މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
19 އޮކްޓޯބަރ 2020 - 23:14
ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 19) - މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވޭ ވަރަށް ޕާލަމެންޓުގެ ތާއީދު ހޯއްދެވުމަށް މެންބަރުންގެ ލިސްޓެއް އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ރަސްގެފާނަށް ހުށަހެޅުއްވުމުން، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
އަންވަރަށް ތާއީދުކުރާ ކަމަށް ބުނާ ޕާލަމެންޓުގެ ބައެއް މެންބަރުންގެ ލިސްޓް ސޯޝަލް މީޑިއާގައި އާއްމުކުރުމާ އެކު ފުލުހުން ބުނެފައި ވަނީ ބައެއް މެންބަރުން މައްސަލަ ޖައްސާފައިވާ ކަމަށެވެ. އަންވަރު ވިދާޅުވީ މެންބަރުންގެ ލިސްޓު ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ. ނަމަވެސް އަންވަރު ވިދާޅުވީ އެއީ ފުލުހުންނަށް ދެވޭނެ ލިސްޓެއް ނޫން ކަމަށާއި ލިސްޓާ ބެހޭ މައުލޫމާތު ހޯދޭނީ ހަމައެކަނި ރަސްގެފާނަށް ކަމަށެވެ.
"ހައިރާންވާން ޖެހޭ ކަމަކީ ފުލުހުން ލިސްޓް ބޭނުންވެގެން އުޅޭތީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން 73 އަހަރުގެ އަންވަރު ވިދާޅުވި އެވެ. "މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް. މިއީ ޖެއްސުން ކުރުމެއް."
އަންވަރު ވިދާޅުވެފައި ވަނީ ޕާލަމެންޓުގެ 120 އަށް ވުރެ ގިނަ މެންބަރުން އޭނާ އަށް ތާއީދުކުރާ ކަމަށެވެ. ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ޕާލަމެންޓުގެ 222 މެންބަރުންގެ އަޣުލަބިއްޔަތު ތާއީދު ބޭނުންވާނެ އެވެ.
އަންވަރަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންފި ނަމަ އެ ހާސިލް ކުރެވުނީ 20 އަހަރު ވަންދެން ކުރެއްވި އުއްމީދެކެވެ. ޖަލުގައި އަހަރުތަކެއް ހޭދަކުރެއްވި އަންވަރު މިނިވަންކޮށްފައި ވަނީ މަހާތިރު މުހައްމަދު އިސްކޮށް ހުންނެވި އިދިކޮޅު އިއްތިހާދު 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ފަހު އެވެ. އާ ސަރުކާރުގައި މަހާތިރަށް ފަހު ބޮޑުވަޒީރުކަން ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ބޭފުޅަކީ އަންވަރެވެ. ނަމަވެސް ކޯލިޝަން ތެރޭގައި އުފެދުނު ޚިޔާލުތަފާތުންތަކާ ގުޅިގެން މަހާތިރު އިސްތިއުފާ ދެއްވުމާ އެކު، ބޮޑުވަޒީރުކަން ހޯއްދެވީ މުހްޔިއްދީން ޔާސީނެވެ. އޭނާގެ ސަރުކާރަށް ޕާލަމެންޓުގައި ލިބިފައި ވަނީ ދެ ގޮނޑީގެ އަޣުލަބިއްޔެތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޔާނީ
20 October 2020
މިތާންގެ ބޮޑުވަޒީރު ކަމަށް އަންނަން އުޅޭ މީހާގެ މައްސަލަ ނުބަލަނީ ކީއްވެ!
ލަގޮނޑި
20 October 2020
ޖާބިރުގެ ޕާޓީ އަށް ވެސް ތިވަރު ނުވަނީ ކިރިޔާ އެވެ.