އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަން މީގެ ކުރިން ބޭއްވި އެއްވުމެއްގައި.
02 ނޮވެމްބަރ 2020 - 12:45
މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރާ ހަމައަށް މުޅިން އަލަށް 34 މީހުންނަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ދެނެގަނެވިފައިވާ ކަމަށް އޮންކޯސާޖަން ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން އޭނާގެ ބްލޮގުގައި، މިދިޔަ ހޯމަ ދުވަހު ލިޔުއްވި ލިޔުއްވުމުގައި ވިދާޅުވީ 2018 ވަނަ އަހަރު ދިވެހިންގެ ތެރޭގައި އަލަށް ދެނެގަނެވުނު ކެންސަރު ބަލި މީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރުގެ ބަލި މީހުން ކަމަށެވެ. އެއީ 73 މީހުންނެވެ. އެ އަދަދަކީ އެ އަހަރު އަލަށް ކެންސަރަށް ޑައިގްނޯސްވި މީހުންގެ 17 ޕަސެންޓެވެ.
މިިދިޔަ އަހަރު އައިޖީއެމްއެޗުގައި 52 މީހުން ވަނީ އުރަމަތީގެ ކެންސަރަށް އޮޕަރޭޝަންކޮށް އިތުރު ފަރުވާ ފަށައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 34 މީހުން އަލަށް ބައްޔަށް ޑައިގްނޯސްކުރެވި ފަރުވާ ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ޑރ. ޝިފާން ވިދާޅުވީ އުރަމަތީގެ ކެންސަރުގެ އެންމެ އާއްމު އުމުރަކީ 40-60 އަހަރާ ދެމެދުގެ މީހުންނެވެ. އޭގެ ތެރެއިން 60 އަހަރުން މަތީގެ މީހުންގެ ތެރޭގައި އެންމެ ގިނައީ ފުރަތަމަ ޑައިގްނޯސް ކުރެވޭ އިރު ވެސް ބޮޑަށް ބަލި ފެތުރިފައި ތިބޭ ކަން ފާހަގަކުރެއްވި އެވެ.
2018 ވަނަ އަހަރު ދިވެހިންގެ ތެރޭގައި އަލަށް ދެނެގަނެވުނު ކެންސަރު ބަލިމީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރުގެ ބަލިމީހުން، އެއީ 73 މީހުން، އެއީ އެއަހަރު ކެންސަރ އަށް އަލަށް ޑައިގްނޯސްވީ މީހުންގެ %17 އެވެ. https://t.co/j4mStlLpiD
— 𝕄.𝕊ℍ𝕀𝔽ℕ⚕ (@dr_shifan) October 31, 2020
އުރަމަތީގެ ކެންސަރުގެ އެންމެ އާއްމު އަލާމާތަކީ އުރަމަތިން އަލަށް ފާހަގަކުރެވޭ ދުޅައެއް ނޫނީ ތަދުނުވާ ހަރު، ގަނޑުކޮޅެކެވެ. އެ ސަބަބަށްޓަކައި އުރަމަތިން އަލަށް ގަނޑުކޮޅެއް ފެނިއްޖެނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަށް ދައްކައި ޗެކްކުރަންވާނެ އެވެ. އެ ބަލީގެ އިތުރު އަލާމާތްތަކުގެ ތެރޭގައި އުރަމަތި އެއްކޮށް ނޫނީ ބައެއް ދުޅަވެފައި ހުރުމާއި ހަށިގަނޑު ރޫޖެހި އެތެރެއަށް ވަދެފައި ހުރުމާއި އުރަމަތި ނޫނީ ވައްގަނޑުގައި ރިއްސުން ހިމެނެ އެވެ.
އުރަމަތީގެ ކެންސަރުގެ ތަފާތު ވައްތަރުތައް ހުރެ އެވެ. ބައެއް ފަހަރު ފަރުވާގައި ވެސް ތަފާތުތަކެއް ހުރެ އެވެ. މައިގަނޑު ގޮތެއްގައި އުރަމަތީގެ ކެންސަރު ބެހެނީ ދެ ބަޔަކަށެވެ.
ނުފެތުރޭ ވައްތަރުގެ ކެންސަރުގައި، ޑަކްޓަލް ކާސިނޯމާ އިންސިޓޫ، ލޮބިއުލާ ކާސިނޯމާ އިންސިޓޫ ހިމެނެ އެވެ. ފެތުރޭ ވައްތަރުގެ ތެރޭގައި އިންބޭސިން ޑަކްޓަލް ކާސިނޯމާ، އިންވޭސީވް ލޮބިއުލާ ކާސިނޯމާ، ޕޭޖެޓްސް ޑިޒީސް، އިންފްލެމޭންޓްރީ ބްރެސްޓް ކެންސަރު، ފައިލޮއިޑްސް ޓިއުމާ، ކައިރިއަށް ފެތުރިފައިވާ އުރަމަތީގެ ކެންސަރު އަދި ދުރަށް ފެތުރިފައިވާ އުރަމަތީގެ ކެންސަރު ހިމެނެ އެވެ.
ޑރ. ޝިފާން ވިދާލުވީ ސީދާ އުރަމަތީގެ ކެންސަރުން ރައްކާތެރިވެވޭނެ ވަކި ގޮތެއް ނޯންނަ ކަމަށެވެ. އެކަމަކު ބަލި ޖެހުން ދުރުކުރުމަށް ދިރިއުޅުމުގެ އާދަކާދައާ ގުޅިފައިވާ ކަންކަން ބަދަލުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބަނގުރާ ބުއިން ހުއްޓާލުމާއި ކަސްރަތު ކުރުން ހިމެނެ އެވެ.
އުމުރުން 40-44 އަހަރާ ދެމެދުގެ އަންހެނުން އަހަރަކު އެއްފަހަރު މެމޯގްރާމް ހެދުން އިހުތިޔާރުވެ އެވެ. ބަލިން ރައްކާތެރިވުމަށް 45-54 އަހަރާ ދެމެދުގެ އަންހެނުން އަހަރަކު އެއްފަހަރު މެމޯގްރާމް ހެދުމަށް ބާރު އަޅައި 55 އަހަރާއި އެއަށްވުރެ ދޮށީ އުމުރުގެ އަންހެނުން މެމޯގްރާމް ބޭނުންކޮށްގެން ދެ އަހަރުން ދެ އަހަރުން އެއް އަހަރު ނޫނީ އަހަރަކު އެއްފަހަރަކު ސްކްރީންކުރުން ރަނގަޅު ކަމަށް ވިދާޅުވި އެވެ.
މުޅި ދުނިޔޭގައި ވެސް އޮކްޓޯބަރު މަސް ފާހަގަކުރަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނިގޮތުގައި އުރަމަތީގެ ކެންސަރަކީ އަންހެނުންގެ މެދުގައި އެންމެ އާއްމު ކެންސަރު ބައްޔެވެ. އަދި ކެންސަރު ބައްޔެއްގައި އެންމެ ގިނަ އަންހެނުން މަރުވަނީ ވެސް އުރަމަތީގެ ކެންސަރުގައި ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ. އެގޮތުން، 2018 ވަނަ އަހަރު ވެސް 627،000 އަންހެނުން އުރަމަތީގެ ކެންސަރުގައި މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
02 November 2020
އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި މެމޮގްރަފީ ހެދުމަކީވެސް ސިއްހީ ގޮތުން އެހޭ ރަނގަޅު ކަމެއްނޫން. އެއީ މެމޮގްރަފީގައި ބޭނުންކުރާ އެކްސޭ ރޭޑިޝަނަކީވެސް އޭގެ ޒާތުގައި ކެންސަރަސް އެއްޗެއް. އޭގެ ބަދަލުގައި ތަރމޯގްރަފީ ހެދުން މާބޮޑަށްވެސް ރައްކާތެރި.