މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ޕްރީ ސީޒަން ޕްރެކްޓިހުގެ ތެރެއިން،-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
04 އޮކްޓޯބަރ 2020 - 12:59
ފުޓްބޯޅަ ޕްރެކްޓިސްތައް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި ލިބުނުހާ އަވަހަކަށް ޕްރެކްޓިސް ފަށާނެ ކަމަށް ކްލަބްތަކުން ބުނެފި އެވެ.
އެޗްޕީއޭ އާއި އެފްއޭއެމުން އަންނަނީ ފުޓްބޯޅަ ސީޒަން ފެށުމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެކަން އެފްއޭމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ "މިހާރަ"ށް ކަށަވަރުކޮށްދީފަ އެވެ. އެޗްޕީއޭ އިން ރުހޭ ކޮންމެ ގައިޑްލައިނެއްގެ ތެރެއިން ފުޓްބޯޅައިގެ ކަންތައްތައް ފަށަން އެފްއޭއެމުން އޮތީ ތައްޔާރަށެވެ.
ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން މިހާރު ވެސް އަންނަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ. އެކަމަކު މި ވަގުތު ކުޅުންތެރިންނަށް ފައިސާ ދެވޭނެ ގޮތެއް ނެތީ ޕްރެކްޓިސް ނުކުރާތީ އާއި ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް ރަސްމީކޮށް ނޭނގޭތީ އެވެ. އެކަމަކު އެންމެ ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު ޕްރެކްޓިސް ފަށަން އެޗްޕީއޭގެ ހުއްދަ ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ކްލަބެއްގެ އޮފިޝަލަކު "މިހާރު" އަށް ވަނީ ބުނެފަ އެވެ.
"ޕްރެކްޓިސް ފަށަން ރަސްމީކޮށް ހުއްދަ ލިބުނުހާ އަވަހަކަށް ފަށާގޮތަށް މި ތިބީ. މައުލޫމާތު ލިބިފައިވާ ގޮތުން ވަރަށް އަވަހަށް ރަސްމީކޮށް ހުއްދަ ލިބިގެންދާނެ. ޕްރެކްޓިސް ފެށިއްޖެނަމަ އަވަހަށް ފުޓްބޯޅަ ސީޒަން ވެސް ފެށޭނެ ކަމަށް މި ބަލަނީ،" އެ އޮފިޝަލް ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރަސްމީކޮށް ހުއްދަ ލިބުނުހާ އަވަހަކަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ގިނަ ޓީމުތަކެއް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ޕްރެކްޓިސް ފަށާނެ އެވެ.
އެފްއޭއެމުން މިހާރު ކަނޑައަޅާފައިވާ ކަލަންޑަރުގައިވާ ގޮތުން ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ތާވަލުކޮށްފައި އޮތީ ޑިސެމްބަރު މަހު އަށް ވަނަ ދުވަހަށެވެ. އަދި އެ އަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށާ ގޮތަށެވެ. މި ފަހަރުގެ ލީގު ކުރިއަށްދާނީ އަށް ޓީމުގެ މެދުގަ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށާނަމަ ދެ މަސް ދުވަހުގެ ޕްރީ ސީޒަނެއް ބޭނުންވާ ކަމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކޯޗުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެފްއޭއެމުން ވަނީ މިިދިޔަ ސީޒަނުގެ ފަހު ދެ މުބާރާތް ކެންސަލްކޮށް އަވަހަށް ސީޒަން ނިންމާލައިފަ އެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރޭތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ. އޭރުން ފެށިގެން ފުޓްބޯޅަ ކްލަބްތަކުގެ މަސައްކަތްތައް ހުއްޓި ކުޅުންތެރިންނާއި ކްލަބްތަކުގެ ސްޓާފުންނަށް އާމްދަނީ ލިބޭނެ ގޮތް ވަނީ ބަންދުވެފަ އެވެ. ފުޓްބޯޅައިގައި ހުރި މި ފަދަ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި ކަންތައްތައް ދިގުލައިގެންދާތީ ފުރަތަމަ ޑިވިޝަނުގެ ކޯޗުން އިސްވެ މި ކަންތައްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިއްސާކުރެއްވުމުގެ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަބޭ
04 October 2020
ވޭތުވެ ދިޔަ 5 އަހަރުވެސް ކުޅޭ 2 ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި އެފް.އޭ.އެމްގެ މުވައްޒަފުން އެކަނި ގަލޮޅު ދަނޑަށް ވަނީ.. އެހެން ބަޔަކު ނުދޭ ހިޅޭ ވަދެވެން އޮތް އިރުވެސް. ކޮވިޑް އޮތަސް ނެތަސް މި ރާއްޖޭގެ ފުޓުބޯޅަ އޮތީ ވެންޓިލޭޓަރުގައި ވޭތުވެދިޔަ 8 އަހަރުވެސް.
މޯޑް
04 October 2020
ނިއު އާއި ނުލާ ދިވެހި ފުޓްބޯޅަދާނި ހަމަ ޗޮކުން. ދަނޑަށް ވަންނާނި މީހަކު ވެސް ނުވާނެ
ޑެބީ
04 October 2020
ދިވެހި ލީގަކީ ތިދެން މިރާއްޖޭގަ މީހުން ބަލާވެެސް އެއްޗެއް ނޫން. 60 އަހަރު ވެގެން ދިޔަ އިރުވެސް ކުރިނޭރީމަ ދިވެހިން ފޫހިވެއްޖެ. ގަލޮޅު ދަނޑު ތަޅާލާފަ އެބިމުގަ މަލްޓި ޕޯޕަސް ސްޕޯޓްސް އެރީނާއެއް ހަދަންވީ.