ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ސޫޒަން.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
09 ނޮވެމްބަރ 2020 - 14:55
ސަސްޕެންޝަނުގައި ހުންނެވި، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފު އިސްތިއުފާ ދެއްވައިފި އެވެ. އެއާއެކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެ މަގާމަށް އާ ބޭފުޅަކު ހޯދުމަށް އިއްޔެ އިއުލާނުކޮށްފި އެވެ.
ސޫޒަންއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާއި ސީއެސްސީން ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން، އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތަކެއް ބެލުމަށް އޭނާ ސަސްޕެންޑުކުރީ މިދިޔަ ސެޕްޓެމްބަރު 17 ގަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 15 ގައި ވަނީ މަގާމުން ވަކިވެވަޑައިގެންފަ އެވެ.
ޖުލައި 25، 2019 ގައި ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަންކުރެއްވި ސޫޒަންއާ ގުޅޭގޮތުން، އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީއެސްސީއަށް ފޮނުވި ސިޓީއެއްގައި ބުނީ އޭނާގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރުމުގެ ގާބިލްކަން ހުރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެކަންކަމުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ޕީއެސްގެ މަގާމުގައި ހުންނަވައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ސިޓީގައިވާ ގޮތުން، މިނިސްޓްރީގައި އޮންނަ އެޗްއާރުއެމްޑީ ކޮމިޓީއާ މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ވެސް އެ ކޮމިޓީއާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ސޫޒަން ވަނީ ނިންމަވައިފަ އެވެ. އޭގެ އިތުރުން މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ކަންކަމުގައި ބޮޑެތި އިހުމާލުތަކެއް ވުމުގެ އިތުރުން އެކި މުވައްޒަފުންގެ މެދުގައި ވެސް ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތުކޮށްފައި ވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލުމަށް މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދު ހާސިލްކޮށްފައިވުމާއި ސަރުކާރު ނުވަތަ އަމިއްލަ ޖަމިއްޔާއެއް ނޫނީ ޖަމާއަތެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ޕީއެސްއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 20،500ރ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއެކު 35،500ރ. ލިބިވަޑައިގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ އަލިދީދީ
09 November 2020
މޮޅު ކުއްޖެއް. ކުރިއަށް ބާރަށް. ޖޭވާނެ މީހުން އުޅޭނެ
ނެތޭ ފެންވަރެއް
09 November 2020
އެކަހަލަ ކުދިން ނަށް އުޅެވޭނީ ޔާމީނުގެ ސަރުކާރެއް ގައެވެ. ދަށުން ދަމާ ނުކުޅެވޭ ސަރުކާރެއްގައި އުޅެން ދަތިވާނެ އެވެ.