ޕީއެސްޖީގެ މިޑްފީލްޑަރު ޑި މާރިއާ.-- ފޮޓޯ: އޭއެފްޕީ
24 ސެޕްޓެމްބަރ 2020 - 09:28
ޕެރިސް (ސެޕްޓެމްބަރު 24) - މާސޭގެ ކުޅުންތެރިއަކު ގަޔަށް ޕީއެސްޖީގެ އާޖެންޓީނާ މިޑްފީލްޑަރު އެންހެލް ޑި މާރިއާ ކުޅު ޖަހާފައިވާތީ އޭނާ ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.
މި މަހު 14 ވަނަ ދުވަހު ފްރެންޗް ލީގުގައި މާސޭ އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގެ ފަހު ވަގުތު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ފަސް ރަތް ކާޑު ދެއްކި އެވެ. އެއީ ޕީއެސްޖީގެ ނޭމާގެ އިތުރުން އެ ޓީމުގެ ލެއަންޑްރޯ ޕަރޭޑޭސް އާއި ލަވިން ކުރްޒާވާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ނޭމާ އާއި ޕަރޭޑޭސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިއިރު، ކުރްޒާވާ ވަނީ ހަ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
އެ މެޗުގެ ތެރެއިން ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒާއި ޑި މާރިއާއާ ދެމެދު ވެސް މައްސަލަ ޖެހުނެވެ. އެ ވަގުތު ޑި މާރިއާ ވަނީ ގޮންޒާލޭޒް ގަޔަށް ކުޅެން ޖަހައިފަ އެވެ. އެ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ޑި މާރިއާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
ޑި މާރިއާ އަށް ދިން ސަސްޕެންޝަނަށް އަމަލުކުރަން ފަށަނީ މި މަހު 28 އިން ފެށިގެންނެވެ. އެހެންވެ އާދިއްތަ ދުވަހު ރެއިމްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޑި މާރިއާ އަށް ކުޅެވޭނެ އެވެ. އޭނާ ކުޅުމަށް އެނބުރި އަންނާނީ ނޮވެމްބަރު އަށް ވަނަ ދުވަހު ރެނެސްއާ ކުޅޭ މެޗުގަ އެވެ. ޑި މާރިއާ އަށް ގެއްލޭނެ މެޗުތަކަކީ އެންޖާސް، ނީމްސް، ޑިޖޯން އަދި ނޯންޓްސްއާ ކުޅޭ މެޗެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2015 ވަނަ އަހަރު 44 މިލިއަން ޕައުންޑްގެ ފީ އަކަށް ޕީއެސްޖީ އަށް ބަދަލުވި ޑި މާރިއާ އަކީ މިދިޔަ އަހަރުތަކުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއް ކުޅެފައިވާ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
ގޮންޒާލޭޒް ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ވެސް ޑިސިޕްލިނަރީ ކޮމިޓީން ބަލަމުން އަންނައިރު، އެ މައްސަލައިގެ ގޮތެއް ކަނޑައަޅަން ނިންމާފައިވަނީ މި މަހު 30 ވަނަ ދުވަހު އެވެ. ޕީއެސްޖީ މެޗުގައި މާސޭ އިން ރަތް ކާޑު ދެއްކީ ޑާރިއޯ ބެނެޑޭޓޯ އާއި ޖޯޑަން އަމާވީ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
24 September 2020
ކުޅުޖެހުން އެއީ އިންސާނުން ކުރުން ހެޔޮވާނެ ފަދަ އަމަލެއް ނޫން.ކުޅު ޖެހި މީހަކަށް ލިބުނު ގެއްލުމުގެ ވާހަކަ ވަރަށް ރަނގަޅަށް ކީރިތި ރަސޫލާގެ ސީރަތުން އަޑުއިވޭނެ.ރޯދަމަހު މިވާހަކަ އަޑުއިވޭ ވަރަށް ގިނައިން.
ބަރާބަރު
24 September 2020
ސަޅި. އަވަހަށް ޑިމާރިއާ އަށް ދުރޫސުލް އަހުލާގު މިހާރު ނޫސް މެދުވެރިކޮށް ފޮނުވާ...