ޓައިނީ ހާޓްސް އެންޖީއޯއިން ކުޑަކުއްޖަކަށް އެހީވަނީ-- ފޮޓޯ: ދިރާގު
24 ނޮވެމްބަރ 2020 - 21:09
ދިރާގުން މި އަހަރު އަލަށް ތައާރަފުކުރި ލައިފްސްޓައިލް މޯބައިލް އެޕްލިކޭޝަން، "ނައުއެމްވީ" މެދުވެރިކޮށް، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަދައިފި އެވެ.
މި އެޕުގައި ހިމަނާފައިވާ ހާއްސަ ފީޗާ މެދުވެރިކޮށް އެންޖީއޯތަކަށް ޑޮނޭޝަން ދިނުމުގެ އިތުރުން އެ ޖަމިއްޔާތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިން ތަކަށް ވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. މިހާތަނަށް "ނައު އެމްވީ" ގައި ހަތަރު އެންޖީއޯއެއް ވަނީ ލިސްޓުކޮށް، ކޮންމެ އެންޖީއޯއަކަށް ހާއްސަ ފަންޑްރެއިޒާއެއް ހުޅުވައިފަ އެވެ.
ދިރާގުގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އަހުމަދު ޝިނާއު އަބްދުލްގާދިރު ވިދާޅުވީ، މިއީ އެންޖީއޯތަކަށް އާއްމުންގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތު ކަމަށެވެ. އެހެންކަމުން ދިރާގުން އެ ޖަމިއްޔާތަކަށް އެހީވާން މިފަދަ ޕްލެޓްފޯމެއް ގާއިމު ކުރެވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑް-19ގެ ސަބަބުން ވަރަށް ގިނަ އެންޖީއޯތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރަން ދަތިތައް ކުރިމަތިވެފައި ވާތީ، ދިރާގު 'ނައުއެމްވީ' އެޕް މެދުވެރިކޮށް ބޭނުންވީ އެންޖީއޯތަކާއި އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ އެހީވެވޭނެ ގޮތް ތަނަވަސް ކޮށްދޭން. އެންޖީއޯތަކުން ކުރާ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެންޖީއޯތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމްކުރުން،" ޝިނާއު ވިދާޅުވި އެވެ.
ދިރާގު "ނައުއެމްވީ" މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ "ދިރާގުޕޭ" އިންނެވެ. "ނައުއެމްވީ" އަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާތައް އެކުލެވޭ އެޕްލިކޭޝަނެކެވެ.
މި އެޕް ޑައުން ލޯޑު ކުރަން ބޭނުންވާ މީހުންނަށް https://bit.ly/2yA5Jb3 މެދުވެރިކޮށް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy