ވިޔަފާރި

އެމްޓީސީސީގެ ބޮޑު ޑްރެޖަރު "މަހާ ޖައްރާފު" ހިންގަން 100 ޕަސެންޓު ދިވެހިން

މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ޑްރެޖަރު، މަހާ ޖައްރާފު-- ފޮޓޯ:އެމްޓީސީސީ

10 އޮކްޓޯބަރ 2020 - 14:44

22 comments

މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ޑްރެޖަރު ރާއްޖެއަށް ގެނައީ 25 އޮކްޓޯބަރު 2017ގަ އެވެ. އެ ދުވަސް ވެގެންދިޔައީ ގައުމުގެ ތާރީހުގައި ވެސް މުހިންމު ބިންގަލެއް އެޅިގެންދިޔަ ދުވަހަކަށެވެ. އެ ދުވަހު އަލިވިލިގެންދިޔައީ ގައުމުގެ ވަސީލަތްތައް ފުޅާވެ، ތަރައްގީއަށް ވާސިލްވުމަށް ކުރާ މަސައްކަތަށް އިތުރު ބޮޅެއް އެކުވެގެނެވެ.

ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ އައިއެޗްސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕާ ސަކްޝަން ޑްރެޖަރު، މަހާ ޖައްރާފު އެމްޓީސީސީއިން ރާއްޖެ ގެނެސް ކުޅުދުއްފުށީގައި ބަނދަރު ކުރުމާއެކު ދިވެހިން ތަރައްގީއަށް ކުރާ އުންމީދު އާވެގެންދިޔަ އެވެ. މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދެކެވެ. މިއުޅަނދަށް އެއްފަހަރާ 3,700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ. މަހާ ޖައްރާފު ޑިޒައިން ކޮށްފައިވަނީ ދުވެލި ބާރު އަދި ތެލުގެ ހަރަދު ކުޑަވާނެ ފަދަ ޓެކްނޮލޮޖީއާ އެކުގަ އެވެ. މިއީ ތިމާވެއްޓަށް ގެއްލުން ނުވާ ފަދަ ގޮތަކަށް ބިން ހިއްކުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

މަހާ ޖައްރާފާއެކު ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތާއި، އުމްރާނީ ތަރައްގީއަށް ވާސިލްވުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދިޔަ އެވެ. މިއީ އިގްތިސާދީ ކުރިއެރުމާއި، ފަތުވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ވެސް ވާގިވެރިވެ، އޭގެ ފައިދާ ކުރުވާނެ ވަސީލަތެކެވެ. އަދި ބޭރު ޤައުމުތަކުގެ ބިންހިއްކުމުގެ މަޝްރޫއުތަކުގައި ވެސް އެމްޓީސީސީއިން ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވުމަށް އެޅުނު ބިންގަލެކެވެ.

އެންމެ ފުރަތަމަ މަހާ ޖައްރާފު ރާއްޖެ ގެނެސް މަސައްކަތް ފެށިއިރު، ބޯޓުގައި ތިބީ 10 ބިދޭސީންނެވެ. ނަމަވެސް މަހާ ޖައްރާފުގެ ފަޅުވެރިން އެއްކޮށް ދިވެހިންނަށް ބަދަލުކުރުމަކީ ފެށުނީއްސުރެ އެމްޓީސީސީގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށް 2018 ވަނަ އަހަރުން ފެށިގެން އެމްޓީސީސީއިން އައީ ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިން މެދުވެރިކޮށް ދިވެހިން ތަންރީނު ކުރަމުންނެވެ. ދިވެހިން ތަމްރީން ކޮށް، މިއަދު މަހާ ޖައްރާފުގެ ހިންގުން އެއްކޮށް މިވަނީ ދިވެހިންނާ ހަވާލުކޮށްފަ އެވެ. މިއީ ސަރަހައްދީ ގޮތުންނާއި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ތާރީހީ ބަދަލެކެވެ. އެގޮތުން ބޯޓުގެ ކެޕްޓަނާއި، ދެ ޗީފް އޮފިސަރުންނާއި ޗީފް އިންޖިނިއަރާއި ސެކަންޑް އިންޖިނިއަރާއި ހަތަރު ޕައިޕް އޮޕަރޭޓަރުންގެ އިތުރުން ޑްރެޖް މާސްޓަރާއި، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރު އަދި ކްރޫއިންނާއި ކައްކާގެ މަގާމުގައި ވެސް މިހާރު ތިބޭނީ ހުސް ދިވެހިންނެވެ.

މި ގެނައި ތާރީހީ ބަދަލާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަހާ ޖައްރާފުގައި މަސައްކަތް ކުރާ މުޅި ކްރޫ ޕަސެންޓު ދިވެހިންނަށް ބަދަލުކުރުމަކީ އެންމެ ފުރަތަމަ އެ ބޯޓު ރާއްޖެ ގެނައިއްސުރެން އެމްޓީސީސީގެ އަމާޒެއް ކަމަށެވެ. މިއަދު މިކަން ހާސިލްވެގެން ދިއުމަކީ ކުންފުންޏަށާއި، ރާއްޖެއަށް ވެސް ލިބުނު ބޮޑު ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިއީ ދިވެހި ސީމަނުންގެ އިންޑަސްޓްރީއަށް އައި އިންގިލާބީ ބަދަލެއްކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ އުޅަނދުފަހަރާއި ޑްރެޖަރުތަކުގައި މަސައްކަތް ކުރުމުގެ ޓެކްނިކަލް ތަމްރީން ލިބިފައިވާ މަސައްކަތްތެރި ޖީލެއް ބިނާވުމުގެ އިތުރު ކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ޤައުމުން ބޭރަށް ދާ ފައިސާ ބޮޑުތަނުން މަދުކުރެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ރާއްޖެ އަދި މި ސަރަހައްދުގައި ވެސް އޮތް އެންމެ ބޮޑު ޑްރެޖަރުގައި މަސައްކަތް ކުރާ ކްރޫ އެކުގައި ދިވެހިންނަށް ބަދަލުކުރުމަކީ ޤައުމަށް ވެސް، އަދި އެމްޓީސީއަށް ވެސް ލިބޭ ބޮޑު ފަޚުރެއް. ކުންފުނިން ވޭތުވެދިޔަ ދެ އަހަރާއި ބައި ވަންދެން މިކަމަށް ތައްޔާރުވެ، ދިވެހިންނަށް ދޭންޖެހޭ ތަމްރީންތައް ދެމުން ދިޔައީ. މުސްތަގުބަލުގައި ވެސް މިބޯޓަށް ނަގާނީ ކަމަށް ގާބިލު ދިވެހިން. އަދި އިތުރު ތަމްރީނު ދީ، މީހުން ނަގަން ޖެހިއްޖެ ހާލަތެއްގައި އެމްޓީސީސީއިން އެކަން ވެސް ކުރާނެ." އާޒިމް ވިދާޅުވި އެވެ.

"މިއީ މުސްތަޤްބަލުގައި އެތައް ދިވެހިންނެއް މި ދާއިރާ އަށް ވަންނަން ލިބޭ ފުރުސަތެއް. މިދާއިރާއަކީ ޓެކްނިކަލް އަދި ރަގަނޅު އާމްދަނީއެއް ލިބޭ ދާއިރާއެއް. ޓެކްނިކަލް ޓްރެއިނިން ލިބި ދިވެހިން މިފަދަ ކަންކަމުގައި ހަރަކާތްތެރިވުމަކީ މުހިންމުކަމެއް. ކުރިން ތިބިހެން ބޭރު މުވައްޒަފުން ބޯޓުގައި ތިބުމުން ކުންފުނީގެ ހަރަދު ވަރަށް ބޮޑު. މިކަމުން ކުންފުނީގެ ހަރަދު ވެސް ކުޑަވޭ. ގައުމުން ބޭރުވާ ފައިސާގެ އަދަދު ވެސް ވަރަށް ބޮޑަށް ދައްކުރެވޭ،"

މަހާ ޖައްރާފުގެ ކެޕްޓަން ހުސައިން ޝަފީގު-- ފޮޓޯ:އެމްޓީސީސީ

މަހާ ޖައްރާފަކީ 100 ޕަސަންޓު ދިވެހިން މަސައްކަތް ކުރާ ބޯޓަކަށް ހެދުމުގެ ބިންގާ އެޅިގެން ގޮސްފައިވާއިރު، މިއީ މިދާއިރާއިން ދިވެހިން ކުރިއެރުވުމަށް އެޅުނު ފިޔަވަޅެކެވެ. ގައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އެޅޭ ފިޔަވަޅެކެވެ. މިކަމުން ދައްކުވައިދެނީ އެމްޓީސީސީއިން ދިވެހި މަސައްކަތްތެރިންނަށް ދޭ އަހަންމިޔަތުކަމާއި، ދިވެހިން ކުރިއެރުވާ، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ދޭ އަހަންމިޔަތުކަމެވެ. މީއީ ގައުމުގެ މަޝްރޫތަކާއި، ގައުމުން ބޭރަށް ދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހިން ކުރީ ސަފަށް ނެރުމަށް އެޅޭ ބިންގަލެކެވެ. ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެވެސް އަމާޒެކެވެ. އެމްޓީސީސީއިން ނެގި މި ފިޔަވަޅާ އެކު ދިވެހި އެހެން ކުންފުނިތަކުން ވެސް މިސާލު ނަގާ ކުންފުނިތަކުގެ ހިންގުމުގައި ދިވެހިންގެ ޝާމިލުކުރުވުން އިތުރުކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އެމްޓީސީސީން އުއްމީދު ކުރެ އެވެ.

މަހާ ޖައްރާފުގެ ޗީފް އޮފިސަރު ހާލިދު މުހައްމަދު ވިދާޅުވި ގޮތުގައި މި ބަދަލަކީ ހުރިހާ ދިވެހިންނަށް ވެސް އުފާވެރި ބަދަލެކެވެ. އަދި މަހާ ޖައްރާފަކީ މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ޑްރެޖަރަށްވާއިރު، އޭގައި މަސައްކަތްކުރާ ހުރިހާ ފަޅުވެރިންނަކީ ވެސް ދިވެހިންނަށް ވުމަކީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ބޮޑެތި ބޯޓުތައް އޮޕަރޭޓްކުރޭ. އެކަމަކު އެ ބޯޓުތަކުގައި ތިބޭނީ ހަމައެކަނި އެ ބޯޓު ނިސްބަތްވާ ގައުމެއްގެ މީހުންނެއް ނޫން. އެހެންވެ ރާއްޖެ ފަދަ ކުޑަ ގައުމަކުން މިހޯދީ ބޮޑު ކުރިއެރުމެއް. މިއީ މިދާއިރާގައި މަސައްކަތްކުރާ އަދި މަސައްކަތް ކުރަން ބޭނުންވާ ދިވެހިންނަށް ވެސް ލިބޭ ބޮޑު ކުރިއެރުމަކާއި އުފަލެއް. އެހެންވެ، އެމްޓީސީސީއިން އިސްނަގައިގެން މިހޯދީ ވަރަށް ބޮޑު ކުރިއެރުމެއް. މިކަމުގައި ދިވެހިން ތަކެއް ތަމްރީންކޮށް، މިގެނައި ބަދަލަކީ މި ދާއިރާއިން ރާއްޖެ ކުރިއަރަން އެޅުނު ބިންގަލެއް." ހާލިދު ވިދާޅުވި އެވެ.

މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ:އެމްޓީސީސީ

މި މަސައްކަތުގައި ހުސް ދިވެހިން ހަރަކާތްތެރިވުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ޤައުމަށް ލިބޭ ކުރިއެރުމެކެވެ. ބޮޑެތި ޑްރެޖަރުތަކުގައި މަސައްކަތް ކުރުމަށް ދިވެހިން ބިނާކޮށް، ދިވެހިންނަށް މިދާއިރާއަށް ވަންނަން ދެވޭ ފަހި ފުރުސަތެކެވެ. މަހާ ޖައްރާފުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ދިވެހިންނަށް ބަދަލުވެފައިވާއިރު، އިޤްތިސާދީ ގޮތުން، އިޖްތިމާއީ ގޮތުން އެކި ދާއިރާތަކަށްވެސް މިއީ ލިބޭ ބޮޑު ފައިދާއެކެވެ. ޤައުމު ބިނާކުރުމުގައި ކުރިއަށް އޮތް ތާނގައި ވެސް މަހާ ޖައްރާފުން މުހިންމު ދައުރެއް އަދާކުރާނެކަން ޔަގީނެވެ. ބަނދަރު ހެދުމާއި، ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވެ، ގެދޮރު ލިބުމުގައި ދިމާވެފައިވާ ދަތިތައް މަހާ ޖައްރާފުގެ މަސައްކަތުން ލުއި ލިބެ އެވެ. މަހާ ޖައްރާފުގެ ސަބަބުން މިވަނީ އެހެން ބަޔަކަށް ބަރޯސާ ނުވެ ގައުމުގެ ތަރައްގީގެ މިފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ލިބިފަ އެވެ. އަދި މިއަދު މި ބޭނުންތެރި ވަސީލަތް 100 ޕަސަންޓު ދިވެހިން މަސައްކަތް ކުރާ އެއްޗަކަށް ހެދިގެން ދިއުމަކީ އެމްޓީސީސީ ފަހުރުވެރިވާ ކަމެކެވެ.

ރާއްޖެއަށް މަހާ ޖައްރާފު ގެނައުމާއެކު އެންމެ ފުރަތަމަ ހިންގި މަޝްރޫއަކީ ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތެވެ. އެއަށްފަހު މަހާ ޖައްރާފުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މައިގަނޑު ބޮޑެތި 13 މަޝްރޫއެއް ހިންގި އެވެ. މީގެތެރޭގައި ހއ. ހޯރަފުށި އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫއާއި ށ. ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫއާއި ކ. މާފުށި ބިންހިއްކުމުގެ މަޝްރޫއާއި ށ. ކޮމަންޑޫ ބިންހިއްކުމުގެ މަޝްރޫއާއި ކ. ތިލަފުށި ކުނި މެނޭޖްކުރާ ސަރަހައްދުގެ ބިންހިއްކުމުގެ މަޝްރޫއާއި ކ. ހުރާ ބިންހިއްކުމުގެ މަޝްރޫއު ހިމެނެ އެވެ.

މަހާ ޖައްރާފުން މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ކ. ގުރައިދޫ ބިންހިއްކުމާއި، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓް ކުންފުނީގެ ތިން ރަށެއް ހިއްކުމުގެ މަޝްރޫއު ހިމެނެ އެވެ. މަހާ ޖައްރާފުން ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިންހިއްކުމުގެ މަޝްރޫއުތަކުގައި ހަރަކާތްތެރިވާނެ އެވެ.

އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައަށް އެންމެ ބޭނުންތެރި ގޮތަށް މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުމަށެވެ. އެ ކުންފުނީގެ އުއްމީދަކީ ދިވެހި ދަރިވަރުން ވެސް މި ދާއިރާއަށް ޝައުގުވެރިކުރުވައި، މިފަދަ ބޮޑެތި އުޅަނދުފަހަރުގެ ޓެކްނިކަލް އެކި ދާއިރާއިން ދިވެހިން ތަމްރީންވެ، މިދާއިރާ ރާއްޖޭގައި ފުޅާވެގެން ދިއުމެވެ. މި އެޅުނު ބިންގަލާއެކު އެމްޓީސީސީއިން ކުރިޔަށް ދާނީ ދިވެހިންނަކީ މިފަދަ ބޯޓުތަކުގެ ކުދި، ބޮޑު ހުރިހާ ފަންތިއެއްގައިވެސް މަސައްކަތް ކުރެވޭ ގާބިލު، ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންމެ ބޯޓަކުން ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި އެމްޓީސީސީގެ މިފަދަ އިތުރު ބޯޓުތައް ގެނެސް، މިދާއިރާއިން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޓީސީސީއިން ކުރާ އުންމީދެކެވެ.

22 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 2%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖ އ ރ

11 October 2020

އެމްޑީޕީ ވެރިކަމެއްގަ ތި ޖައްރާފް ގެނައިނަމަ، އެ ދުއްވަން ނޭނގިގެން، އަދަދު ބުނެދޭން ނޭގޭ ވަރަށް ( ސަލާމަތައް ނުރައްކާވާތީ) އިންޑިޔާ ސިފައިން ގެންނަން ޖެހުނީސް،

The name is already taken The name is available. Register?

އެޑްމުންޑޯ

11 October 2020

މިވެސް ރައީސް ޔާމީނު އެޅުއްވި ދުރުވިސްނޭ އިގްތިސާދީ ހަރުދަނާ ފިޔަވަޅެއް ، މިފަދަ އެތެއް އެސެޓެއް އެބަހުރި ދިވެހިން ފަޚުރުވެރިވާނެފަދަ ، ޝުކުރިއްޔާ ރައީސް ޔާމީނު

The name is already taken The name is available. Register?

ބުރެދި

11 October 2020

ރަނގަޅު އެސެޓެކެވެ. ޕްރޮޖެކްޓް މަސައްކަތްތައް ވެސް ދިވެހީންނަށް ދޭން ވީ އެވެ.

The name is already taken The name is available. Register?

ގާދިރު

11 October 2020

މަހާ ޖައްރާފު ރާއްޖެ ގެނެސް ލިބިނު ފައިދާ ތައް! ކުރިން ބޮސްކާލިސް އަށް މިލިއަން މިލިއަން ޑޮލަރުން ދޭންޖެހުނު ނަގުދު ފައިސާ ތައް ދިވެހިންނާއި ސަރުކާރު ހިއްސާވާ ކުންފުންޔަކަށް ލިބެންފެށުން. މީގެ ސަބަބަން ރާއްޖެ ބޭރުވާނެ ޑޮލަރުތަކެއް ރާއްޖޭގައި ހިފެހެއްޓުން. މިގޮތުން މަހާ ޖައްރާފުން ކުޅުދުއްފުށި އެއާރޕޯޓް، ށ.ފުނަދޫ އެއާރޕޯޓް، ހއ.ހޯރަފުށި އެއާރޕޯޓް، މާފުއްޓާއި އަދި ކ.ގުރައިދޫގެ ބިން ހިއްކިގެން ދިޔައިރު މިއީވެސް ދިވެހިން ފަހުރުވެރި ވާންޖެހޭ ސަބަބެއް.

The name is already taken The name is available. Register?

އަހުރެން

11 October 2020

އާޒިމް ހާދަ ގަދައޭ. ރާއްޖެއަށް މިވަރުގެ ކާމިޔާބެއް ލިބިދާނެ ކަމަށް ދުވަހަ ކުވެސް ހީނު ކުރަން. ބައްލަވަ ނޫސްތަ ކަށް މި ކަހަލަ ޚަބަރު ދެއްވީމަ ދުނިޔޭގެ ޤައުމުތަ ކުން ހަސަދަވެރިވާނެ. މީގެ ސަބަބުން ރައީސް ޔާމީންގެ ތަރައްޤީގެ ޗެޕްޓަރު މި ނިމުނީ

The name is already taken The name is available. Register?

ނައިބު ތުއްުތު

11 October 2020

ދިވެހި މަސްދޯނީތަކުގައި މުސްތަގުބަލުގައި %100 ބިދޭސިން ތިބޭނީ ... މިކަން ހުއްޓުވަން ޖެހޭ ... ނުވާވަރުން ދޯނި ބަނުން ހުއްޓުވުމަށް ... އަދި އެހެން ގައުމުތަކުން ބިދޭސިން ގެނައުމަށް ދޯނި ބަނުން ހުއްޓުވަން ޖެހޭ ...

The name is already taken The name is available. Register?

ހޮޓްކިންގ

11 October 2020

މަހާޖައްރާފު އޮތުމުން ލިބޭކާމިޔާބަށް ބަހެއްވެސްނުބުނު މާބޮޑުކާމިޔާބަކަށް 100 އިންސައްތަ ދިވެހިން ވާޒީފާއަށްވެއްދި ކަންތައް ބޮޑުކާމިޔާބަކަށް ހެދުމުން މިސަރުކާރުގެ ކާމިޔާބީ ފާހަގަކުރާގޮތް ފެނިފާ ހިނިއަންނަނީ.

The name is already taken The name is available. Register?

މަންޑޭލާ

11 October 2020

ދިވެހިންނަކީ ވަރައް ހުނަރު ވެރިމައެއް. ހަމައެކަނި ނޭގެނީ ހެލިކަޕްޓަރު ދުއްވަން.

The name is already taken The name is available. Register?

އަ ކުރަމް

10 October 2020

އިންޑިޔާ ކުދިން ގެންނަންވީނު

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

10 October 2020

މަހާޖައްރާފުގަ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރަން މިސަރު ކާރުން އެއްވެސް ކަމެ ކުރިބާ..އެހެން މިބުނީ މަހާޖައްރާފުން ކުޅުދުއްފުށި އެއާރޕޯޓުއަޅަން ބިންހިއް ކީމަ ތިމާވެއްޓަށް ވަރަށް ގެއްލުންލިބުނު ވާހަ ކަ އޭރު ގޮވީތީ..މިހާރު ގެއްލުން ކުޑަ ކޮށް ނޫނީ ގެއްލުން ނުވާ ވާހަ ކަ ބުނާތީ އަހާލެވުނީ މިސަރު ކާރުން މަހާޖައްރާފަށް ބަދަލެގެނައީތޯ...ޝު ކުރިއްޔާ ދިވެހިންގެ ދިވެހި ރައީސް ރޔާމީން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454