ފުވަމުލަކު މާނޭރޭ ސަރަހައްދު--
13 ޖެނުއަރީ 2021 - 12:11
ފުވަމުލަކުގެ މާނޭރެ ސަރަހައްދު މޫދުގައި އޮންނަ އޮއެ ބާރު ނެރުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވާތީ އެ ތަން ބަންދު ކުރުމަށް ގޮވައިލާ އަޑުގަދަވެ، ޕެޓިޝަނެއް ހަދައިފި އެވެ.
މީގެ ކުރިން މަސްވެރިކަމަށް އުޅަނދުފަހަރު ނުކުންނަ ފުވަމުލަކު ފަރުމަތިން އަށް ނެރެއް ކޮނެފައި ވެ އެވެ. މީގެ އަހަރު ތަކެއް ކުރިން ވަނީ އޭގެ ތެރެއިން ހަތަރު ނެރެއް ބަންދުކޮށްފަ އެވެ. ނަމަވެސް ދެން ހުރި ސަރަހައްދުތަކަށް މީހުން މޫދަށް އެރި އުޅުމާއި އެހެން ގޮތް ގޮތުން ވެސް ނުރައްކާތެރި ހާދިސާތައް ހިނގައި ބައެއްގެ ފުރާނަ ވަނީ ގޮސްފަ އެވެ.
މި މައްސަލަ އަނެއްކާ ވެސް ހޫނުވީ، މިދިޔަ ހޮނިހިރު ދުވަހު މާނޭރޭ ސަރަހައްދަށް މޫދަށް އެރިއުޅުނު ކުޑަ ދެ އަންހެން ކުދިން ނެރާ ދިމާލުން އޮޔާ ބޭރަށް ދަމައިގަތުމުން ސަލާމަތް ކުރަން ދިޔަ އުމުރުން 17 އަހަރުގެ އަހުމަދު ފައުޒާން މަރުވުމާ ގުޅިގެނެވެ.
އެ މައްސަލަ ހޫނުވެ، ހަދާފައިވާ ޕެޓިޝަނުގައި ވަނީ އެ ނެރުތައް ބައްދާލައި އެ ސަރަހައްދު ބަންދު ކުރުމަށް ކައުންސިލާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. މިހާތަނަށް 2،000 އަށް ވުރެ ގިނަ ސޮއި އެ ޕެޓިޝަނަށް ވަނީ ލިބިފަ އެވެ. އެ ތައްޔާރު ކުރި މީހުން ވަނީ ފުވަމުލަކު ސިޓީ ކައުންސިލަށް ވެސް އެ ޕެޓިޝަން ހުށަހަޅައިފަ އެވެ.
ފުވަމުލަކު ނެރުތައް ބަންދު ކުރުމަށް އެ ރަށު ރައްޔިތުން ގޮވާލަމުން އަންނައިރު ސެޕްޓެމްބަރު 12، 2020 ގައި ސިޓި ކައުންސިލުން ވަނީ އެ މައްސަލަ ހައްލު ކުރުމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
"މިހާރު" އަށް ލިބިފައިވާ އެ ސިޓީއާއެކު، ނެރު ބެއްދުމަށް ބޭނުންވާ ކުރެހުންތައް ވެސް އެ ތާރީހުގައި މިނިސްޓްރީ އަށް ވަނީ ފޮނުވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ކައުންސިލް މެންބަރަކު ވިދާޅުވީ އޭރު ފޮނުވި ސިޓީތަކަށް ރައީސް އޮފީހުންނާއި ޕްލޭނިން މިނިސްޓްރީން ވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. ވީ އެންމެ އަވަހަކަށް ކައުންސިލުން މާލެ އަށް ކުރާ ދަތުރުގައި މި މައްސަލަ ފާހަގަކޮށް، ހައްލު ކުރަން އެދޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
13 January 2021
އޮއިދެމުން އެއީ މުހިންމު ކަމެއް އެކަމަކު މީހުންގެ ފުރާނަ އެއައްވުރެ މުހިންމު. އެދިމާލުން ހުރަހަށް ވާގޮތަށް ވަލެއް އެޅުން ކިހިނެއްތޯ؟ ވަލުގެ ކޮންމެ 10 ފޫޓަކުން ބޮއެ އެލުވާފަ ބަހައްޓާނީ. އޭރުން އޮޔާދާ ކުއްޖާއަށް ވަލުގަ ހިފޭނެ. ބައެއް ރިސޯޓްތަކުގަ މިހެން ހަދާފަހުރޭ އޮއި ގަދަ ދިމަދިމާލުގަ.
ޖުހަބެ
13 January 2021
ޢަދި އަވަހެއް ނޫންތޯ؟
ބަޑިއެދުރުކަލޭގެފާނު
13 January 2021
ފުވައްމުލަކު ބަނދަރު ޙެދިފަހުން މަނޭރެ ނެރުގެ ބޭނުމެއް ނުހިފޭ. އެނެރުގެ ސަބަބުން އެތަށް ފުރާނައެއް ގެއްލިގެން ހިނގައްޖެ. ނެރު ބައްދަން ރައްޔިތުން އެދެމުންދާތާ ޢަހަރުތަކެއް ފާއިތުވެއްޖެ. 30 ވަރަކަށް ތިންފާޖެހި ގަލުން އެތަން ބެއްދޭނެ!
ފަހުދު
13 January 2021
އެތަނައް ނޭރުނީމަ ވީނު
ޚިޔާލ
13 January 2021
ސުވާލަކީ ނެރު ބެއްދުމަކީ ހައްލެއްތޯ. މީހަކު ރުކަކުން ވެއްޓުނީމަ ރުއްކަނޑާލުން އެއީތޯ ހައްލަކީ. އެކްސިޑެންޓެއް ވީމަ މަގު ބަންދުކުރުންތޯ ހައްލަކީ. ދުނިޔޭގަ އުޅޭއިރު ތަފާތު އެކި ޙާދިޘާތައް ދިމާވާނެ. އެކަން ދިމާވާނީ ކާކަށް ކޮންވަގުތަކުކަމެއް ނޭނގޭނެ. އަމިއްލަ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަމަށް މީޙުން ހޭލުންތެރި ކުރުވީމަ މިފަދަ ހިތާމަވެރި ކަންކަން ހިނގުން މަދުކުރެވިދާނެކަމަށް ފެނޭ
މޮހިތު
13 January 2021
ބޭނުން ނުކުރާ ނެރެއް! އެތައްބައެއްގެ ފުރާނަ ގޮއްސި. ނެރުބައްދަން މާލަސްވެސްވެއްޖެ!
ނެރު
13 January 2021
ވާނުވާ ނޭނގި ކޮމެންޓް ނުުކުރަންވީނު.
ނެރުބައްތި
13 January 2021
ޚިޔާލު ތި ބުނީ ވަރަށް ރަގަޅު ވާހަކައެއް. އެހެން ގައުމުތަކުގައި މިޔަރު އުޅޭ ތަންތަނަށް މީހުން އެރުނަނުދޭން ބޯޑު އެއްޗެހި ބަހައްޓާފަހުރޭ. އެކަމު މިގައުމުގެ ރަށްރަށުގަ ނުރައްކާތެރި އޮއި ހުންނަ ސަރަހައްދުތައް މޫދަށް އެރޭ މީހުންނަށް އެނގޭނެހެން ބޯޑެއް ނުބެހެއްޓޭ. އެރަށެއްގަ އުޅޭ ބަޔަކަށް އެފަދަ ތަންތަން އެނގި ތިބެ އެފަދަ ސަރަހައްދުތަކަށް މީހުން މޫދަށް އެރުނަދިނުމަކީވެސް މައްސަލައެއް.
ސިމްޕަލް
13 January 2021
ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ސެޕްޓެމްބަރު 12ގައި ފޮނުވި ސިޓީއަށް މިހާތަނަށް ޖަވާބު ނުދިނީމާ ހާމަވެގެންދަނީ ފުވައްމުލަކާމެދު ޕްލޭނިން މިނިސްޓްރީން ދެކޭގޮތް. ތިޔަކަމާ ބެހޭގޮތުން ވާހަކަދައްކަން ކައުންސިލްގެ މާލެދަތުރަށް މަޑުކުަރަން މިއީ ރިޔާނެގި ބައްތެލިގައި ސިޓީ ފޮނުވައިގެން ސަރުކާރާ މުއާމަލާތްކުރި ޒަމާނެއްނޫން. ފުވައްމުލައް ތަމްސީލްކުރާ ރައްޔިތުންގެ މަޖިލިހުގެ 3 މެންބަރުންގެ ފަރާތުން ތިމައްސަލަ މަޖިލިހުގައި ނަގައިގެން ކުރިއަށްދާންވީ.
ފުވައްމުލަކުގެ ދޫ
13 January 2021
ލަސްވެސް ވެއްޖެ ތިކަން ކުރަން. އަވަސް ކުރޭ. އިރުމަތީ ފަރާތު ނެރުތައް ބަންދުކުރި ގޮތަށް ހުޅަނގު ފަރާތު ނެރުތައްވެސްބޭރުން ގެރިގާ ޖަހާ އަވަހަށް ބަންދު ކުރޭ. އެތަން ތަނުގެ ބޭނުމެއް ނެތްތާ ކޮން ޒަމާނެއް. އެހެން ބަހައްޓަން ހަދައިގެން އގުހުރި ކިތައް ފުރާނަ ގެއްލިގެން ގޮސްފިތަ؟ އިތުރު ފުރާނަތަކެއް ގެއްލޭކަށް ނޭދެން..!