18 ސެޕްޓެމްބަރ 2020 - 14:39
މިއީ ސުޕްރީމް ކޯޓުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މައްސަލަ ތާވަލްކޮށް އަދި މައްސަލަތުގައި އެންމެ ގިނަ ހުކުމް ކުރި އަހަރު ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ މަޝްވަރާ އާއި އެއްބާރުލުމާ އެކު އަލަށް ފަށައިގަތް މަސައްކަތްތަކުގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށެވެ.
މިދިޔަ 12 އަހަރުގެ ތަފާސް ހިސާބަށް އިޝާރާތްކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރަކީ ކޯޓުގެ ތާރީހުގައި އެންމެ ގިނަ މައްސަލަތައް ތާވަލްކޮށް އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރު ކަމަށެވެ. އަދި އެންމެ ގިނަ މައްސަލަތައް ނިންމީ ވެސް މި އަހަރު ކަމަށް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މިދިޔަ 11 އަހަރު ސުޕްރީމް ކޯޓުން ނިންމި މައްސަލަތަކުގެ އެވްރެޖަކީ 24 އެވެ. އެކަމަކު މި ނިމުނު 12 ވަނަ އަހަރު 49 މައްސަލައެއްގައި ހުކުމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި މުއްދަތުގައި 13 މައްސަލައެއް ކޯޓަށް ބަލައިގަތުމާ މެދު ގޮތް ނިންމައި އިޖުރާއީ ގޮތުން ފަސް މައްސަލައެއް ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 އިން މި އަހަރުގެ ސެޕްޓެމްބަރު 18 އަށް 251 އަޑުއެހުން ސުޕްރީމް ކޯޓުގައި ބާއްވާފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
"މިއީ ކުރީ އަހަރުތަކުގެ އެވްރެޖާ އަޅާބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކުރަން،" މިއީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ލިބިފައިވާ މަދު ވަސީލަތްތަކާ އެކު ވެސް އެންމެ ފުރިހަމަ ގޮތުގައި މި މަސައްކަތްކުރުން މަތީ ދެމިތިބުން. އަދި އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާކުރުން،"
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ސުޕްރީމް ކޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ވީޑިއޯ ހިތާބުން ނަގާފައިވާ ސްކްރީޝޮޓެއް
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަށް 12 އަހަރު ފުރުން ފާހަގަކުރަނީ ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ ހެޔޮ ތަޖުރިބާއާ އެކުގައި ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ހާމަކުރަން ފެށުމާއި ޖޫން މަހުގެ ދެ ވަނަ ދުވަހު ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ވަގުތުން ދައްކަން ފެށުމަށެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ޝަރީއަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ލައިވްކޮށްގެން ކަމަށް ވާއިރު ކުރިއަށް އޮތް ތަނުގައި ޝަރީއަތުގެ މާލަމުގައި ހިންގާ ޝަރީއަތްތައް ވެސް އެގޮތަށް ލައިވްކޮށް ކުރިއަށް ގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށް އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި މުއުތަސިމް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއަތްތައް ފަސޭހަކޮށްދިނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
"އަޅުގަނޑުގެމެންގެ އަމާޒަކީ ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓަކީ ފަސޭހަކާ އެކު އަދުލުއިންސާފަށް ވާސިލްވެވޭނޭ މަގު ފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިތިބުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރު އައި އިރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މިހާރު ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ. ކުރިން ތިއްބެވި ފަނޑިޔާރުންނަށް ކުރެވުނު ސީރިއަސް ތުހުމަތުތަކާ އެކު މަގާމުން ވަކިކޮށް މިހާރު ތިއްބެވި ހަތް ފަނޑިޔާރުންނަކީ ވެސް މި ސަރުކާރުން އައްޔަންކުރެއްވި ބޭފުޅުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް އައްޔަންކުރީ މި މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެހެނާޒު
20 September 2020
އިސްޕްރީމް ކޯޓު ލިބިއްޖެ މަޖިލީސް ލިބިއްޖެ ސަރުކާރު ލިބިއްޖެ 2 އަހަރު ވީއިރިވެސް ރައްޔިތުންނަށް ޚިދުމަތްކުރަން އުޅޭކަށް ނޭނގުނު ބަރުލަމާނީ ކަލޭގެ އުޅެނީ އޮތްގޮށް ކަމުނުގޮސްގެން ބަދަލް ކުރުމުގަ އަވަދި ނެތި
ޓިނު
20 September 2020
ރައްޔިޔުން ބޭނުންވާނީ ނުނިމި ހުރީ ކިތައް މަސައްލަތޯ ބަލަން . މައްސަލަ ނިންމަން ރައްޔިތުން މުސާރަދެނީ ؟
12134
20 September 2020
7 މީހުންނަށް މީހަކަށް 7 . އަހަރަކަށް ތީވަރަށްބޮޑުވަރު
އާ ކުކުޅުގެ ގާ ބިސް
19 September 2020
ކުކުޅު އެއްމެ ބިހެއް އަޅާފައި ގޮވާ އަޑުން ހީވާނީ އެހެން ކަމެއް ހެނެވެ. އެކަމަކު ވެލާ 200 ބިސް އަޅާފައި " ކުކުރާ ވެސް" ނުލާނެ އެވެ. އެހެންނާ ފަހެ އަހަރެއްގެ ތެރޭގައި5 ފަނޑިޔާރުން ހަމައެކަނި ޝަރީއަތް ކުރަން ތިބެގެން 45 ފަސް މައްސަލަ ނިންމާފައި ނޫސްތަކުގެ ހެޑިންގ ފުރާލާ އިރު ދަށުކޯޓް ތަކުގެ އެއްމެ ޤާޒީ އަކު މަހަކު ވެސް 45 ނިންމަވާ ކަމެއް ނޭގޭ ތީއެވެ؟
މަގޭ ބުއްދި
19 September 2020
ސުޕްރީމް ކޯޓް އަކީ އަދުލު އިންސާފު ޤާއިމު ކުރުމުގެ އެއްމެ އިސް ފަރާތޭ ކިޔައެވެ. އެހެން ކަމަށް ވާނަ ސުޕްރީމް ކޯޓުން 45 މައްސަލަ (ފަނޑިޔާރަކަށް 5 މައްސަލަ) ނިންމެވުމަކުން ނުފުދެއެވެ. ސަރުއީ ނިޒާމު ހިގަން ވެސް ޖެހެއެވެ. އުއްތަމަ ފަނޑިޔާރިގެ ޒިންމާ އަދާ ކުރައްވާން ޖެހެއެވެ. ޝަރުއީ ނިޒާމުގެ މައްޗަށް އޮންނަ "ބެލެނި ވެރިކަން" އަދާކުރަން ޖެހެއެވެ.
ޒިމްމާ ނުނެގޭ
19 September 2020
ތި އުއްތަމަ ފަނޑިޔާރު ދެއްކި ވާހަކައަށް މާބޮޑު ތަރުހީބެއް ނެތްކަން ކޮމެންޓް ތަކުން ނައި ލައިކް ތަކުން ވަރަށް ސާފެވެ.
އަނގަ ފޫޅު
18 September 2020
ކޮންތާކުތަ ސުޕްރީމް ކޯޓް ހުރީ؟ ނުދެނަ ހުރީ މެވެ.
ސުވާލެއް
18 September 2020
ފަނޑިޔާރުނަށް "ސިޔާސީ އަނިޔާ" އެެއްމެ ބޮޑަށް ލިބެނީ ކޮން ބޭފުޅަކުގެ އުއްތަމަ ފަނޑިޔާރު ކަމުގައި ތޯއެވެ؟
ރައްޔިތެއް
19 September 2020
ދެން އަންނަ ސަރުލާރަކުން މިހާރު ވެސް ވިސްނަނީ އެމީހުން ވެރިކަމަށް އަރާފައި މި ވެރިކަމުގައި ޢައްޔަން ކުރި ފަނޑިޔާރިނަށް ހަދާނެ ގޮތަކާ މެދުގައެވެ.މިއީ ނިމުމެއް އޮތް ކަމެއް ނޫނެވެ.
އަހުމަދު މު ހައްމަދު
18 September 2020
ރަނގަޅަށް މަސައްކަތް ކުރެވޭ ނަ މަ ނުނި މި 1 އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލައެއް އޮވެގެން ނުވާނެ.
އައިޑު7
18 September 2020
ކުރީގައި ތިބި ފަނޑިޔާރުން އެތައް އަހަރެއް ވާންދެން މައްސަލަތައް ނުބަލާ ނާޗަރަނގީ ކުޅުނީމަތާ ސުޕްރީމް ކޯޓަކަށް ތިހާ މައްސަލަ ގިނަވެގެންވެސް ތިޔަ އުޅެނީ
ފުލުން ދާ
19 September 2020
މަހަކު ހަތްދިހަ ހާސް މުސާރަ ދީފައި ކާރު ކޮޅު ދީފައި އާސިޔާން ޤައިމު ތަކުން ( އަނބި ދަރިންނާއެކު) ބޭސްފަރުވާ ދީފައި ތިބޭ ބަޔަކު 12 މަސް ދުވަހު ތެރޭ 45 މައްސަލަ 5 މީހުން ވެގެން ނިންމެވުމަކީ ފަޚްރުވެރި ވާން ޖެހޭ ކަމެއް ބާއެވެ. ކޯޓަށް 12 އަހަރު ފުރުނު އިރު 40 މައްސަލަ އޮތީ ވެސް ކުރިން ތިބި ފަނޑިޔާރުން ގިނަ މަދަދަކަށް މައްސަލަ ނިންމެވީ މާކަން މިހާރު އެގިއްޖެއެވެ.
އެހާރު މިހާރު
18 September 2020
ސުޕްރީމް ކޯޓް އެއްމެ އެފިޝެއިންޓް ކޮށް ހިނގީ އިންތިޤާލީ މަރުހަލާގައެވެ. އަސްލު ސުޕްރީމް ކޯޓް ބިނާ ކުރީ އެމަރުހަލާ ގައެވެ. ވަރަށް ފެންވަރު ރަގަޅު ހުކުމް ތަކެއް ކުރިއެވެ. މިނިވަން ޖުޑީޝަރީ އަކަށް މިސްރާބު ޖެހި އެވެ. އެކަމަކު އިންތިޤާލީ މަރުހަލާ އަށް ފަހު ކޯޓް ސިޔާސީވެ، ފެކްޝަން އުފެދި އަދި ސިޔާސީ ލީޑަރުން ނާއި ކޯޓްގެ އިސް ފަނޑިޔާރުން ޑައިރެކްޓް ކޮންޓެކްޓް ވާން ފެށުމުން ސުޕްރީމް ކޯޓްގެ ކަރާމާތް ގެއްލި އިތުބާރު ޖުޑީޝަރީއަށް ގެއްލުނީ އެވެ.