ތިބީ ހުސް ފަޑުއްކަ. ނޫސް ބަލާ މީހަކު ނެތް. އެންމެން ސޯޝަލް މީޑީއާގައި

The name is already taken The name is available. Register?

މަގެރާއްޖެ

05 September 2020

މި ރާއްޖޭ ނޫސްވެެރިކަމަކީ ސޯޝަލް މީޑިޔާ ފޮލާ. ސިޔާސީ ފިކުރުތަކުން އެއްކިބާވެ އަމިއްލައަށް ކަންކަން ދިރާސާކޮށް، ކަަންކަން ހޯދާ ބަލާ، ރައްޔިތުންނަށް ހަގީގަތް ފޯރުކޮށްދޭން މަސައްކަތް ކުރާ ނޫސްވެރިން ވަރަށް މަދު. ޑިމޮކްރަސީގެ 4 ވަނަ ބާރު މިހާ ނިކަމެތިކޮށް އޮތުމަކީ ހިތާމަކުރަންޖެހޭ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454