ފިނޮޅަކަށް ދަތުރު ދިޔަ ބަޔަކު ދޫކޮށްލާފައި ދިޔަ ކުނިތަކެއް: މިއީ މިހާރު އާއްމު ކަމެއް-- ފޮޓޯ: ޓްވިޓާ
26 ސެޕްޓެމްބަރ 2020 - 14:28
މަންޒަރުތަކަށް ބަލާއިރު އެ ފިނޮޅުގައި ވަރަށް މަޖާ ނެގިކަން އެނގެ އެވެ. ޓެންޓު ޖަހައި، ބާބަކިއު ހަދައި އުޅުނުކަން ފޮޓޯތަކުން ފެނެ އެވެ. އެކަމަކު އިރު އޮއްސުމާ އެކު، ދަތުރު ކުރުކޮށްލާފައި އެނބުރި ރަށަށް ދިޔައީ، ޖެހި ހުރިހާ ސަކަރާތަކާ އެކު، ކުނިތައް ފިނޮޅަށް ދޫކޮށްލައިފަ އެވެ.
އާންމު މީހަކު ވަނީ ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ހުވަފެންފުށި ރިސޯޓާ ތިން ކިލޯމީޓަރު ދުރުގައި އޮންނަ އެ ފިނޮޅަށް ދަތުރު ދިޔަ ބަޔަކު އެ ރީތި ވެލިގަނޑު "ކުނިބުންޏަށް" ހަދާލި ފޮޓޯތައް އާއްމުކުރަމުން އޭނާ ބުނީ "މިއީ ގިނަ ދިވެހިންގެ އާދަ" ކަމަށެވެ. ޕްލާސްޓިކް ފުޅި އާއި ތައްޓާއި ކޮތަޅުން ތަން ހަޑިކޮށްލާއިރު ޒިންމާއެއް އޮތް ކަމަށް ގިނަ މީހުން ނުދެކޭ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.
"ވެމްކޯ މީހުން އެތަކެތި ނަގާނެ ކަމަށް ހީކުރަނީ ކަންނޭނގެ،" ޓްވިޓާގައި އޭނާ ލިޔުނެވެ.
"ނޫނީ އަމިއްލައަށް އެތަކެތި ގެއްލޭނެ ކަމަށް ހީކުރަނީ ކަމަށް ވެދާނެ."
ފިނޮޅަކަށް ދަތުރު ދިޔަ މީހުން ޖެހި ޓެންޓް ވެސް ހަލާކުވާން ދޫކޮށްލާފައި - ފޮޓޯ: ޓްވިޓާ
މި ފޮޓޯތަކާ އެކު ސޯޝަލް މީޑިއާ އިތުރަށް ހާވާލުމުން، އަހަރެމެންގެ މި ނުބައި އާދަ ތަމްސީލުކޮށްދޭ އެހެން ފޮޓޯތައް ވެސް ފެނުނެވެ. ދެތިިން ލޯންޗު ފުރައި، ފިނޮޅުތަކަށް މީހުން ގޮސް މަޖާ ނަގާފައި އެނބުރި ދަނީ ހުރިހާ ކުނިތަކެއް ދޫކޮށްލައިފަ އެވެ. ފިނޮޅުގައި ޖެހި ޓެންޓުތަކާއި ބާބެކިއު ގްރިލްތަކާއި ކެއުމަށް ބޭނުންކުރި ޕްލާސްޓިކް ތަށިތަކެވެ.
ފިނޮޅުތަކަށް ދަތުރު ދާ މީހުންގެ ނަޒަރުގައި، ރިސޯޓުތައް ކައިރީގައި އޮންނަ އެފަދަ ތަންތަނަށް އަޅާ ކުނިތައް ނަގައި ސާފުކުރާނީ ރިސޯޓުގެ މުވައްޒަފުންނެވެ. އެކަމަކު އެއީ އެ މުވައްޒަފުންގެ ޒިންމާއެއް ނޫނެވެ. ރިސޯޓުތަކުން ނުވަތަ ގެސްޓްހައުސް ހިންގާ މީހުން ފިނޮޅުތައް ސާފުކުރަނީ އެ މީހުންގެ ޓޫރިސްޓުން އެތަނަށް ގެންދާތީ އެވެ. ކުނިން ފުރިފައި އޮންނަ ތަނަކަށް ގެންގޮސް، ރާއްޖެއާ މެދު ޓޫރިސްޓުންގެ ހިޔާލު ބަދަލުވެދާނެ މަންޒަރުތައް ފެންނަން ބޭނުންނުވަނީ އެވެ.
Last friday we saw a group of locals on a sandbank with makeshift tents. There were abt 3-4 boats. This is how it looks today. Why can’t they take the trash back with them ? pic.twitter.com/eKDodqY15F
— Hammi (@hammih) April 13, 2020
އއ. ރަސްދޫގެ ގެސްޓްހައުސް ހިންގާ މީހަކު ބުނީ ޓޫރިސްޓުން ފިނޮޅަކަށް ގެންދިޔުމުގެ ކުރިން، ތަނުގެ ސްޓާފުން އެތަނަށް ގޮސް ސާފުކުރެ އެވެ. އޭނާ ވެސް ބުނިގޮތުގައި ސްޓާފުން ގިނައިން ނަގަން ޖެހެނީ އާއްމުން ދަތުރު ގޮސް، ދޫކޮށްލާ ކުނިބުންޏެވެ.
"ހަމަ އަސްލު ވެސް ބައެއް މީހުންނަށް ހީވަނީ ދަތުރު ގޮސް، ކުނިތައް ފިނޮޅަށް ދޫކޮށްލުމުން އެ މީހުންގެ ދައުރު އެކަމުގައި ނިމުނީއޭ. އެތަން ސާފުކުރާނީ އެހެން މީހުންނޭ،" އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާ އެކު ގިނަ ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ތިމާވެއްޓާ މެދު ނުވިސްނާ ނަމަ މި ގޮތަށް ދަތުރު ދިޔުން ހުއްޓާލަން ބައެއް މީހުން ގޮވާލި އެވެ. އަދި މި ގޮތަށް ކުނި އަޅާ މީހުން ހޯދައި ޖޫރިމަނާ ކުރަން ވެސް ބައެއް މީހުން އެދެ އެވެ.
އެކަމަކު ފިނޮޅުތަކަށް ކުނި އަޅާ މީހުން ހޯދައި، އަދަބު ދެވޭނެ ގޮތެއް ނޯވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަސިބްނާ
27 September 2020
މަވެސް ކުނިއަޅަން. ސޮރީ
އަރިއަތޮޅުއަރުމާޒު
27 September 2020
ފަޅުރަށްތަކާއި، ފިނޮޅުތަކުގެ ބޭނުން ނަހަމަގޮތުގައި އެންމެ ގިނައިންކޮށް، މަންފާ ހޯދަނީ ސަފާރީތައް، އެތަންތަކަށް އެންމެ ގެއްލުންދީ، ކުނިއަޅަނީވެސް ހަމަ ސަފާރީތަކުން އަންނަ މީހުން،....ޓޫރިސްޓުން އެރުވުމުގެކުރިން ކުނިކަހާލާނެ، އެކަމު ކުނިތައް ކޮންމެސް ގޮތަކަށް ނުފެންނަގޮތް ހަދާލާފަ ޓޫރިސްޓުން އަރުވާފަ، ރަށުން ފައިބާއިރު ރަށް ސާފުކުރުމެއް ، ކުނި ނެގުމެއް ނޯވޭ...
ލުތުފީ
27 September 2020
ކިތަންމެ މީރުވަސްދުވާ ސެންޓުޖަހައިގެން ރީތި ހެދުންއެޅިޔަސް އެތެރެ ހުހަށް އޮތީމަވާނީ ތިހެން.
USQ Toowoomba
27 September 2020
ތިކަން ކުރި މީހުންވެސް ތިބޭނީ ދުނިޔޭގެ މަޝްހޫރު ސެންޓު ޖަހައިގެން އަގު ބޮޑު ހެދުން އަޅާފަ، މެލޭޝިޔާ ނޫނީ އިންޑިޔާއިން ޑިގްރީ ނޫނީ މާސްޓާސް ހަދާފަ. ދިވެހިންގެ ތަރައްގީ އަކީ ބުރިޖް، ސިކުނޑިއެއް ނޫން. ޔޫރަޕް މީހުން ގޮތަށް ދިވެހިން ޗުއްޓީއަށް ރިސޯޓަކަށް ގޮސްފިއްޔާ އެތަނުގެ ދުވަސް ދުއްވާލާނެ. އެހެންވެ ކުރީ ޒަމާނު ރާއްޖޭގެ ބައެއް ރިސޯޓުތަކަށް ދިވެހިން ނާރުވަނީ
ތިރަށުއައްމަޑޭ1257
27 September 2020
ދަތުރު ދިޔަ މީހުން ތިބޭނެ ފޭސްބުކުގަ މޮޅެތި އެއްޗެހި ޝެއަރކުރަން..
1234
27 September 2020
ކުނި އަޅަންވީ އަޅާލެއްނަދީ.ދެރަ މީހަކު ކަމެއް ކޮށްލީމަ ފެންނަނީ.މީގައުމެއްތަ.ވައްކަމާ ފޭރުމާ ޖަރީމާ ވަރަށް ސަލާން
ފަނުދުންމާރި
26 September 2020
ޖަޕާނު ސްކޫލް ތަކުގައި ހަދާހެން ކުޑައިރުން ފެށިގެން ރަނގަޅު އާދަތަކަށް ހޭލުން ތެރި ކުރުވަންވީ. ޖަޕާނުގައި އެކުއްޖަކު އުފެއްދި ކުނީ ގެ ޒިންމާވެރިއަކީ އެކުއްޖެއް. ކުލާސް ނިމިގެން ގެއަށް ދެވޭނީ މުޅި ކުލާސް ރޫމް ކުނިކަހައި މޮޕް ކޮށް ސްކޫލް ސާފު ކޮށްފައި. މަގުމައްޗަށް މީހުން އެއްވާ ތަންތަނަށް ކުނިއަޅަނިކޮށް ފެނިއްޖެއްޔާ ކޮމިއުނިޓީ މަސައްކަތް 1ހަފްތާއަށް ކުރަން ޖެހޭނެ. ދެޖިންސް މިކަމުގައި ތަފާތެއް ނެތް. މިރާއްޖޭގެ ފަށާތައުލީމް ގެ ތެރެއިން ކުރަންވީ.
ކިނބޫ
26 September 2020
ޖަޒީރާ ރާއްޖެ އޮންނާނީ އެހެން. މައްސަލަ ހުންނަނީ ކީއްވެ ދައްތާ؟
ވައިސޫރި
26 September 2020
މިކަމުން ދައްކުވައި ދެނީ ގޮތެއް ފޮތެއްނެއް ކަމާއި އެމީހުންގެ ނަޒަރުގާ އެމީހުން ފިޔަވާ ދެންތިބޭނީ ހުސްއަޅުންކަމުގާ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
26 September 2020
ތީނޫންތޯ މައްސަލައަކީ: ލޯބި ކުރަނީ ޑިމޮކްރަސީއަށް ހިންގަނީ ޖަރީމާ. ލޯބި ކުރަނީ ނޭޓަރ އަށް ތުއްތު އިރުން ސުރެން ތިޔައީ ކަން ހިންގާގޮތް. ލޯބި ކުރަނީ އިސްލާމް ދީންއަށް ނަމާދެއް ކުރަނިއްޔެއް ނޫން. މިއްޔަކީ މުޅިރައްޔިތުން ކަން ކުރާ ބީދައެކޭނޫން . އެކަމު ހީވޭ އާބާދީގެ 10 ނުވަތ 15 ޕަސެންޓް އަށް ވުރެ މިޒާތު ސުލޫކު މަދަުވާނޭ ހެނެއް.